Roadha Mihaaru
ރަސްފަންނުގައި ހަދާ ހަތަރު ޓަވަރުގެ ބިންގާ އަޅައިފި

ރަސްފަންނުގައި ހަދާ ޓަވަރުތަކުގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި

22 ޖުލައި 2018

ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަން ކުންފުނިން މާލޭގެ ރަސްފަންނުގައި ހަދާ މަތީ ފެންވަރުގެ ފްލެޓް ހިމެނޭ ހަތަރު ޓަވަރުގެ ބިންގާ ރައީސް އަބްދުﷲ ޔާމީން މިރޭ އަޅުއްވައިދެއްވައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަން ކުންފުނިން މާލޭގެ ރަސްފަންނުގައި ހަދާ މަތީ ފެންވަރުގެ ފްލެޓް ހިމެނޭ ހަތަރު ޓަވަރުގެ ބިންގާ ރައީސް އަބްދުﷲ ޔާމީން މިރޭ އަޅުއްވައިދެއްވައިފި އެވެ.

ކޮރަލް ބްލެވާޑްގެ ނަމުގައި ރަސްފަންނު ސަރައްދުގައި ފިހާރަތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި 350 އެޕާޓްމަންޓް ހިމެނޭ ހަތަރު ޓަވަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީންގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެހެން ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްފަންނު މިކްސްޑް ޔޫޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހަދާ ހަތަރު ޓަވަރުގައި ހުންނާނީ 25- 28 ބުރި އެވެ. އެކަމަކު މީގެ ކުރިން ހައުސިން މިނިސްޓްރީން ބުނެފައި ވަނީ އެ ތަނުގައި ހަދަނީ 25 ބުރީގެ ހަތަރު ޓަވަރު ކަމަށެވެ.

މަތީ ފެންވަރުގެ ފްލެޓް ހިމެނޭ ހަތަރު ޓަވަރު ރަމްޒު ކޮށްދޭ މޮޑެލް ރައީސް ޔާމީނަށް މިރޭ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

މަތީ ފެންވަރުގެ ފްލެޓް ހިމެނޭ ހަތަރު ޓަވަރު ރަމްޒު ކޮށްދޭ މޮޑެލް ރައީސް ޔާމީނަށް މިރޭ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

ޗަންހުއާ އަކީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ވެސް އަޅަމުން އަންނަ ކުންފުންޏެވެ. އެ ކުންފުންޏާ މިދިޔަ އަހަރުގެ ޖުލައި މަހު އެ ޕްރޮޖެކްޓް ހަވާލު ކުރީ ބިޑަށް ހުޅުވާލައިގެން އެކަށީގެންވާ ބަޔަކު ކުރިމަތިނުލުމުން ހަތަރު ވަނަ ފަހަރަށް ހުޅުވާލުމަށް ފަހު ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

އެ ފްލެޓް އަޅަން ނިންމާފައި ވަނީ ރަސްފަންނުގެ ހުޅަނގު ކަންމަތީގައި ކުރިން އޮތް ބީޖީ ދަނޑުން ފެށިގެން ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ދަނޑާ ދެމެދުގައި އޮންނަ ސަރަހައްދުގަ އެވެ. އެ މަސައްކަތް ކުރިޔަށް ގެންދަން އެ ސަރަހައްދުން ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

މަތީ ފެންވަރުގެ ފްލެޓް ހިމެނޭ ހަތަރު ޓަވަރު ހިމެނޭ އިމާރާތުގެ މޮޑެލް.---ފޮޓޯ: ރައީސް އޮފީސް

މަތީ ފެންވަރުގެ ފްލެޓް ހިމެނޭ ހަތަރު ޓަވަރު ހިމެނޭ އިމާރާތުގެ މޮޑެލް.---ފޮޓޯ: ރައީސް އޮފީސް

ހައުސިން މިނިސްޓްރީން ބުނެފައި ވަނީ 25 ބުރީގެ ހަތަރު ޓަވަރު އަޅާ ނިންމަން ޖެހެނީ 2020ގެ ނިޔަލަށް ކަމަށެވެ. އަދި އެ ތަނުގައި ހަދާ ހަތަރު ޓަވަރުން 120 ފްލެޓް ސަރުކާރަށް ދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެތަނުގައި ހަތަރު ޓަވަރު ހަދާ އިރު 40 ޕަސެންޓް ގްރީން އޯޕަން ސްޕޭސްގެ ގޮތުގައި އޮންނަން ޖެހެ އެވެ. އަދި ބިލްޑިންތަކުގައި ހަތަރު ފްލޯގެ ޕާކިން ސްޕޭސް ހަދާއިރު 500 ކާރާއި 300 ސައިކަލް ޕާކުކުރެވޭނެ ޖާގަ ވެސް އޮންނާނެ އެވެ. އެ ތަނުން ސަރުކާރަށް ދޭ 120 ފްލެޓް ވިއްކަން ހަމަޖެހިފައި ވަނީ ކޮންޓްރޯލް އަގެއްގައި ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.