01 ސެޕްޓެމްބަރ 2018
މުޖުތަމައުގެ ކަންކަމައިގެން އިސްވެ އުޅޭ މީހުންނަކީ ވަކި ޝަރުތުތަކެއް ހަމަވާ ވަކި ސިފަތަކެއްގެ ވެރި ބަޔަކު ކަމުގައި ވާންޖެހެ އެވެ. އިސްލާމީ ނަޒަރުން ބަލާއިރު މި ގޮތުން އެންމެ މުހިންމު އަދި އެންމެ އަސާސީ ދެ ސިފައަކީ ގާބިލުކަމާއި އަމާނާތްތެރިކަމެވެ.
މުޖުތަމައުގެ ކަންކަމައިގެން އިސްވެ އުޅޭ މީހުންނަކީ ވަކި ޝަރުތުތަކެއް ހަމަވާ ވަކި ސިފަތަކެއްގެ ވެރި ބަޔަކު ކަމުގައި ވާންޖެހެ އެވެ. އިސްލާމީ ނަޒަރުން ބަލާއިރު މި ގޮތުން އެންމެ މުހިންމު އަދި އެންމެ އަސާސީ ދެ ސިފައަކީ ގާބިލުކަމާއި އަމާނާތްތެރިކަމެވެ.
މިކަމުގެ ދަލީލަކީ، ނޯކަރެއްގެ ގޮތުގައި މޫސާގެފާނު އިޚްތިޔާރު ކުރެއްވުމުގައި ޝުޢައިބުގެފާނުގެ ދަރިކަނބަލަކު އެންމެ އިސްކަންދެއްވި ދެ ސިފައަކީ ވަރުގަދަ ކަމާއި އަމާނާތްތެރިކަން ކަމަށް ވުމެވެ. (އަލްޤިޞަޞް 26) އަދި ޔޫސުފުގެފާނު މިސްރުގެ ޚަޒާނާގެ ވެރިއަކަށް ޝަރުތު ހަމަވާކަން ބަޔާން ކޮށްދެއްވުމަށްޓަކައި އެކަލޭގެފާނު އަމިއްލަ ނަފްސަށް ފާހަގަކުރެއްވި ދެ ސިފައަކީ، ކަމާ ގުޅޭ ކަންތައްތައް ދެނެވަޑައިގަތުމާއި އެކަމަށް ރައްކާތެރިވާނެކަން ކަމަށް ވުމެވެ. (ޔޫސުފް 55)
މި ދެ އާޔަތުގައި ތަފާތު ލަފުޒުތައް ބޭނުންކުރެވިފައި ވިއަސް ހަގީގަތުގައި ދެ ހާލަތުގައި ވެސް އެ އިޝާރާތް ކުރެވެނީ ގާބިލުކަމާއި އަމާނާތްތެރި ކަމަށެވެ.
ވެރިންގެ ކިބައިގައި މި ދެސިފަ ހުރެއްޖެ ނަމަ ރަނގަޅު އެހެން ހުރިހާ ސިފަތަކެއް ހުންނާނެ އެވެ. އެހެނީ ގާބިލުކަމުގެ ސިފަ (އެބަހީ، ވަރުގަދަ ކަމާއި ކަންކަން ދަތުމުގެ ސިފަ) އަށް ބަލާއިރު އެފަދަ މީހަކަށް ވުމަށްޓަކައި އެންމެ ފުރަތަމަ އިލްމު ލިބިފައިވާ މީހަކަށްވާން ޖެހެ އެވެ. އަދި ދުނިޔޭގައި ކަންކަން ހިނގާ ގޮތް އެނގުމާއެކު ހިކުމަތްތެރިކަމާ އެކު މުޢާމަލާތުކުރަން ދަންނަ މީހަކަށް ވާންޖެހެ އެވެ.
