Roadha Mihaaru
އިބޫ އައްސަވަނީ "ފިކުރު ކުރަން ތިބެގެން ހައްލުވާނެހޭ"

އިބޫ އައްސަވަނީ، "ބަލަ ފިކުރު ކުރަން ތިބެގެން ހައްލުވާނެހޭ"

02 ސެޕްޓެމްބަރ 2018

"ބިކަވެ ގައުމު ނުދަނީސް، މުޅި ދީބު އޮޔާ ނުދަނީސް، ހަމަ ތެދުވެ މިކަން އެކުވެ މިއަދު ހައްލު ހޯދަމާ،" ރޭ ގައްދޫގައިި ބޭއްވި ޖަލްސާގައި، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯޯލިހު (އިބޫ)، ޅެން ބައިތަކުން ރައްޔިތުންނަށް މެސެޖް ފޮނުއްވި އެވެ.

މުހައްމަދު ޔާމީން ގދ. ގައްދޫން މުހައްމަދު ޔާމީން

"ބިކަވެ ގައުމު ނުދަނީސް، މުޅި ދީބު އޮޔާ ނުދަނީސް، ހަމަ ތެދުވެ މިކަން އެކުވެ މިއަދު ހައްލު ހޯދަމާ،" ރޭ ގައްދޫގައިި ބޭއްވި ޖަލްސާގައި، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯޯލިހު (އިބޫ)، ޅެން ބައިތަކުން ރައްޔިތުންނަށް މެސެޖް ފޮނުއްވި އެވެ.

"ދެކޮޅު ނުޖެހި ހަރަދުން ގައުމު ދަރާ ވިކެނީ. ބަލަ ފިކުރު ކުރަން ތިބެގެން ހައްލުވާނެހޭ،" މިހާރު ގައުމުގެ ހާލަތު އޮތް ގޮތަށް އިޝާރަތްކުރައްވާ، ރައްޔިތުން އަޅާނުލާ ތިބެގެން ނުވާނެ ކަމަށް ވިދާޅުވީ މި ބައިތުންނެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފޯރި މުޅި ރާއްޖޭގައި ނަގަމުން އަންނަ އިރު ޅެންބައިތުތަކުންނާއި، ރާއްޖޭގެ އެކި ހިސާބުތަކުގެ ބަހުރުވައިން ސިޔާސީ ބޭފުޅުން ގެންދަވަނީ ރައްޔިތުންގެ ވިސްނުމަށް ކަންކަން ވައްދަން މަސައްކަތް ކުރައްވަމުންނެވެ.

އިބޫގެ އެ ޅެންބައިތުތަކަށް ފަހު އޭނާ ވިދާޅުވީ ރައްޔިތުން ފަހަތަށް އަޅާ ކޮންމެ ފިޔަވަޅެއްގެ ސަބަބުން، ދައުލަތުގެ އެތައް މިލިއަން ރުފިޔާއެއް ގެއްލިގެން ދާނެ ކަމަށެވެ. އެހެންކަމުން ފަހަތަށް ނުޖެހި، އިދިކޮޅު އިއްތިހާދަށް ވޯޓު ދޭން އޭނާ ގޮވާލެއްވި އެވެ.

އިދިކޮޅު ކޯލިޝަނުން ގައްދޫގައި ބޭއްވި ޖަލްސާ: ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި. - ފޮޓޯ: އެމްޑީޕީ

އިދިކޮޅު ކޯލިޝަނުން ގައްދޫގައި ބޭއްވި ޖަލްސާ: ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި. - ފޮޓޯ: އެމްޑީޕީ

އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ނުކުމެ ތިބީ ގެއްލިފައި އޮތް އިންސާފު ހޯދައި، ފަސާދަ އާއި ވައްކަން ހުއްޓުވުމަކަށް ގެންނަން ކަމަށެވެ. އަދި އިދިކޮޅުގެ ވެރިކަމެއްގައި ރައްޔިތުން ބޭނުންވާ ބަދަލު އަންނަ ތަން ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގައި ސިވިލް ސާވިސްގެ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން އެމީހުންގެ ނުރުހުމުގައި ބޭނުންކުރަމުން ދާ މައްސަލަ އިދިކޮޅުން އަބަދުވެސް ދައްކަ އެވެ. އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ސިވިލް ސާވިސްގެ ވަޒީފާގައި ތިބި މީހުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ވެސް މިހާރު ބިރުފަހަނައަޅައި ހިނގައްޖެ ކަމަށެވެ.

ގައްދޫގައި އިބޫގެ ބައެއް ވައުދުތައް

- މާވަރުލު އެއާޕޯޓު މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާނަން

- ގައްދޫގައި ހޮސްޕިޓަލެއް ހުޅުވާނަން.

- ގައްދޫ މަގުތައް ހެދުން

"އަޅުގަނޑު ދަންނަވާނީ ފަހަތަށް ޖެހިވަޑައިނުގަންނަވާށޭ. މިއީ އެވަގުތެއް ނޫން. ފަހަތަށް އަޅާ ކޮންމެ ފިޔަވަޅަކީ އަޅުގަނޑުމެންގެ ބައިތުލްމާލުން އަނެއްކާވެސް އެތައް މިލިއަން ރުފިޔާއެއް ގެއްލިގެންދާނެ،" ސަރުކާރުގައި އޮތް ހިޔާނާތުގެ މައްސަލަތަކަށް އިޝާރަތްކުރަައްވާ، އިބޫ ވިދާޅުވި އެވެ.

"ފަހަތަށް އަޅާ ފިޔަވަޅު ވެގެން ދާނީ އެތައް މަރެއް ރާއްޖޭގެ މަގުމަތީގައި ހިނގާ ތަން. ފަހަތަށް އަޅާ ކޮންމެ ފިޔަވަޅެއް ވެގެންދާނީ އެތައް ރަށެއް ވިއްކާލެވޭ މަންޒަރު. މި މަންޒަރު ބަލަން ތިބެގެން ނުވާނެ."

އިބޫ ރޭ ގައްދޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ

އިބޫ ރޭ ގައްދޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ

ރައީސް ޔާމީނަށް އަމާޒުކުރަައްވާ އިބޫ ވިދާޅުވީ ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިނުކުރުމަށެވެ. އެގޮތަށް އެކަން ކުރެއްވިޔަސް، އިންސާފުން ބޭރުން ވަޒީފާ ގެއްލުނު މީހުންނަށް، އިދިކޮޅު ވެރިކަމެއްގައި ވަޒީފާ ހޯދައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ކޯލިޝަނުން މިފަހަރުގެ އިންތިހާބު ކާމިޔާބުކުރާނީ ވަރަށް ބޮޑު ތަފާތަކުން ކަމަށެވެ. އެގޮތުން ގައްދޫގެ މެޖޯރިޓީ ވެސް ލިބޭނީ އިދިކޮޅު އިއްތިހާދަށް ކަމަށް އޭނާ ވިދާޅުވި އެވެ.