Roadha Mihaaru
ބޭއިންސާފުން ޖަލުގައި ހުރުމަކީ ޚިދުމަތެއް: ފާރިސް

ބޭއިންސާފުން ޖަލުގައި ހުރުމަކީ ކޮށްދެވުނު ޚިދުމަތެއް: ފާރިސް

30 ސެޕްޓެމްބަރ 2018

ބޭއިންސާފުން ޖަލުގައި އަހަރަކަށް ވުރެ ގިނަ ދުވަހު ހުންނެވުމަކީ ރައްޔިތުންނަށް ކޮށްދެއްވުނު ޚިދުމަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޭއިންސާފުން ޖަލުގައި އަހަރަކަށް ވުރެ ގިނަ ދުވަހު ހުންނެވުމަކީ ރައްޔިތުންނަށް ކޮށްދެއްވުނު ޚިދުމަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ހައްޔަރުކޮށް، ޖަލަށް ލި ފާރިސް މިރޭ ވަނީ ކަފާލާތުގެ ދަށުން، ހައި ކޯޓުން މިނިވަންކޮށްފަ އެވެ. އޭނާ ބަންދުކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރަން، މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު، ހުކުމް އިއްވީ، އޭނާގެ މައްޗަށް ކުރި ޝަހްސު އޮޅުވާލުމުގެ ދައުވާގަ އެވެ.

އެ ދައުވާގައި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ފާރިސްގެ ފަރާތުން 40،000ރ. ކޯޓުގައި ބެހެއްޓުމުން ހައި ކޯޓުން މިއަދު އަމުރުކުރީ އެ ކޯޓުގައި ހިނގަމުންދާ ފާރިސްގެ އިސްތިއުނާފް މައްސަލާގައި ވަކި ގޮތެއް ނިންމަންދެން ބަންދުން ދޫކޮށްލާފައި ބެހެއްޓުމަށެވެ.

ގާނޫނީ އިމުން ބޭރުވެ، ސަރުކާރުން ބޭނުންވާ ގޮތަށް ބިލްތައް ފާސްކުރަން ފެށުމުން، މަޖިލީސް މިނިވަންކުރަން އިދިކޮޅު ޕާޓީތަކުން ކުރި މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ފާރިސް އެވެ. އޭނާ ޖަލަށްލައި އެއްފަރާތްކުރީ، އެ މަސައްކަތުގައި ރައީސް ޔާމީނަށް ބިރަކަށް ވުމުން ކަމަށް، އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރެ އެވެ.

ފާރިސް މިނިވަންވެ، ނޫސްވެރިންނާ ވާހަކަ ދައްކަވުން ވިދާޅުވީ ނުހައްގު އަދަބުން މިިނިވަންވުމުގެ ޝުކުރު ހައްގުވަނީ، ރާއްޖެ ހަމަ މަގަށް އަޅުވަން ސިޔާސީ ލީޑަރުން ކުރެއްވި ހިކުމަތްތެރި، މަސައްކަތަށް ކަމަށެވެ. ބޭއިންސާފުން އޭނާ ވެސް ޖަލަށްލީ، އެ މަސައްކަތުގައި އުޅުއްވުމުން ކަމަށާއި އެހެންވިޔަސް ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންނާއި ގައުމުގެ ހައްގުގެ މަގުގައި މަސައްކަތް ކުރެއްވުން ދޫކޮށް ނުލައްވާނެ ކަމަށް ވިދާޅުވި އެވެ.

"ވަރަށް އުފާވޭ، ވަރަށް ހިތްހަމަޖެހޭ،" މިނިވަންވުމާ އެކު، ފާރިސް ވިދާޅުވި އެވެ.

ފާރިސް މިނިވަންވެ، އެންދެރިމާގޭ ކައިރީގައި: --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ފާރިސް މިނިވަންވެ، އެންދެރިމާގޭ ކައިރީގައި: --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"އަޅުގަނޑު އަބަދުވެސް ޔަގީންކޮށްގެން ހުރީ މި ދުވަސް އަންނާނެ ކަމަށް. މި ދުވަސް އަންނާނީ ކޮން ދުވަހަކުން ކަމުގެ ޔަގީންކަން ނެތީ ދެއްތޯ؟ އެކަމަކު އަބަދުވެސް، އެންމެ ދުވަހަކު ވެސް އުއްމީދުގައި ނޫން ހާލަތެއްގައި އެތަނުގައި [ޖަލުގައި] ނުހުންނަން. އެތާ ހުރި ހުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރާއްޖެ އަށް ކޮށްދެވުނު ކޮންމެވެސް ޚިދުމަތެއް. އެހެންވެ، އަޅުގަނޑާ މެދު އަދި އަޅުގަނޑުގެ އާއިލާ، ޚާއްސަކޮށް އަޅުގަނޑުގެ ބައްޕައާ މެދު އެކި ގޮތްގޮތުން ކަންތައް ކުރެވެމުން ދިޔައިރު ވެސް އަޅުގަނޑުމެން މިތިބީ ހައްގުގެ މަގުގައި ކަމުގެ ކަށަވަރުކަމާއި ޔަގީންކަން ހިތުގައި އޮންނާތީ މިހާ ހިސާބަށް މިގޮތަށް މި ތިބެވުނީ."

ފާރިސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރައްޔިތުން ތިބި ސާބިތުކަމާއި އިސްލާހީ މަސައްކަތުގައި އެކީގައި ތިއްބެވި މިންވަރު ޖަލުގައި ހުންނެވިއިރު ވެސް ޚަބަރުތަކުން އެނގިވަޑައިގެންނެވި އެވެ. އެއީ، ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި އެއާ އެކު ރިޔާސީ އިންތިޚާބު ކާމިޔާބުވެ، އިސްލާހީ މަސައްކަތުގައި ވެސް ކާމިޔާބީ ލިބޭނެ ކަން ޔަގީންވެވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ޝުކުރު އަދާކުރުމުގެ އިތުރުން ދަންނަވާނެ އިތުރު ވާހަކައެއް ނެތް. ރައްޔިތުން މި ކުރި އިތުބާރާއި އުފެދިގެން މި އަންނަ ސަރުކާރަށް މި ހަވާލުކުރި ބުރަ މަސްއޫލިއްޔަތާއި ޒިންމާގެ ބޮޑު ކަމާ މެދު އަޅުގަނޑުގެ ވިސްނުން މިހާރު މިހިރީ،" ފާރިސް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ، ފަސްއެނބުރި ބެލުން ދޫކޮށްލާށޭ. އަޅުގަނޑުމެންގެ ތެރޭގައި އެހެން ގޮތަކަށް ވޯޓު ދެއްވި ބޭފުޅުންނަކީ ވެސް އަޅުގަނޑުމެންގެ ބޭފުޅުންނޭ. އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނޭ."

ފާރިސް އެދިވަޑައިގަތީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ވާދަވެރިކަމުގައި އެއް ބަޔަކު އަނެއް ބަޔަކަށް ދެކެވުނު ވާހަކަތައް ވެސް މާޒީއަށް ދޫކޮށްލުމަށެވެ. ދެން އޮތީ އެންމެން ގުޅިގެން، އެކުގައި ގައުމީ މަސައްކަތުގައި ކުރިއަށް ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކަފާލާތުގެ ދަށުން ފާރިސް މިއަދު މިނިވަންކުރުމާ އެކު، އެންދެރިމާގެއަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކަފާލާތުގެ ދަށުން ފާރިސް މިއަދު މިނިވަންކުރުމާ އެކު، އެންދެރިމާގެއަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފާރިސް ވިދާޅުވި ގޮތުގައި ލީޑަރުންނާ އެކު އިސްލާހަށް ފެއްޓެވި މަސައްކަތް ޖަލުގައި ހުންނެވިއިރު ވެސް މަޑުޖައްސައެއް ނުލައްވަ އެވެ. މަޖިލީހުގެ ޖަލްސާތައް ފަށައި، މިނިވަންކަމާ އެކު މެމްބަރުންނަށް މަސައްކަތް ކުރެވޭނެ ގޮތްތަކާ ދޭތެރޭގައި ވިސްނުން ބެހެއްޓެވި ކަމަށް ވިދާޅުވި އެވެ.

"[ޖަލުގައި ހުރިއިރު ވެސް] އަޅުގަނޑުގެ މަސައްކަތަކަށް ބަދަލެއް ނާދޭ. އެކަމަކު މިނިވަންވުމުން އިތުރު ގިޔަރެއް މައްޗަށް ޖައްސާލަން ޖެހޭ ކަމަށް ގަބޫލުކުރެވޭ. އެހެންވީމާ ވަރަށް އަވަހަށް، ބަޔަކު ޝައްކު އުފައްދާފައިވާ އެހެން ނަމަވެސް އަޅުގަނޑަށް އެއްވެސް ޝައްކެއް ނެތް ގޮނޑިތަކާ ގުޅޭ ގޮތުން ގޮތްތަކެއް ނިމިގެންދާނެ ކަމަށް ގަބޫލުކުރެވޭ،" ފާރިސް ވިދާޅުވި އެވެ.

އެއީ، ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މެމްބަރުންނަށް މަޖިލީހަށް ވަދެވި، އެ މަޖިލީހުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ތަމްސީލު ވެވޭނެ ގޮތެއް ވުން ކަމަށް ވިދާޅުވި އެވެ.