އެބަހީ، ތަޖުރިބާތައް ލިބިފައި ހުރި މީހަކަށް ވާން ޖެހެއެވެ. މިއީ އާންމު ގާބިލު ކަމެވެ. މީގެ އިތުރުން އެމީހަކު އެކަމަކަށް އިސްކުރެވޭ ކަމެއްގެ ޚާއްސަ އިލްމާއި ތަޖުރިބާ ވެސް ލިބިފައި ހުންނަންޖެހެ އެވެ. މިސާލަކަށް އިސްލާމީ ދައުލަތެއްގެ އެންމެ އިސް ވެރިޔަކަށް މީހަކު ޢައްޔަންކުރާ ނަމަ އެކަމަށް އެންމެ ގާބިލު މީހާ ކަމުގައިވާނީ އެކަމަށް ކުޅަދާނަ، ކުފޫ ހަމަވާ މީހާ އެވެ. މިކަން ފުރިހަމަވާނީ ވެރިކަން ކުރުމާ ގުޅޭ ޢިލްމީ ގާބިލުކަމާއި ތަޖުރިބާ ލިބިފައިވާ މީހަކަށް ވެގެންނެވެ.
ވެރިޔަކަށް އިޚްތިޔާރުކުރާ މީހާގެ ކިބައިގައި ޢިލްމީ ގޮތުން ހުންނަންޖެހޭ ގާބިލު ކަމާ މެދު އިސްލާމީ ޢިލްމުވެރިން ވިދާޅުވެފައިވަނީ ﷲގެ ޚިލާފަތު ދެމެހެއްޓުމަށް އިސްކުރެވޭ މީހަކީ އިސްލާމީ ޢަޤީދާގެ މަތީގައި މުޖުތަމައު ދަމަހައްޓައިދެވޭ ވަރުގެ އިލްމު ލިބިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. އިބްނު ޚަލްދޫން ވިދާޅުވާ ގޮތުގައި ޢިލްމީ ގޮތުން ގާބިލުވުމަކީ، ﷲ ގެ ޙުކުމްތައް ތަންފީޒުކުރަން އެނގޭ މީހަކު ކަމުގައި ވުމެވެ.
ޢަބްދުލް ޤާދިރުލް ބަޣްދާދީ ވިދާޅުވެފައިވަނީ ޙަލާލް ޙަރާމް ހުކުމްތަކުގައި މުޖުތަހިދުންގެ ފެންވަރާ ހަމައަށް ދީނީ ޢިލްމު ނޭނގޭ ނަމަ ޢިލްމީ ގޮތުން ގާބިލު ކަމަށް ނުބެލެވޭނެ ކަމަށެވެ. އަބޫބަކުރުލް ބާޤިއްލާނީ ވިދާޅުވެފައިވަނީ މުސްލިމުންގެ ޤާޟީއަކަށް އެނގެންޖެހޭ މިންވަރަށް ޙާކިމަށް ވެސް ދީނީ ޢިލްމު އެނގެންޖެހޭނެ ކަމަށެވެ.
އަލްއަޢުރާފު ސޫރަތުގެ 157 ވަނަ އާޔަތުގައި އިސްލާމީ އުންމަތުގެ އެންމެ އިސް ވެރިޔާ، ކީރިތި ނަބިއްޔާ، ސިފަކުރެވިގެން ވަނީ އެކަލޭގެފާނަކީ، އެކަލޭގެފާނަށް ތަބާވާ މީހުންނަށް ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރާ، އަދި އެންމެހާ ރަނގަޅު ކަންތައް ޙަލާލުކުރައްވައި އެންމެހައި ނުބައި ކަންކަން ޙަރާމްކުރައްވާ ބޭކަލެއްގެ ގޮތުގަ އެވެ. މި ކަންކަމަކީ ޢިލްމާ ނުލައި ކުރެވޭނެ ކަންކަމެއް ނޫނެވެ.
ޢަލީގެފާނު ވިދާޅުވެފައި ވެއެވެ. "އޭ މީސްތަކުންނޭވެ! މިކަމަށް (އެބަހީ ވެރިކަމަށް) އެންމެ އައުލާ ވެގެންވާ މީހަކީ މިކަމަށް އެންމެ ވަރުގަދަ އަދި ﷲ ގެ އަމުރުތައް އެންމެ ރަނގަޅަށް ދަންނަ މީހާ އެވެ."
