Roadha Mihaaru
ބްރިޖާ އެކު ހުޅުލޭ ފެރީތައް ފަޅުވެއްޖެ

ބްރިޖާ އެކު ހުޅުލޭ ފެރީތައް ފަޅުވެއްޖެ

11 ސެޕްޓެމްބަރ 2018

ސިނަމާލެ ބްރިޖް ހުރަސްކޮށް އާންމު ވެހިކަލްތަކަށް ހުޅުލެއަށް ވަދެވޭ ގޮތަށް ހެދުމުން، ހުޅުލޭ ފެރީތަކުން ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެ، އެ ވިޔަފާރީގެ މުސްތަގުބަލާ މެދު ސުވާލު އުފެދިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސިނަމާލެ ބްރިޖް ހުރަސްކޮށް އާންމު ވެހިކަލްތަކަށް ހުޅުލެއަށް ވަދެވޭ ގޮތަށް ހެދުމުން، ހުޅުލޭ ފެރީތަކުން ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެ، އެ ވިޔަފާރީގެ މުސްތަގުބަލާ މެދު ސުވާލު އުފެދިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓަށް، އެންމެ ކުރިންސުރެ ވެސް މީީހުން އުފުލައިދީ، މާލެ ގެނެސް ހެދި ފެރީގެ ނިޒާމަށް މި އައި ކުއްލި ވެއްޓުމާ އެކު، ފެރީތަކުގެ މުވައްޒަފުންނާއި ވެރިން ވަނީ ކަންބޮޑުވުމެއްގެ ތެރޭގަ އެވެ.

ހަމައެކަނި މިއަދު ހެނދުނު ފެރީތަކުން ދަތުރުކުރި މީހުންގެ އަދަދަށް ބެއްޔަސް ފެންނަނީ ވަރަށް ބޮޑު ވެއްޓުމެކެވެ. އެގޮތުން އާންމުކޮށް 60 މީހުން ދަތުރުކުރާ ދޯނިފަހަރުގައި އެއާޕޯޓަށް ގެންދަން ޖެހުނީ ދިހައެއް ނުވަތަ 15 ވަރަކަށް މީހުންނެވެ.

"މިއަދު ހެނދުނު ހަތެއްގެ ފެރީން ހުޅުލެއަށް ދިޔަ 36 މީހުން. ނަމަވެސް އޭގެ ފަހުން މިދަނީ މީހުން މަދުވަމުން،" ހުޅުލޭ ފެރީއެއް ދުއްވާ މީހަކު ބުންޏެވެ.

ކުރިން ނަމަ އެވްރެޖްކޮށް ދުވާލަކު 6،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދެއް ފެރީއަކަށް ލިބޭ ކަމަށް، އެ ވިޔަފާރީގައި އުޅޭ މީހުން ބުނެ އެވެ. އެގޮތުން އިއްޔެ އެއް ދޯނިން 400 އެއްހާ މީހުން އުފުލި އެވެ. އެއީ 10ރ. ގެ ރޭޓުން ބަލާ ނަމަ 4،000ރ. އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލެއަށް އާއްމު ވެހިކަލްތަކަށް ވަދެވޭ ގޮތަށް ހަމަޖެއްސީ އިއްޔެ ރެ އެވެ. އޭގެ ކުރިން ނަމަ އެއާޕޯޓް ސަރަހައްދަށް ވަދެވެނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ދޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ހުޅުލެއަށް ދާން ދެ މީހަކު މިއަދު ހެނދުނު ފެރީ ޓިކެޓް ގަންނަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ހުޅުލެއަށް ދާން ދެ މީހަކު މިއަދު ހެނދުނު ފެރީ ޓިކެޓް ގަންނަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ހުޅުލެ އާއި މާލެއާ ދެމެދު ދަތުރުކުރާ 41 ފެރީ އޮވެ އެވެ. އެތަނުގައި ދުއްވާ ދޯނިތަކުން ދަތުރެއްގައި 50 އާއި 80 އާ ދެމެދުގެ އަދަކަށް މީހުން އުފުލަ އެވެ. ފަޅުވެރިންގެ މުސާރަ އާއި ތެލަށް މަހަކު އެވްރެޖްކޮށް 40،000ރ. ހަރަދުވާ ކަމަށް، އޮޑިވެރިން ބުނެ އެވެ.

ހުޅުލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީއެއް މިއަދު ހެނދުނު މާލޭ ފަޅަށް ވަންނަނީ --ފޮޓޯ: ނިޝާން އަލީ /މިހާރު

ހުޅުލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީއެއް މިއަދު ހެނދުނު މާލޭ ފަޅަށް ވަންނަނީ --ފޮޓޯ: ނިޝާން އަލީ /މިހާރު

"މިހާ ވަރަށް މީހުން މަދުވާ ނަމަ މިކަން ޖެހޭނީ ހުއްޓާލަން. މިވަރުން ތެލުގެ ހަރަދު ވެސް ނުލިބޭނެ،" ފެރީއެއްގެ ވެރިޔަކު ބުންޏެވެ.

އެކަމަކު މި ވަގުތު އާންމުން ގެންދަނީ ފެރީތަކުގެ ބޭނުން އެހެން ގޮތަކަށް ހިފަމުންނެވެ: ބޭރުން އަންނަ އިރު ގެންނަ ފޮށިތައް މާލެ ފޮނުވާލުމެވެ.

ފެރީ ދުއްވާ މީހުން ބުނާ ގޮތުގައި އެއާޕޯޓުން ވެހިކަލްގައި މާލެ އަޔަސް މިވަގުތު ގިނަ އަދަދެއްގެ ބަޔަކު އެމީހުންގެ ފޮނުވަނީ ފެރީތަކުގަ އެވެ. ފެރީގައި ދަތުރުކުރާ ކޮންމެ މީހަކަށް ވެސް ހިލޭ ތިން ފޮށި ގެންދެ އެވެ. އެހެންކަމުން ފެރީން ދަތުރުނުކޮށް، ޓިކެޓް ނަގައިގެން ފޮށިތައް ފޮނުވާލާ ކަމަށް، ފެރީތަކުގެ މީހުން ބުނެ އެވެ.

"ޓެކްސީގައި މާ ގިނަ ލަގެޖް ނުގެންދެވޭތީ ފެރީން ލަގެޖް ފޮނުވާލާފައި މާލެ އަންނަނީ،" ފެރީއަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"އެކަމަކު އެގޮތަށް ވެސް ދަތުރުކުރާ މީހުން ކުރިޔަށް އޮތް ތަނުގައި މަދުވާނެ ކަމަށް ލަފާކުރެވޭ."