Roadha Mihaaru
ފިއްތުންތަކާ ހުރެ ބޮޑެތި މަޝްރޫއުތައް ނުހިންގޭ: ރައީސް

ފިއްތުންތަކާ ހުރެ ބޮޑެތި ބައެއް މަޝްރޫއުތައް ނުހިންގޭ: ރައީސް

03 ޖުލައި 2018

އެކި ފަރާތްތަކުގެ ފިއްތުންތައް ކުރިމަތިވެ، ބޮޑެތި ބައެއް މަޝްރޫއުތައް ރާއްޖޭގައި ހިންގަން ދަތިތަކެއް ހުރި ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ށ. ފުނަދޫގައި ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެކި ފަރާތްތަކުގެ ފިއްތުންތައް ކުރިމަތިވެ، ބޮޑެތި ބައެއް މަޝްރޫއުތައް ރާއްޖޭގައި ހިންގަން ދަތިތަކެއް ހުރި ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ށ. ފުނަދޫގައި ވިދާޅުވެއްޖެ އެވެ.

ފުނަދޫ އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކައި ނިމުން ފާހަގަކުރުމަށާއި ރަންވޭ އެޅުމުގެ މަސައްކަތް ފަށަން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ހއ. އަތޮޅުގައި ހިންގަން އުޅުނު އައިހަވަން މަޝްރޫއު އާއި ފ. އަތޮޅުގައި ހިންގަން އުޅުނު ބޮޑު ބިޔަ މަޝްރޫއު ހުއްޓިފައި އޮތީ ކީއްވެގެންކަން އިދިކޮޅު ފަރާތްތަކާއި ވަޒީރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އެކަމަކު ދެ މަޝްރޫއު ހުއްޓިފައި އޮތް ސަބަބުތަކުގެ މާ ބޮޑު ތަފްސީލެއް ނުދެއްވައި ރައީސް ހަމައެކަނި ވިދާޅުވީ "އަޅުގަނޑުމެންނަކީ ބިޔަ، ބޮޑު ކަނޑެއްގެ ތެރޭގައި އޮންނަ ޖަޒީރާ ގައުމަކަށް ވާއިރު، ގޮނޑުދޮށްތަކަށް ބިޔަ ރާޅުތައް ބީއްސާކަން ހިތަށް" ގެންނަން ވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ފަސް އަހަރުގެ ޒައާމަތު މި ދަތުރު ކުރަނީ އެކަހަލަ ހާލެއްގައި. އަޅުގަނޑުމެން ނިންމާ ކަންކަމާ ދޭތެރޭގައި އެކި ފަރާތްތަކުގެ ފިއްތުންތައް ހުންނަވަރު.... އަޅުގަނޑުމެންގެ ރައްޔިތުންނަށް އެނގޭ. އެހެންވީމަ ކަންކަން ކުރުމުގައި ދަތިތަކެއް ހުންނާނެ ކަން ގަބޫލުކުރައްވާ. އެހެންވީމަ، މަސްލަހަތަށްޓަކައި ވިސްނާ ކަންތައްތަކާ އެކީގައި އަޅުގަނޑުމެން ބޭނުންވާ ބާރު މިނުގައި މިކަހަލަ ބޮޑެތި މަޝްރޫއުތައް ނުހިންގެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި މުޝްރޫއުތައް ނުހިންގެނީ ފައިސާ ނެތީމައެއް ނޫނެވެ. މަޝްރޫއުތަކަށް އިންވެސްޓް ކުރާނެ މީހުން ވެސް ތިބި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ބިލެތްފައްސަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އިއްޔެ ސަލާމް ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ބިލެތްފައްސަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އިއްޔެ ސަލާމް ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވީ ފ. އަތޮޅުގައި ހިންގަން އުޅުނީ އެތައް ހާސް މިލިއަން ޑޮލަރެއްގެ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއު ވެސް ނުހިނގާ އޮތީ "ކްރިޓިކުން" ހުރަސް އަޅާފައި އޮތުމުން ކަމަށެވެ. ފ. އަތޮޅުގެ މަޝްރޫއު ނުހިނގާ އޮތީ ކީއްވެގެންކަން އިދިކޮޅު ފަރާތްތަކުން ހާމަކޮށްދޭން ޖެހޭއިރު، އެއީ އެތައް ހާސް ބައެއްގެ ވަޒީފާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެއީ ރާއްޖޭގެ ޖިއޮގްރަފީގެ ލޭންޑްސްކޭޕް ބަދަލުވެގެން ދާނެ މަޝްރޫއެއް. އެއީ މި ރަށުގައި އަޅާ ކަހަލަ އާދައިގެ އެއާޕޯޓެއްގެ ވާހަކައެއް ނޫން. އެއީ ބައިނަލްއަގުވާމީ ވަކި ބައްރެއްގެ ގޮތަށް ތަރައްގީ ކުރަން ހިޔާލުކޮށްފައި ހުރިހާ ކަމެއް ނިންމާފައި، ފީޒިބިލިޓީ އޮތީ ޕްލޭން ނިންމާފައި،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެ މަޝްރޫއު ކުރިއަށް އޮތް ތަނުގައި ފެށިގެންދާނެ ކަމުގެ އުންމީދު އަދިވެސް އެބަ އޮތެވެ. މި މަޝްރޫއުތައް ނިމުމުން، ދައުލަތަށާއި، ރައްޔިތުންނަށް ލިބޭނީ މުއްސަނދިކަމާއި ހަމަޖެހުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވަޒީފާގެ ފުރުސަތު ހުޅުވިގެން ދަނީ ދިވެހިން ދުވަހަކު ވެސް އުންމީދު ނުކުރާ ވަރަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ވަކި ބައެއްގެ ނަން ނުގެންނެވިޔަސް، އައިހަވަން މަޝްރޫއުއަށް އަވަށްޓެރި އިންޑިއާގެ ކަންބޮޑުވުން އޮތް ކަމުގެ އަޑުތައް އަބަދުވެސް އަރަ އެވެ. އިންޑިއާއާ ކައިރީގައި ބައިނަލްއަގުވާމީ ބޮޑު ބަނދަރެއް އަޅައިފި ނަމަ އެ ބަނދަރު އިންޑިއާއާ ވާދަވެރި ގައުމެއްގެ ބާރުގެ ދަށަށް ހިނގާދާނެކަމުގެ ބިރު އޮތް ކަމަށް އިންޑިއާގެ ބައެއް ތަޖުރިބާކާރުން ބުނެ އެވެ.

ފ. އަތޮޅުގެ ބޮޑު ބައެއް ދިގު މުއްދަތަކަށް ދޭން އުޅުނީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ މަސްލަހަތު ހިމެނޭ ބަޔަކަށެވެ. ރާއްޖޭގެ ބިން ބޭރު މީހުންނަށް ގަނެވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައީ ވެސް އެކަމަށެވެ. ނަމަވެސް ފަހުން ސިޔާސީ ގޮތުން ވެސް ބޮޑު ޕްރެޝަރެއް އައުމާ އެކު އެކަން ވަނީ މަޑުޖައްސާލައިފަ އެވެ.