ރަސްކަލެއްގެ ގޮތުގައި ﷲ، ޠާލޫތު ފޮނުއްވެވި ހިނދު ގައުމުގެ މީހުން ވެރިކަމަށް ކުފޫހަމަވުމުގެ މިންގަނޑެއްގެ ގޮތުގައި މުދާވެރިކަން ބެލި ނަމަވެސް ﷲ އެންގެވީ އޭނާ އަށް ޢިލްމާއި ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރު ކުރެއްވިގެންވާ ކަމަށެވެ. (އަލްބަޤަރާ 247)
އިސްލާމީ މުޖުތަމަޢެއްގައި ތަރައްގީގެ މަގުގައި ސިޔާސީ ގޮތުން ހަރަކާތްތެރިވެ ޞާލިޙު މުޖުތަމަޢެއް ބިނާ ކުރެވޭނީ އެމުޖުތަމަޢުގެ ޤިޔާދަތު އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދަން އެނގޭ ވެރިކަމެއް އޮވެގެންނެވެ. އެހެނީ އެފަދަ މުޖުތަމަޢެއްގެ ޢާންމު ފިކުރުތަކާއި ތަރައްގީގައި އަޅާ ހުރިހާ ފިޔަވަޅުތަކާއި މިހުރިހާ ކަމެއްގެ މައިބަދަ އަކީ އިސްލާމީ ޝަރީޢަތް ކަމަށް ވުމެވެ.
ވަޟުޢީ (އެބަހީ އިންސާނުން ހަދާ) ޤާނޫނުތަކުގެ ކުރިމަތީގައި މަގުއޮޅިގެން ނުގޮސް އިސްލާމީ އުޞޫލުތަކާ ހަމަތައް ހިފެހެއްޓޭނީ އަދި ބިމުގެ ޚަލީފާކަން އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ފަސޭހަވާނީ ވެސް އޭރުންނެވެ.
ކަންކަމަށް އިސްކުރާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ދެ ވަނަ ޝަރުތަކީ، އަމާނާތްތެރިކަމެވެ. އަމާނާތްތެރިކަމަކީ އޭގައި އެތައް ބައިވަރު ސިފަތަކެއް އެކުލެވޭ މައިގަނޑު ސިފައެކެވެ. މިގޮތުން އަމާނާތްތެރިކަމުގެ މާނައިގެ ތެރޭގައި އެންމެ ފުރަތަމަ ސިފައަކަށް ތެދުވެރިކަން ހިމެނޭނެ އެވެ. ވާހަކަ ދެއްކުމުގަ އާއި މުޢާމަލާތުކުރުމުގަ އާއި ވައުދުތައް ފުއްދުމުގައި ތެދުވެރިއަކަށް ވާން ޖެހޭނެ އެވެ.
ދެވަނަ ސިފައަކަށް އަދުލުވެރިވާން ޖެހޭނެ އެވެ. އަދިކިއެއްތަ، އަދުލުވެރިކަމަކީ ވެރިންގެ ކިބައިގައި ހުންނަން ޖެހޭ ވަރަށް މުހިންމު ސިފައެކެވެ. އައްނިސާއު ސޫރަތުގެ 58 ވަނަ އާޔަތުގައި ﷲ އަމުރު ކުރައްވަނީ އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށެވެ.
އެއަށް ފަހު އަމުރު ކުރައްވަނީ ހުކުމްކުރާ ނަމަ އަދުލުވެރިކަމާ އެކު ހުކުމް ކުރުމަށެވެ. ވެރިންނަށް ކިޔަމަންވުމަށް ﷲ އަމުރު ކުރައްވާފައިވާ އާޔަތް އައިސްފައި ވަނީ މިއާޔަތާ ވިދިގެންނެވެ. މިއިން ދޭހަވަނީ ވެރިންނަށް ރައްޔިތުން ކިޔަމަންވުމަށް ވުރެ ކުރިން ވެރިން ރައްޔިތުންނަށް އަދުލުވެރިވާން ޖެހޭ ކަމެވެ.
