Roadha Mihaaru
ރައީސް ޔާމީންގެ އުންމީދުތައް މާ ކުރީގައި

ރައްޔިތުން ކުރި އުންމީދަށް ވުރެ ދުރު އުންމީދުތަކެއް ހާސިލް ކޮށްދީފިން: ރައީސް

17 ސެޕްޓެމްބަރ 2018

އެ މަނިކުފާނުގެ ރިޔާސީ ފުރަތަމަ ދައުރުގައި، ރައްޔިތުން އުންމީދު ކުރި ވަރަށް ވުރެ މާ ދުރަށް އުންމީދުތައް ހާސިލް ކޮށްދެއްވައިފި ކަމަށާއި އެއީ ވެސް ދެ ވަނަ ދައުރެއް ދޭންޖެހޭ ސަބަބެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ ރިޔާސީ ފުރަތަމަ ދައުރުގައި، ރައްޔިތުން އުންމީދު ކުރި ވަރަށް ވުރެ މާ ދުރަށް އުންމީދުތައް ހާސިލް ކޮށްދެއްވައިފި ކަމަށާއި އެއީ ވެސް ދެ ވަނަ ދައުރެއް ދޭންޖެހޭ ސަބަބެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ދިވެހި ގައުމީ ޔުނިވަސިޓީން އިންތިޒާމު ކޮށްގެން ބޭއްވި "ރިޔާސީ ބަހުސް"ގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާނެ މީހުން ނެތް މިންވަރަށް 2023ގައި ވަޒީފާ އުފައްދާނެ ކަމަށެވެ. އެއީ ރައީސް ވިދާޅުވި ގޮތުގައި 663،000 ވަޒީފާ އެވެ. އެކަމަކު އެކަން ހާސިލް ކުރެވޭނީ އެ މަނިކުފާނުގެ އިކޮނޮމިކް ޕެކޭޖު ނުހުއްޓި ކުރިއަށް ދާ ނަމަ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު އުފައްދައިދޭ އޮޕޮޗުނިޓީ ފަހަތުން އަބަދުވެސް އަންނަން ޖެހޭނީ. އެ އުފައްދައިދޭ އޮޕޯޗުނިޓީ ފުރިހަމަވާނެ. އެއީ ވަޒީފާގެ ފުރުސަތު އޮތް ގޮތް،" އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ގައުމީ ޔުނިވަސިޓީން ބޭއްވި ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ހަމައެކަނި ކެންޑިޑޭޓު ވިދާޅުވި އެވެ.

މި ބަހުސަށް، އެމްއެންޔޫ އިން ރައީސް ޔާމީންގެ އިތުރުން އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވެސް ދައުވަތު ދިނެވެ. އެކަމަކު ބަހުސްގައި އިބޫ ބައިވެރި ނުވާން އެމްޑީޕީން ނިންމީ މިނިވަން މުއައްސަސާތަކަށާއި ޕީއެސްއެމަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ މިންވަރަށް ބަލާއިރު ބަހުސް ވެސް މިނިވަންކަމާ އެކު ކުރިއަށް ގެންދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ބުނެ އެވެ.

ރޭ ބޭއްވި ރިޔާސީ ބަހުސްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރޭ ބޭއްވި ރިޔާސީ ބަހުސްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ، 2013 ވަނަ އަހަރު އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ ބޮޑު ދަރަންޏަކާ އެކު ކަމަށާއި އެކަމަކު އެ ދަރަނި މިދިޔަ ދުވަސްތަކުގައި މެނޭޖް ކުރެއްވި ކަމަށެވެ. އަދި އެ ސިޔާސަތަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ތާއީދު އެބައޮތް ކަމަށް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަޅުގަނޑުމެންގެ ސޮވަރިން ބޮންޑެއް، ސޮވަރިން ޑެޓެއް އިޝޫ ކޮށްގެން ލާރި މި ބޮރޯ ކުރީ. އެއިން އެ ދައްކަނީ އިގްތިސާދުގައި ސްޓްރެންތު ހުރި ވަރު. އަޅުގަނޑުމެންގެ ނިޒާމަށް ބޭރުގެ ތާއީދު އޮތް ވަރު. އެއް ބިލިއަން ޑޮލަރުގެ އިންވެސްޓެއް ބޭރުގެ އެންމެ ޕާޓީއަކުން އައިސް ރާއްޖޭގައި ކުރީމާ އެ ދައްކަނީ ދިވެހިރާއްޖޭގައި އިންވެސްޓާ ދޭތެރޭގައި މީހުންގެ އިތުބާރު އޮތް ވަރު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ކާމިޔާބީތަކާ އެކު ދެން ރަނގަޅު ވާންޖެހެނީ އަދުލުގެ ނިޒާމެވެ. އޭގެ ތެރޭގައި އަދުލުގެ ނިޒާމުގައި މައްސަލަތައް އަވަސްވުން ހިމެނެ އެވެ. ނަމަވެސް ރައީސް ވިދާޅުވީ، އަދުލުގެ ނިޒާމުގެ ކަންކަން ރަނގަޅު ނުވިޔަސް ބޭރުގެ އިންވެސްޓަރުން ރާއްޖެ ނައިސް ނުތިބޭނެ ކަމަށެވެ.

ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނިން، އެއީ ވޯޓުދޭންޖެހޭ ސަބަބެއް

ރައީސް ޔާމީން ވިދާޅުވީ، މީގެ ކުރިން ބޯހިޔާވަހިކަން ކަށަވަރު ނުކުރެވޭ މިންވަރަށް މި ފަސް އަހަރުގެ ތެރޭގައި އެކަން އެ މަނިކުފާނު ކަށަވަރު ކޮށްދެއްވި ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ކުރިއަށް ގެންދާ ހިޔާ މަޝްރޫއުގައި އިމާރާތް ކުރަމުންދާ ފްލެޓްތައް 17 ފްލޯ އަށް ވުރެ މައްޗަށް މިހާތަނަށް އިމާރާތް ކޮށް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއިން ކަށަވަރު ކޮށްދޭނެ 17،000 [ހައުސިން] ޔުނިޓު. ހިޔާ މަޝްރޫއު ނިމިގެންދާނީ ވިލިމާލެ 2ގެ ފޭސް ނިމިގެން. އެ ފޭސް ނިމިގެން ދާ އިރު ހުޅުމާލެ އިން މާލެ އަށް މީހުން އަންނަ ގޮތަށް، އެ ތަނުގައި ވެސް އެޕާޓްމަންޓްތައް ހިފައިގެން އުޅޭ މީހުން މާލެ އަންނާނެ. މާލޭގެ ތަރައްގީ އާއި މާލޭގެ ކުރިއެރުން އޭނާ ޝެއާ ކުރާނެ. އެކަން ނިމިގެން ދާ އިރު 18 އަހަރުން މަތީގެ 315،000 މީހުންނަށް އެ ތަނުން ގެދޮރުވެރިވާނެ،" ރައީސް ވިދާޅުވި އެވެ.

ގައުމީ ޔުނިވަސިޓީން ރޭ ބޭއްވި ބަހުސް އަޑު އައްސަވަން ވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

ގައުމީ ޔުނިވަސިޓީން ރޭ ބޭއްވި ބަހުސް އަޑު އައްސަވަން ވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވި އިރު ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތަކީ 4000-5000 ޑޮލަރު ކަމަށާއި އެ އަދަދު މިހާރު ގާތްގަނޑަކަށް 10،000 ޑޮލަރަށް މައްޗަށް ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑު މި އުންމީދު ކުރަނީ އަޅުގަނޑުގެ މި މަޝްރޫއުތައް ﷲގެ ރަހުމަތާ އެކު، ކުރިއަށް ގެންގޮސް ނިންމުމުގެ ފުރުސަތު އަޅުގަނޑަށް ލިބިއްޖެ ކަމަށް ވަނީ ނަމަ މި އަދަދު 20،000 އެމެރިކާ ޑޮލަރަށް ޖައްސަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު މި އުންމީދު މި ކުރަނީ ދިވެހިރާއްޖޭގެ އެތެރެވަރީގެ ސަރަހައްދުން ލިބެން ހުރި އެންމެ ރަނގަޅު ބޭސްފަރުވާ ދަރުމަވަންތަ ހޮސްޕިޓަލުން ލިބިގެން ދިއުން. އަޅުގަނޑު މި އުންމީދު މި ކުރަނީ ރާއްޖޭގައި ހުރި، ހުރިހާ ބޮޑެތި ސިއްހީ މަރުކަޒުތަކުގައި މާލެއާ އެއް ފެންވަރުގެ ޑައިގްނޯސްޓިކް ފެސިލިޓީތައް ކޮންމެ ތަނެއްގައި ހުންނަން. އަޅުގަނޑު މި އުންމީދު ކުރަނީ ހުރިހާ ޒުވާނުންނަށް ވަޒީފާ ދޭން."

