Roadha Mihaaru
"ބޭރުގެ ނުފޫޒާއެކު ވަކި ކަންތައްތަކަކަށް މަޖުބޫރުކުރޭ"

ބޭރުގެ ނުފޫޒާއެކު ވަކި ގޮތަކަށް ކަންކަން ކުރަން މަޖުބޫރު ކުރޭ: ރައީސް ޔާމީން

02 ޖުލައި 2018

ރާއްޖޭގައި ގާނޫނުތަކާއި އުސޫލުތަކެއް ކަނޑައަޅާފައިވީ ނަމަވެސް ބޭރުގެ ނުފޫޒާ އެކު ބައެއް ކަންކަން ވަކި ގޮތަކަށް ކުރަން މަޖުބޫރު ކުރުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި ގާނޫނުތަކާއި އުސޫލުތަކެއް ކަނޑައަޅާފައިވީ ނަމަވެސް ބޭރުގެ ނުފޫޒާ އެކު ބައެއް ކަންކަން ވަކި ގޮތަކަށް ކުރަން މަޖުބޫރު ކުރުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކަނޑިތީމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ މަޖުބޫރު ކުރުވަންތައް ސަރުކާރަށް އަންނަނީ ޑިމޮކްރަސީގެ ނަމުގައި ކަމަށެވެ. އޭގައި، ދިވެހިންތަކެއްގެ ބައިވެރިވުން ހިމެނޭ ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން މިވެނި ކަންތައްތަކެއް ތަރުތީބު ކުރަން އެމަނިކުފާނަށް ބޭރުގެ ނުފޫޒު ގަދަ ފަރާތްތަކުން ބާރުއަޅާނެ ކަމަށް ބުނެ ވެސް ސޯޝަލް މީޑިއާގައި ލިޔަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ދިވެހިންތަކެއް އަޑީގައި ތިބެ އެ ކުރުވާ ކަންތައްތަކާ، ހަސަން ތާޖުއްދީންގެ ދެ ދަރިން ގައުމާ މެދު އަމަލުކުރި ގޮތާ ހުރި ތަފާތެއް ކޮބައިތޯ ރައީސް ސުވާލު ކުރެއްވި އެވެ. ހަސަން ތާޖުއްދީންގެ ދެ ދަރިން ކުރަން އުޅުނު ކަމަކީ، ބޭރު މީހުންގެ އެހީއާ އެކު ރާއްޖޭގެ ވެރިކަން ބަދަލުކުރުމެވެ.

ރައީސް ބިލެތްފަހީގައި: ޑިމޮކްރަސީގެ ހައްގުތައް ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށް ވިދާޅުވި. --ރައީސް އޮފީސް

ރައީސް ބިލެތްފަހީގައި: ޑިމޮކްރަސީގެ ހައްގުތައް ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށް ވިދާޅުވި. --ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރާއްޖެ އަށް ފިއްތުންތައް އަންނާނެ ދިމާތައް ބަލައި، މިދިޔަ ހަފުތާގައި ސަރުކާރުގެ ވަފުދެއް ފޮނުއްވި އެވެ. ރައީސް ޔާމީން އެ އިޝާރާތް ކުރެއްވީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އުޅޭ ކަމުގެ ވާހަކަތައް ފެތުރިފައި ވަނިކޮށް، އެ ޖަމާއަތުގެ އިސް ބޭފުޅުންނާ ބައްދަލުކުރަން ސަރުކާރުގެ ވަޒީރުންތަކެއް ވަޑައިގަތް ވާހަކަ އަށެވެ.

އީޔޫގެ އިސް ބޭފުޅުންނާ ބައްދަލު ކުރަން ވަޑައިގަތީ، ފޮރިން މިނިސްޓަރު މުހައްމަދު އާސިމާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިތުރުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ.