އަމާނާތްތެރިކަން ފުރިހަމަވުމަށްޓަކައި ބޭނުންވާ ތިންވަނަ ސިފައަކީ އިޚްލާޞްތެރިވުމެވެ. އެބަހީ ކަންދެއްކުމާއި އަމިއްލަ މަސަލަހަތު އެއްފަރާތްކޮށް ހަވާލުވެފައިވާ ވާޖިބުތައް އަދާކުރުމެވެ. ހަތަރުވަނަ ސިފައަކީ، ބަހާއި ޢަމަލާ އެއްގޮތް ވުމެވެ. ނުވަތަ މުނާފިގުކަން ނެތުމެވެ. ފަސްވަނަ ސިފައަކީ މަސްއޫލިއްޔަތު އުފުލުމެވެ. ވަކިން ހާއްސަކޮށް ﷲ ގެ އަމުރުފުޅުތައް މިބިންމަތީ ތަންފީޒު ކުރުމުގައި އަމާނާތްތެރިވުން ވަރަށް މުހިންމެވެ.
ސަބަބަކީ އުޑުތަކަށާއި ބިމަށާއި ފަރުބަދަތަކަށް ﷲ މި އަމާނާތް ހުށަހެޅުއްވުމުން އެތަކެއްޗަށް އެވަރުގެ ބޮޑު ބުރައެއް ނުއުފުލޭނެތީވެ އެކަން ގަބޫލު ނުކުރި ހިނދު އިންސާނުން އަމިއްލައަށް އެކަމަށް އިސްނަގާފައި ވުމެވެ. މި ފާހަގަ ކުރެވުނު ސިފަތަކުގެ އިތުރުންވެސް ޖުމްލަގޮތެއްގައި މާތް ސުލޫކެއްގެ ވެރިއެއް ކަމުގައި ވާން ޖެހެއެވެ.
އެހެނީ ރިވެތި އަޚްލާޤުގެ މަތީ ހުރުމަކީ ﷲ އަށް އަމާނާތްތެރިވުމުގެ ތެރެއިން ހިމެނޭ ކަމަކަށް ވާތީއެވެ. މިކަންކަމުން އެނގިގެން މި ދަނީ އަމާނާތްތެރިކަން ފުރިހަމަ ކުރެވޭނީ އެއާ ގުޅުންހުރި އެހެން ހުރިހާ އަޚުލާގީ ސިފަތަކެއް ވެސް އެމީހެއްގެ ކިބައިގައި ހަމަވުމުން ކަމެވެ.
މި ދެންނެވި މައިގަނޑު ދެސިފަ އާދެ، ގާބިލުކަމާއި އަމާނާތްތެރިކަމަށް ބަލައިގެން ވެރިކަމަށް އިސްކުރަން އެންމެ އެކަށީގެންވާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތައް ޖުމްލަ ކޮށްލެވިދާނެ އެވެ. މިގޮތުން ވެރިކަން ކުރަން ބޭނުންވާ ޢިލްމާއި ހުނަރާއި ތަޖުރިބާ އެމީހަކަށް ލިބިފައި ހުންނަން ޖެހޭނެ އެވެ.
އެމީހަކީ ޢަދުލުވެރިއެއް ކަމުގައިވާން ޖެހޭނެ އެވެ. ބަހާއި ޢަމަލުގައި އިޚްލާޞްތެރިއެއް ކަމުގައި ވާން ޖެހޭނެ އެވެ. އަމާނާތްތެރިއެއް ކަމުގައި ވާން ޖެހޭނެ އެވެ. ޞާލިޙު ހެޔޮ ނަމޫނާއެއް ކަމުގައި ވާން ޖެހޭނެ އެވެ. މީސްތަކުންގެ ހާލަތު ދަންނަ މީހެއް ކަމުގައިވާން ޖެހޭނެ އެވެ. ހަގީގަތުގައި ވެރިކަމަށް އެންމެ އެކަށީގެންވާ މީހަކީ މިހުރިހާ ސިފަތައް އެކީ ހަމަވާ މީހެކެވެ. ނަމަވެސް އަމަލީ މައިދާނުގައި މިއީ ވަރަށް ނާދިރު ކަމެކެވެ. އެހެންކަމުން ދެން ހަދާނީ ކިހިނެއްޔެވެ؟
މިކަމުގެ ހައްލަކީ، މިދެންނެވި ސިފަތަކާ ކިތަންމެ ދުރުން ނަމަވެސް އެންމެ ގާތް ކުރާ މީހަކަށް މަސްއޫލިއްޔަތު ހަވާލު ކުރުމެވެ. އެކަމަކު މިއާ އެކު އެންމެ ބޮޑަށް ސަމާލުވާން ޖެހޭ ކަމަކީ، މިކަމުގައި އިސްކަންދީގެން ނުވާނެ ސިފަތަކަށް ނުވަތަ ކަންކަމަށް ބެލުމުން ދުރުހެލިވުމެވެ.
