Roadha Mihaaru
ދަތުރުތަކަށް ބްރިޖު ހުޅުވާލާނީ މާދަމާ ހަވީރު 4ޖަހާއިރު

އާންމު ދަތުރުފަތުރަށް ބްރިޖު ހުޅުވައިލާނީ މާދަމާ ހަވީރު 4:00 ގައި

06 ސެޕްޓެމްބަރ 2018

ސިނަމާލެ ބްރިޖު، އާންމު ދަތުރުފަތުރަށް ހުޅުވާލާނީ މާދަމާ ހަވީރު 4:00 ގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސިނަމާލެ ބްރިޖު، އާންމު ދަތުރުފަތުރަށް ހުޅުވާލާނީ މާދަމާ ހަވީރު 4:00 ގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވިއިރު، މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ބްރިޖު ވަނީ ރަސްމީކޮށް ހުޅުވައިފަ އެވެ. ބްރިޖުމަތީގައި އާންމު ދަތުރުފަތުރުކުރުން، ކުރިން ވެސް ހަމަޖައްސާފައިވާ އުސޫލުގެ މަތިން މާދަމާ ހުޅުވި ނަމަވެސް މިވަގުތު ވެހިކަލްތަކަށް އެއްވެސް ފީއެއް ނުނަގާނެ އެވެ.

ބްރިޖް މެދުވެރިކޮށް ދަތުރު ކުރުމުގެ ފީ ސަރުކާރުން އަދި އިއުލާނެއް ނުކުރެ އެވެ.

އާންމު ދަތުރުފަތުރަށް މާދަމާ ބްރިޖް ހުޅުވާލާއިރު، ބްރިޖްގައި ބަހުގެ ޚިދުމަތް ދޭ އެމްޕީއެލް އިން ވެސް މާދަމާ ބަސް ދަތުރުތައް ފަށާނެ އެވެ. ބަހުގެ ޚިދުމަތް ރަސްމީކޮށް ފަށަނީ ދެތިން ދުވަސް ފަހުން ކަމަށް ވިޔަސް، މާދަމާ އިން ފެށިގެން ރަސްމީކޮށް ދަތުރުތައް ފެށެންދެން ބަހުގައި ހިލޭ ދަތުރު ކުރެވޭނެ އެވެ.

ބްރިޖު، އާންމު ދަތުރުފަތުރަށް ހުޅުވާލުމުގެ ކުރިން އެތަނުގައި ވަނީ ތަފާތު އިވެންޓުތައް ބާއްވައިފަ އެވެ. އޭގެ ތެރެއިން ކައިވެނީގެ ހަފުލާއަކާއި ގައުމީ ޔުނިވަސިޓީގެ ގްރެޖުއޭޝަނާއި ބައިކް މޯލްޑިވްސް އިން ކުރިއަށް ބައިސިކަލް ދުއްވުމުގެ ހަރަކާތެއް ހިމެނެ އެވެ. އަދި ބްރިޖު އާންމުކޮށް ދައްކައިލުން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވެފައިވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.

ގަޑިއަކު 60 ކިލޯ މީޓަރަށް ދުއްވާ ގޮތަށް ޑިޒައިން ކޮށްފައިވާ ބްރިޖުން ގާތްގަނޑަކަށް ތިން މިނެޓުން ހުޅުލެ އާއި މާލެ ހުރަސް ކުރެވޭނެ އެވެ.