"[ވަޒީރުންނާ އެކު އީޔޫން] ދެއްކުނު ވާހަކަތަކާއި މި ބޭފުޅުން [ވަކި ކަންތައްތަކެއް ތަރުތީބުކުރަން ސަރުކާރަށް އަންގާނެ ކަމަށް ބުނާ މީހުން]ގެ ޓުވީޓްތަކުގައި ހުރި ވާހަކަތަކަކާ ތަފާތެއް ނެތް. އެހެންވީމާ ރާއްޖެ އަށް، ވަކި ކަމެއް ކުރުމަށް، ވަކި ކަމެއް ނުކޮށް ދޫކޮށްލުމަށް ވަކި ކަހަލަ މިނިވަން ކަމަކަށް، ހައްގަށް ހުރަސްއަޅައި ވަކި ކަންތައްތަކެއް ކުރުވަން ބޭރުގައި ތިބެގެން މަޖުބޫރު ކޮށްގެން ބޭރުގެ ބަޔަކު ލައްވައި، ބޭރުގެ ވަރުގަދަ ނުފޫޒު ހުރި ގައުމުތަކެއް ލައްވައި މަޖުބޫރު ކުރުވުމަކީ ރާއްޖޭގެ މުސްތަގުބަލާ މެދު ވިސްނާ ކޮންމެ މީހަކު ވިސްނަންވާނެ، މި ހިސާބުން މިކަން ނިމުނީތޯ؟" ރައީސް ވިދާޅުވި އެވެ.

"މިހާރު އެ މަޖުބޫރު ކުރުން، މާދަމާ އެހެން މަޖުބޫރު ކުރުވުމެއް. އަންނަ އަހަރު އެ އަށް ވުރެން ބޮޑެތި ކަންކަން. ދެން އަޅުގަނޑުމެން ހިތަށް އަންނަންވީ އެ ކަންކަމަށް ފަހިކުރާ ސަރުކާރެއް އައިސްފި ކަމަށް ވަންޏާ ދެން އަޅުގަނޑުމެން އެންމެން މަނާވެގެން ތިބި ކަންކަމާ މެދު އަލުން ވިސްނަން ނުޖެހޭނެ ބާއޭ؟."

ގެއްލިގެން މިއުޅެނީ ޑިމޮކްރަސީގެ ކޮން ހައްގެއް؟

ތަރައްގީގެ ވިސްނުންތަކެއް އަދި ތަރައްގީކުރާނެ ގޮތްތަކެއް އެމަނިކުފާނާ ވާދަކުރައްވާ އިދިކޮޅު ބޭފުޅުން ނުދައްކަވައި ޑިމޮކްރަސީގެ ވާހަކަ ދައްކަނީ ކޮން ހައްގެއް ގެއްލިގެންތޯ ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި އިމެއް ނެތި ހުޅުވާލާފައިވާ ކަމަށާއި އޭގެ ހެއްކަކީ ސޯޝަލް މީޑިއާގައި ހައްދެއް ނެތި ކަންކަމަށް ފާޑުކިއުން ކަަމަށް ރައީސް ވިދާޅުވި އެވެ. އޭގެތެރޭގައި ދީނަށް ފުރައްސާރަކުރުން ފަދަ ކަންކަން ހިންގާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކޮންކަމަކަށްތޯ ފާޑު ނުކިޔަނީ؟ އަޅުގަނޑުމެންގެ ދީނުގައި ހުރި ބައެއް ކަންކަމަށް ފާޑު ނުކިޔާތޯ؟ ދިވެހި މަންމަ އާއި ބައްޕަ އަށް ލިބިފައި ތިބި ދަރިން ބޭރުގައި ތިބެގެން ދީނަށް ފުރައްސާރަ ނުކުރޭތޯ؟ އެކި ކަންކަމަށް ފާޅުގައި ގޮންޖަހާލާފައި ވާހަކަ ދައްކާ މީހުން މަދުތޯ؟" ރައީސް ސުވާލު ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ބަލައިލި ނަމަވެސް ގާނޫނުއަސާސީން މަނާ ނުކުރާ ކޮންމެ ވާހަކައެއް ދެއްކޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ އަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، މަޖިލީހަށް އިންތިޚާބުވިއިރު އެ ބޭފުޅުން ވަނީ ރައްޔިތުންނަށް އަހުދުތަކެއް ވެ ވަޑައިގެންފަ އެވެ. އެއީ، އެއްބަސްވުމެއްގެ ސިފައިގައި ލިއެވިފައި ނެތް އަހުދަކަށް ވި ނަމަވެސް އިހްތިރާމް ކުރަން ޖެހޭނެ ކަމަށާއި ޕީޕީއެމުން ހޮވުނު އެ މެމްބަރުންގެ ސިފަވަރު ބަދަލުކޮށް އެހެން މިސްރާބަކަށް ބަދަލުވުމަކީ ފިޔަވަޅު އަޅާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަދި އަދުލުގެ އިންސާފުގެ ތެރެއިން އެއަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ވަންޏާ، ގާނޫނުގެ ތެރެއިން ހައްލެއް ނުލިބޭ އިންސާފެއް، އަޅުގަނޑުމެން އަދުލު އިންސާފުގެ ތެރެއިން ހޯދަން ޖެހޭ ކަމަށް ވާ ނަމަ އަޅުގަނޑުމެން އެކަން ހޯދާނަން. އޭގެ ތެރޭގައި އެ މީހުންގެ ގޮނޑި ގެއްލިގެން މަޖިލީހަށް ނުވަދެވުން އެއީ މަޖިލިސް މެމްބަރުންގެ މިނިވަންކަން ގެއްލުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

