Roadha Mihaaru
1000 ފޫޓު ތިރިން އޭ380 މާލެ ވަށައި ބުރެއްޖަހާނެ

އާ ރަންވޭ އަށް ޖައްސާ އޭ380 ބޯޓު 1،000 ފޫޓު ތިރިން މާލެ ވަށައި ބުރެއް

17 ސެޕްޓެމްބަރ 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އިފްތިތާހު ކުރުމުގެ ގޮތުން ޖައްސާ ފުރަތަމަ ބޯޓު، ޔޫއޭއީގެ އިއްތިހާދު އެއާވޭސްގެ އެއާބަސް އޭ380 ގެ ބޯޓު، 1،000 ފޫޓު ތިރިން މާލެ ވަށައި ބުރެއް ޖަހާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އާ ރަންވޭ އިފްތިތާހު ކުރުމަށް ބާއްވާ ރަސްމިއްޔާތު ފެށުމުގެ ގޮތުން ބާއްވާ އިވެންޓުގައި، ދުނިޔޭގައި މިހާތަނަށް ބޭނުންކުރާ އެންމެ ބޮޑު ފަސިންޖަރު މަތިންދާބޯޓު ހުޅުލެއަށް ތިރިކުރަން ހަމަޖެހިފައި ވަނީ ހަވީރު 3:30ގަ އެވެ. އެ ބޯޓު އާ ރަންވޭއަށް ޖައްސަން އަންނާނީ މާލެ ވަށައި ބުރެއް ޖެހުމަށްފަހު، ހުޅުލޭގެ އުތުރުކޮޅުންނެވެ.

އޭ380 މަތިންދާބޯޓު ޖެއްސުމަށްފަހު ދެން އޮންނާނީ އެމްއެންޑީއެފުން ޕެރަޝޫޓާއެކު އެއާޕޯޓަށް ފުންމާލުމުގެ ހަރަކާތެކެވެ. އެ ހަރަކާތަށް ފަހު ހަ ސީޕްލޭން 200 ފޫޓު ތިރިން މާލެ ވަށައި ބުރެއް ޖެހުން ވެސް އޮންނާނެ އެވެ. ސީޕްލޭންގެ ފްލައި ޕާސް ކުރިޔަށްދާނީ ސިނަމާލެ ބްރިޖް ކައިރިންނެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި ރަންވޭ ހުޅުވުމުގެ ހަރަކާތްތައް ފެށޭނީ ފްލައި ޕާސް އަށް ފަހު 4:10 ގަ އެވެ. އެ ހަރަކާތް ކުރިޔަށް ދާނީ އެއާޕޯޓުގެ އުތުރު އޭޕްރަން ސަރަހައްދުގަ އެވެ.

މާދަމާ އިފްތިތާހުކުރާ، އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އެނގިފައިވާ ގޮތުގައި، ރާއްޖެ އަންނަ އޭ380 ގެ ޕައިލެޓަކީ ދިވެއްސެއް ކަމަށްވާ އަލީ އަހްސަން އެވެ.