Roadha Mihaaru
ޗެނަލް 13 ޖަވާބު ދާރީވާން ބްރޯޑްކޮމުން އަންގައިފި

ޗެނަލް 13 ޖަވާބު ދާރީވާން ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި

17 އޮކްޓޯބަރ 2018

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަސް މެމްބަރުންގެ އަބުރަށް ހުތުރުވާ ގޮތަށް ޗެނަލް 13 އިން ކޮންޓެންޓް ފޮނުވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އަށް ޖަވާބުދާރީވުމަށް އެ ސްޓޭޝަނަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަސް މެމްބަރުންގެ އަބުރަށް ހުތުރުވާ ގޮތަށް ޗެނަލް 13 އިން ކޮންޓެންޓް ފޮނުވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އަށް ޖަވާބުދާރީވުމަށް އެ ސްޓޭޝަނަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުން މިއަދު ޗެނަލް 13 އަށް އަންގާފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ އަބުރަށް ހުތުރުވާ ގޮތަށް ފޮނުވާފައިވާ ކޮންޓެންޓްތަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ހަތް މައްސަލަ އަށް މި މަހުގެ 28ގެ ކުރިން ޖަވާބުދާރީވުމަށެވެ.

އެ މައްސަލަތަކާ ގުޅޭ ގޮތުން ބްރޮޑްކާސްޓިން ކޮމިޝަނުން ވެސް ޗެނަލް 13 އިން ވެސް ވާހަކައެއް ނުދެއްކި އެވެ.

އިލެކްޝަންސް އިން ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ޗެނަލް 13ގެ ސްކްރީންގެ ކަނަކަށް ކޮމިޝަންގެ މެމްބަރުންގެ ފޮޓޯ އަރުވައި، "ފިލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މެމްބަރުން" އެގޮތަށް ލިޔެފައިވުން ހިމެނެ އެވެ. އޭގެ އިތުރުން ދެން ހިމެނެނީ ކޮމިޝަންގެ ފަސް މެމްބަރުންގެ އަބުރު ގެއްލޭ ގޮތަށް، ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަ އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށް ބުނެ، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ފަހަކަށް އައިސް އަންނަނީ ކޮންމެ ރެއަކު އިހުތިޖާޖު ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ޕީޕީއެމުން ބާއްވާ އެއްވުންތަކުގައި، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި ކޮމިޝަންގެ މެމްބަރު އަކްރަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަގަށް ގޮވި ކަމަށް ބުނެ މީގެ ކުރިން ވަނީ ބްރޯޑްކޮމް އަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ފުލުހުންނަށް ވެސް އީސީން ވަނީ ހުށަހަޅައިފަ އެވެ.

ބްރޮޑްކާސްޓިން ކޮމިޝަނުން މީގެ ކުރިން ވަނީ ރާއްޖެ ޓީވީ އެތައް ފަހަރެއްގެ މަތިން ޖޫރިމަނާކޮށްފަ އެވެ. އަދި ވީޓީވީ އާއި ސަންގު ޓީވީ ވެސް ވަނީ އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކޮށްފަ އެވެ.