މިސާލަކަށް ވަކި ޕާޓީއަކަށް ނިސްބަތްވުމާއި، ގާތްތިމާގެ ކަމުގެ ގުޅުން އޮތުމާއި، ރައްޓެއްސަކަށް ވުމާއި، މާއްދީ އެހީތެރިކަމެއް ލިބިފައި ނުވަތަ ލިބެން އޮތުމާއި، އެހެން މީހަކު ދައްކާ ބިރަށް ބޯލެނބުމާއި، ޒާތީ ގޮތުން އޮންނަ ރުޅިވެރިކަމެއް ނުވަތަ ހަސަދައެއް ފިލުވާލުން ފަދަ ކަންކަމަކީ މިފަދަ މުހިންމު މަސްއޫލިއްޔަތެއް އަދާކުރަން ހަވާލު ކުރެވޭ މީހަކު ކަނޑައެޅުމުގައި ބަލަން ޖެހޭނެ ކަންކަމެއް ނޫނެވެ.
މުސްލިމުންގެ ކަންކަން ބެލެހެއްޓުމަށް މީހަކު އިޚުތިޔާރު ކުރުމަކީ ވަރަށް ބޮޑު ޒިންމާ އެކެވެ. ވީމާ މި ޒިންމާ އޭގެ އެންމެ ހެޔޮ ގޮތުގައި އަދާ ކުރުމަށް ކޮންމެ މުސްލިމަކުވެސް ފަރުވާތެރިވާން ޖެހޭނެ އެވެ. ރަނގަޅު އެކަކުވެސް ނެތޭ ކިޔާފައި މީހަކު އިޚުތިޔާރު ކުރުމުގައި ބައިވެރިނުވެ ހުރެއްޖެ ނަމަ ނުރަނގަޅު މީހުންގެ ތެރެއިން ވެސް އެންމެ ނުރަނގަޅު މީހާ އިޚުތިޔާރުވާ ގޮތް ފަހަރެއްގައި ވެދާނެ އެވެ. މިއީ މާ ދެރަވާން ޖެހޭނެ ކަމެކެވެ.
އިސްލާމީ އުގޫބާތްތައް ބިނާވެފައިވަނީ އުސޫލުތަކެއްގެ މަތީ
ދީނީ ފުރައްސާރަތަކުން މުޖުތަމައު ސަލާމަތް ކުރަންޖެހޭ
ވެރިންނާއި ހާކިމުން ވެސް ވާން ޖެހޭނީ ހެޔޮލަފާ ބަޔަކަށް
މާއްދީ އެދުންތަކުން އަޚްލާގަށް ހުރި ގޮންޖެހުން
ރިވެތި އަޚުލާގަށް އެންމެ މުހިންމީ އީމާންތެރިކަން
އަޚްވަންތަކަމަށް ބުރޫއަރާ ކަންކަމުން ދުރުހެލިވުން
ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ ނުރައްކަލެއް
އެދުންތަކުގެ މައްޗަށް އީމާންތެރިކަމުގެ ބާރު ގަދަކުރުން
ދުނިޔަވީ މަންފާ ހޯދުމުގައި ﷲ އަށް އަޅުވެތިވުން
އިސްލާމީ މުޖުތަމައުގައި އިންތިޒާމުތައް އޮންނަން ޖެހޭނެ