Roadha Mihaaru
އަބްދުއްރަހީމް، ޝަރީފަށް: ޖެހޭނީ ކުޑަކަކޫ ޖަހަން

ޝަރީފު ޖެހޭނީ ކުޑަކަކޫ ޖަހަން، އާ އިންތިޚާބަކަށް ދާނަން: އަބްދުއްރަހީމް

15 އޮކްޓޯބަރ 2018

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ޖެހިވަޑައިގަންނަވާނީ ކުޑަކަކޫ ޖެހެން ކަމަށާއި އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބާއްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ޖެހިވަޑައިގަންނަވާނީ ކުޑަކަކޫ ޖެހެން ކަމަށާއި އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބާއްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ހީތަކާއި ވަހުމުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނާތީ، އެކަމަށް ރައްދު ދެއްވައި އަބްދުއްރަހީމް، ޕީޕީއެމް އޮފީސް ކުރިމަތީގައި ވާހަކަ ދައްކަވަމުން، ވިދާޅުވީ ރައީސް ޔާމީން ހުށަހެޅުއްވީ ވަރަށް ވަރުގަދަ މައްސަލައެއް ކަމަށެވެ. އެކަމަކު އޭގެ އެންމެ ފުރިހަމަ މައުލޫމާތު ދެއްވަން ދަތިކަމަށް ވިދާޅުވި އެވެ.

"އޮޅުވާލި ވޯޓު" ނަމުގައި ޕީޕީއެމުން ސިލްސިލާ ގޮތެއްގައި ބާއްވާ އަޑުއިއްވުމުގައި އަބްދުއްރަހީމް ވިދާޅުވީ އިންތިޚާބު އޮތް ދުވަހުގެ ރޭ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ޕީޕީއެމުން މައްސަލަ ހުށަހަޅަން މަސައްކަތް ކުރުމުން އިލެކްޝަންސް ކޮމިޝަނުން ގަސްދުގައި ހުރަސް އެޅުއްވި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދިނުމުން، ޝަރީފް ވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަންފާ ލިބޭ ގޮތަށް އިންތިޚާބުގެ ކަންކަން ކުރައްވައިފަ އެވެ. އަދި ސުޕްރީމް ކޯޓުގައި މިކަން ސާބިތު ކޮށްދެއްވަން ތައްޔާރު ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި އަބްދުއްރަހީމް ވާހަކަ ކުރިއަށް ގެންދަވަނިކޮށް، ވަކި ހިސާބަކުން ރައީސް ޔާމީން ވަނީ އޮފީހުން ނުކުމެވަޑައިގެން ކާރަށް އެރުއްވުމުގެ ކުރިން އަބްދުއްރަހީމްގެ އަތުގައި އޮތް މައިކް ނަންގަވައި، އެއްވުމުގެ ބައިވެރިންނަށް ސަލާމް ގޮވާލައްވައިފަ އެވެ. އެއަށް ފަހު، ހިނިތުންވެ ހުންނަވައި ރައީސް ޔާމީން ކާރަށް އެރުއްވީ އެވެ.

"ޝަރީފަށް ޖެހޭނީ ކުޑަކަކޫ ޖެހެން މި މައްސަލައިގައި. އަޅުގަނޑުމެންގެ މައްސަލަ އަޅުގަނޑުމެންނާ އެއްކޮޅަށް ކާމިޔާބުކޮށްގެން ނުކުމެ، ތިޔަ ބޭފުޅުންނާ އެކީގައި ދެވަނަ ފަހަރަށް އިންސާފުވެރި އިންތިޚާބަކަށް ދާނަން،" ރައީސް ޔާމީން ވަޑައިގެންނެވި ވަގުތު އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ހުންނެވީ ދިވެހިންނާ އެކުގަ އެވެ. ރައީސް ޔާމީނަކީ ބިރުފުޅު ގަނެގެން ފިލާ ގޭގައި އޮންނަވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ރާއްޖެ ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.