Roadha Mihaaru
ރީ ރަޖިސްޓްރީވާން ބުނުމަކީ ނުފޫޒު ފޯރުވުމެއް ނޫން: ރައީސް

ރީ ރަޖިސްޓްރީވާން ބުނުމަކީ ނުފޫޒު ފޯރުވުމެއް ނޫން: ރައީސް

08 އޯގަސްޓް 2018

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ޖެހޭ ސަރުކާރުގެ މުވައްޒަފުން ރީ ރަޖިސްޓްރީވާން އެންގުމަކީ ނާޖާއިޒު ނުފޫޒެއް ފޯރުވުން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގއ. ވިލިނގިލީގައި ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ޖެހޭ ސަރުކާރުގެ މުވައްޒަފުން ރީ ރަޖިސްޓްރީވާން އެންގުމަކީ ނާޖާއިޒު ނުފޫޒެއް ފޯރުވުން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގއ. ވިލިނގިލީގައި ވިދާޅުވެއްޖެ އެވެ.

އެ ރަށުގެ މަގު ހެދުމާއި ހައުސިން ޔުނިޓްތަކުގެ ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި، ރައީސްގެ ވާހަކަފުޅު އަމާޒުކުރެއްވީ އެމަނިކުފާނުގެ ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވަން ކަންތައްތަކެއް ހިންގާ ކަމަށް އިދިކޮޅުން ކުރާ ތުހުމަތުތަކަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިޚާބުގެ ވޯޓަށް ރީ ރަޖިސްޓްރީ ކުރުވަން ސަރުކާރުން ގަދައަޅައި މަސައްކަތް ކުރުވަން އަންނަ ކަމަށް އިދިކޮޅަށް ބުނެވޭނެ އެވެ. އެކަން ސަރުކާރުން ކުރުވަނީ، ރިޔާސީ އިންތިޚާބުގައި ވޯޓު ލުމަކީ ރައްޔިތުންގެ ހައްގަކަށްވާތީ، ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހޯދައިދޭން ކަމަށް ވިދާޅުވި އެވެ.

"އެއީ، [ރީ ރަޖިސްޓްރީ ކުރުވުމަކީ] ޖާއިޒް ނުފޫޒް. ވޯޓުލުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް. އެހެންވީމާ ސަރުކާރުން ހުރިހާ އެންމެން ކައިރީގައި ބުނާނެ ވޯޓުލުމަށްޓަކައި ކަލޭމެން ރަޖިސްޓްރީ ކުރާށޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އެކަމަކު ސަރުކާރަކުން އެ މީހުންގެ ކައިރިއަކު ނުބުނާނެ ކަލޭމެން ރަޖިސްޓްރީ ތިކުރަނީ ޔާމީނަށް ވޯޓުލާށެކޭ ނުބުނާނެ."

ރީ-ރެޖިސްޓްރޭޝަންގެ މަސައްކަތް ވެލާނާގޭ ބިލްޑިންގް ކައިރީގައި ކުރިއަށް ގެންދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރީ-ރެޖިސްޓްރޭޝަންގެ މަސައްކަތް ވެލާނާގޭ ބިލްޑިންގް ކައިރީގައި ކުރިއަށް ގެންދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ މުވައްޒަފުން ރީ ރަޖިސްޓްރީކުރަން އަދިވެސް ބުނާނެ އެވެ. އެއީ، އެއްގޮތަކަށް ވެސް ސިޔާސީ ގޮތުން ކުރާ ކަމެއް ނޫން ކަމަށާއި އެ މީހަކަށް ލިބިފައިވާ ހައްގެއްގެ ބޭނުން ހިފަން އެންގުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ބުނެގެން ރީ ރަޖިސްޓްރީ ކުރި މީހުން ވޯޓުލާނެ ގޮތެއް އަޅުގަނޑަށް އެނގޭތޯ؟ އެއީ ސިއްރު ވޯޓެއް. އަޅުގަނޑުމެން ބުނެގެން ރީ ރަޖިސްޓްރީ ކުރުވި މީހުން ސެޕްޓެމްބަރު 23 ގައި، އެ އެންމެންނަކީ ވަކި ގޮތަކަށް ވޯޓުލާނެ ބައެއް ކަމަށް އަޅުގަނޑަކަށް ނުވެސް އެނގޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ކަންކަމަށް ނުފޫޒު ފޯރުވާ ވާހަކަ ދެއްކުމުގެ ޖާގައެއް ނެތް ކަމަށާއި ނުފޫޒު ފޯރުވަނީ އިދިކޮޅުން ކަމަށެވެ.

ރައީސް ޔާމީން މިއަދު ހަވީރު ވިލިނގިއްޔަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނުކުތް، އުމުރުން ދުވަސްވީ މީހަކާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން މިއަދު ހަވީރު ވިލިނގިއްޔަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނުކުތް، އުމުރުން ދުވަސްވީ މީހަކާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރަށްވެހިވެފައިވާ ރަށް ނޫން ރަށްރަށުގައި ވޯޓު ލުމަށް 45،000 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، ރަޖިސްޓްރޭޝަންގެ ފޯމުތަކާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. އެމްޑީޕީން ރީ ރަޖިސްޓްރީކޮށްދޭ ޕީޕީއެމް މެމްބަރުންގެ ފޯމުތައް އިލެކްޝަންސަށް ހުށަނާޅާނެ ކަމަށް ޕީޕީއެމުން ތުހުމަތުކުރެ އެވެ. އިދިކޮޅު ޕާޓީތަކުން ބުނަމުން އަންނަނީ، ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުންގެ ރީ ރަޖިސްޓްރޭޝަންގެ ފޯމުތައް ޕީޕީއެމްގެ ޖަގަހަތަކަށް ގެންގޮސް އެ ފޯމުތައް އިލެކްޝަންސަށް ހުށަނާޅައި އެތައް ބަޔަކު ވޯޓުލުމުގެ ހައްގުން މަހްރޫމްކުރުވާނެ ކަމަށެވެ.

މި މައްސަލައިގައި އިލެކްޝަންސުން ދެއްކި ހައްލަކީ، އެ މީހެއްގެ ރީ ރަޖިސްޓްރޭޝަން ފޯމު އެ ކޮމިޝަނަށް ހުށަހަޅާފައިވޭތޯ އަމިއްލަ އަށް ބަލައި، ހުށަހަޅާފައި ނުވާ ނަމަ ދެ ވަނަ ފޯމަކުން ރަޖިސްޓްރީ ވުމެވެ.