Roadha Mihaaru
ރާއްޖޭގެ ބައެއް ވެރިންނާ މެދު އީޔޫއިން ފިޔަވަޅު އަޅަނީ

ރާއްޖޭގެ ބައެއް އިސް ވެރިންނާ މެދު ފިޔަވަޅު އަޅަން އެޖެންޑާކޮށްފި

15 ޖުލައި 2018

ރާއްޖޭގެ އިސް ބައެއް ވެރިންނާ ދޭތެރޭ ދަތިކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒް ކައުންސިލްގައި މާދަމާ އޮންނަ ބައްދަލުވުމަށް އެޖެންޑާކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ އިސް ބައެއް ވެރިންނާ ދޭތެރޭ ދަތިކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒް ކައުންސިލްގައި މާދަމާ އޮންނަ ބައްދަލުވުމަށް އެޖެންޑާކޮށްފި އެވެ.

އީޔޫގެ ފޮރިން މިނިސްޓަރުން ހިމެނޭ ބައްދަލުވުން ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ މާދަމާ ހެނދުނު ރާއްޖޭގެ ގަޑިން 12:00 ގަ އެވެ. އީޔޫގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ އެޖެންޑާގެ ފަސް ވަނަ ނަމްބަރުގައިވާ ގޮތުން، ފިޔަވަޅު އަޅަނީ އިންސާނީ ހައްގުތަކަށް އަރައިގަނެ، ގާނޫނު ނެެގެހެއްޓުމަށް ހުރަސްއަޅާ ފަރާތްތަކާ މެދުގަ އެވެ.

ރާއްޖޭގެ އިސް ވެރިންނާ މެދު ފިޔަވަޅު އަޅަން މި ނިންމީ، ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތައް ހުއްޓާލައި، ޑިމޮކްރަސީގެ މަގަށް ރުޖޫއަވުމަށް އަންގައި މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އީޔޫގެ ކައުންސިލުން ފާސްކުރި ގަރާރާ ގުޅިގެންނެވެ. ރާއްޖެއާ ދެކޮޅަށް ގަރާރު ފާސްކުރި އީޔޫގެ ކައުންސިލަކީ ގައުމުތަކުގެ އިސް ވެރިން ނުވަތަ އެ ބޭފުޅުންގެ މަންދޫބުން ތިއްބަވާ، އީޔޫގެ އެންމެ ބާރުގަދަ ތަނެވެ.

އެ ގަރާރުގައި ވަނީ، އިސްލާހުކުރަން ރާއްޖެ އަށް ހުށަހަޅާ ކަންކަން ނުކޮށްފި ނަމަ، ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތަކުގައި ބައިވެރިވާ، ސަރުކާރުގެ ވެރިންނާއި ދިވެހި ސަރުކާރާ ގުޅިފައި ތިބި ވިޔަފާރިވެރިންނާ މެދު ފިޔަވަޅު އެޅުމަށެވެ.

އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ އިސް ބޭފުޅުންނަށް ވިސާ ނުދިނުމާއި ބޭރު ގައުމުތަކުގައި ހުރި މުދާތައް ހިފެހެއްޓުމާއި ރާއްޖެ އަށް ދޭ އެހީތައް ހުއްޓާލުން ފަދަ ކަންކަން ކުރުން އެކަށީގެންވެ އެވެ. އީޔޫގެ ލިސްޓުގައި ހިމެނޭ ބޭފުޅަކު ރާއްޖެ އިން ބޭރަށް ކޮންމެ ޒަމާނެއްގައި ވަޑައިގަތަސް ހިފައި ހައްޔަރުކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ޚާރިޖީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

އީޔޫ އިން ސަރުކާރަށް ހުށަހެޅި މައިގަނޑު ކަންކަން:

- ރާއްޖޭގައި އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށާއި ރައްޔިތުންގެ ހިފަހައްޓާފައިވާ ހުރިހާ ހައްގުތަކެއް ގާނޫނުއަސާސީގައި ވާ ގޮތަށް ކަށަވަރުކޮށްދިނުން.

- ހައްޔަރުކޮށްފައިވާ އަދި ހުކުމްކޮށްފައިވާ ސިޔާސީ ބޭފުޅުން ވަގުތުން މިނިވަން ކުރުން.

- ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ވާޖިބަށް ހުރަސްނޭޅުމަށާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް، ގާނޫނުއަސާސީގައިވާ ގޮތަށް މިނިވަންކަމާ އެކު ހިންގަން ފެށުން.

- ޑިމޮކްރަސީގެ މަގަށް ރާއްޖެ އަލުން އިޔާދަވުމަށް، ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާތައް ފެށުން.

މި މަހުގެ މެދު ތެރޭގައި އީޔޫ އިން ރާއްޖެ އަށް ފިޔަވަޅު އެޅުމުގެ އިންޒާރު ދީފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިދިޔަ ހަފުތާގައި މ. ދިއްގަރުގައި ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ ލީޑަރުންތަކެއް ބަންދުގައި ތިބުމާއި ވަކިވަކި ކަންތައްތަކެއް ނުކޮށްގެން ކަމަށް ބުނެ އީޔޫ އިން މިދިޔަ ހަފުތާގައި ވަނީ ސަރުކާރަށް އިންޒާރު ދީފައި ކަމަށެވެ. އެ އިންޒާރުގައި ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަން އަންގާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގެ ޚުލާސާ:

- އީޔޫ އިން އަންގާފައި ވަނީ، ސިޔާސީ ލީޑަރުން ދޫކޮށްލުމަށާއި އެކި ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުންނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމާއި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި 12 މެމްބަރުން މަޖިލީހަށް ވަންނަން ފުރުސަތު ދޭން.

- އީޔޫގެ ފިޔަވަޅަކީ ރިޔާސީ އިންތިޚާބަށް ހުރަހެއް ކަމަށް ވިދާޅުވި.

- ރައީސް ވިދާޅުވީ ރާއްޖޭގައި ގާނޫނީ އިންތަކެއް ކަނޑައަޅާފައި ވަނިކޮށް، އީޔޫ އިން އެންގި ކަންކަމަށް ދޫދެއްވަން ތައްޔާރު ނޫން ކަމަށް.

- އީޔޫއިން ހިތްހަމަނުޖެހުނީ އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދިނުމާއި އިސްލާމީ އުސޫލްތައް ހިފަހައްޓަން ކުރާ މަސައްކަތްތަކާ ހެދި ކަމަށް ގަބޫލުކުރެއްވޭ.

- ސަރުކާރުން ދައްކާ ވާހަކަތަކަށް ވުރެން ބޮޑަށް އީޔޫ އިން ގަބޫލުކުރަނީ އިދިކޮޅުގެ ވާހަކަތައް ކަމަށް ވިދާޅުވި. އެހެންވިއަސް، އީޔޫގެ ކޮންމެ ގޮވާލުމަކަށް އިޖާބަ ނުދެއްވާނެ ކަަމަށް ވިދާޅުވި.

އީޔޫ އިން ވަކި ކަންތައްތަކެއް ކުރަން އެންގުމަކީ، ސަރުކާރުގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ދިވެހިރާއްޖޭގެ މިނިވަންކަމަށް ނުފޫޒު ފޯރުވުމެވެ. އެހެންވެ އީޔޫ އިން ފިޔަވަޅު އެޅިއަސް ރާއްޖޭގެ މިނިވަންކަމަށް އަރައިގަނެވޭ ފަދަ އެއްވެސް ކަމަކަށް ދޫނުދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.