ރައީސް ޔާމީން ވިދާޅުވީ، މި ފަސް އަހަރުގެ ތަޖުރިބާއަކީ ރައްޔިތުން ކައިރީގައި ދެންނެވި މިންވަރަށް ވުރެ އިތުރަށް ވެސް ކަންކަން ފުއްދައި ދެވުން ކަން ކަމަށެވެ.

"އެހެންވީމާ، މިއިން ކަމެއް ނުފުދޭ ކަމަށް ރައްޔިތަކު ވިދާޅުވާ ކަމަށް ވަންޏާ އަޅުގަނޑުމެން މި ކޮށްދިން ޚިދުމަތާ ދޭތެރޭގައި ސުވާލު އުފެއްދި ދާނެ. އެކަމަކު، އެހެން ނޫން ކަމަށް ވަންޏާ ސުވާލެއް އުފެއްދޭނެ ގޮތެއް ނޯންނާނެ. އޭގެ އަލީގައި ދެން އަޅުގަނޑުމެން ހިތަށް ގެންނަންވީ މިއީ މާއްދީ ތަރައްގީ އަށް ވުރެ ބޮޑެތި ކަންކަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އަޅުގަނޑަކީ ހަމައެކަނި 'ސިންގަލް ޕްރެޒިޑެންޓް'

ރޭގެ ބަހުސްގައި ރައީސް ޔާމީން ވިދާޅުވީ، މި ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ވޯޓު ދޭންޖެހޭ އެއް ސަބަބަކީ އެއްވެސް ނުފޫޒެއް ނެތި، މިނިވަންކަމާ އެކު ހުންނެވި ހަމައެކަނި ކެންޑިޑޭޓަކީ އެއީ ކަމަށް ވުން ކަމަށެވެ. އިދިކޮޅު ލީޑަރު އިބޫގެ "ކޭކު"ން ބައި އަޅަން ބޭނުންވާ އެތައް ބަޔަކު ކޯލިޝަންގައި އެބަތިބި ކަމަށް ރައީސް ވިދާޅުވި އެވެ.

އިބޫ އެންމެ ފަހުން ލަންކާ އަށް ކުރެއްވި ކެމްޕެއިން ދަތުރުގައި، ކުރީގެ ރައީސް ނަޝީދާ އެކު.---ފޮޓޯ: އެމްޑީޕީ

އިބޫ އެންމެ ފަހުން ލަންކާ އަށް ކުރެއްވި ކެމްޕެއިން ދަތުރުގައި، ކުރީގެ ރައީސް ނަޝީދާ އެކު.---ފޮޓޯ: އެމްޑީޕީ

"އެހެންވީމާ އަޅުގަނޑުގެ އިދިކޮޅު ކެންޑިޑޭޓަކީ ސިންގަލް ޕްރެޒިޑެންޓަކަށް ނުވާނެ. އެއީ ޕަވާ ޝެއާރިން ޕްރެޒިޑެންޓަކަށް ވާނީ. ޕަވާ ޝެއާރިން ޕްރެޒިޑެންޓަކަށް ކަންކަން ނިންމަން ވަރަށް އުނދަގޫ ވާނެ. ވަގުތު ނަގާނެ. ހުރިހާ އެންމެންގެ މަޝްވަރާ ނުލިބޭ ކަންކަން، އަމުދުން ނުވާނެ. އަދި އަމުދުން އޭނާގެ މައްޗަށް ހުންނަ، އޭނާގެ ޕާޓީގެ ބޮސް [ކުރީގެ ރައީސް މުހައްމަދު ނަޝީދު] ބުނާ ގޮތަކަށް ނުނިންމައިފިއްޔާ އޭނާއަކަށް [އިބޫ] މަގާމުގައި ވެސް ނުހުރެވޭނެ. އެއީ އަޅުގަނޑުމެން އެންމެން ދަންނަ ހަގީގަތް،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަކީ ހަމައެކަނި ސިންގަލް ޕްރެޒިޑެންޓެއްގެ ގޮތުގައި އަންނަ މީހާ."

ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބާރާއި ނުފޫޒު އެ ޕާޓީ އަށް އޮތް ދުވަސްވަރު، މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމަވަން ވެސް އުނދަގޫފުޅުވި ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެކަން ތަންފީޒު ކުރަން މައުމޫން ދެކޮޅު ހެއްދެވުމެވެ. އެކަމަކު، މައުމޫންގެ ވިސްނުންފުޅާ ދެކޮޅަށް، ރައްޔިތުންގެ ހައްގުގައި މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމެވީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.