"މަޖިލިސްގެ އެ ވިދާޅުވާ މެމްބަރުންގެ މިނިވަންކަން ގެއްލުވައިލީ ހަމަ އެ ބޭފުޅުން. ރައްޔިތުން އެ ބޭފުޅުންނަށް ޓިކެޓު ދީގެން ހޮވީ، އެ ބޭފުޅުން އެ އަމަލު ކުރެއްވި ގޮތަށް ކަންތައް ކުރައްވާކަށް ނޫން."

ރައީސް ޔާމީން ބިލެތްފަހީގެ ރައްޔިތުންތަކަކާ ސަލާމްކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް

ރައީސް ޔާމީން ބިލެތްފަހީގެ ރައްޔިތުންތަކަކާ ސަލާމްކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް

ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު މިނިވަންކުރުމަށް މިދިޔަ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު އޮތީ، ޑިމޮކްރަސީގެ ކޮން ހަމައެއްތޯ ވެސް ރައީސް އެއްސެވި އެވެ. ފަސް ފަނޑިޔާރުން ނެރުއްވި އެ އަމުރުގެ ގިނަ ބައިތަކެއް ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކުރެއްވީ ވެސް އޭގައި އަސާސެއް ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ފަރުދީ މިނިވަންކަމަށް ބަލާއިރު ވެސް ރާއްޖޭގައި ހައްދެއް ނެތް މިންވަރަށް ބޭނުންކުރެ އެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ ސިފައިންނާއި ފުލުހުން ވަކި ގޮތަކަށް އަމަލުކުރަން ނުވަތަ އެ ދެ މުއައްސަސާއާ ދޭތެރޭގައި ވަކި ގޮތަކަށް އަމަލުކުރަން މީހަކަށް ގޮވައެއް ނުލެވޭނެ އެވެ. ފަރުދީ މިނިވަންކަމުގެ ނަމުގައި އެއީ އެއްވެސް ގައުމެއްގައި ޖާގަ ލިބޭ ކަމެއް ނޫން ކަމެއް ކަމަށް ވިދާޅުވި އެވެ.

ފަރުދުންގެ މިނިވަންކަމުގެ ތެރޭގައި، ރައީސް ފާހަގަކުރެއްވި ގޮތުގައި، ގާނޫނުތަކުން ހުއްދަ ނުދޭ ކަންކަން އެބަހުއްޓެވެ. އޭގެތެރޭގައި އިސްލާމީ އުސޫލާ ގުޅޭ މައްސަލަތަކުގައި، ބޭނުން ޚިޔާލެއް ފާޅުކޮށް ނުހެދޭނެ ކަމަށް ވިދާޅުވި އެވެ.

"މިނިވަންކަމުގެ ކޮންމެ ހައްގަކީ ވެސް ގާނޫނުއަސާސީގެ ހުއްދަ ދޭ ހުދޫދުގެ ތެރެއިން ގާނޫނަކުން ހަނިކުރެވޭ ކަންކަން،" ރައީސް ވިދާޅުވި އެވެ.