Roadha Mihaaru
މޮޅު ކުޅުންތެރިޔާގެ ރަށަށް ތަށި ގެންދިއުން ހުކުރުގައި

ސާފްގެ މޮޅު ކުޅުންތެރިޔާގެ ރަށަށް ތަށި ގެންދިއުން ހުކުރު ދުވަހު

24 އޮކްޓޯބަރ 2018

ސާފް ސުޒުކީ ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް މުބާރާތުގެ ތަށްޓާ އެކު އުފަން ރަށް، އދ. ފެންފުށްޓަށް ހުކުރު ދުވަހު ދިއުމުން މަރުހަބާ ކިޔަން އެ ރަށުގެ ރައްޔިތުން ތައްޔާރުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސާފް ސުޒުކީ ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް މުބާރާތުގެ ތަށްޓާ އެކު އުފަން ރަށް، އދ. ފެންފުށްޓަށް ހުކުރު ދުވަހު ދިއުމުން މަރުހަބާ ކިޔަން އެ ރަށުގެ ރައްޔިތުން ތައްޔާރުވެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު އެ ރަށުގެ ހަމައެކަނި ކުޅުންތެރިޔާ ކަމަށްވާ ފައިސަލް އަކީ ރާއްޖޭން ތަށި ހޯދިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ މި މުބާރާތުގެ 21 އަހަރުވީ ތާރީހުގައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ދެ ވަނަ ގޯލްކީޕަރެވެ.

ފެންފުށީ ކައުންސިލުގެ ނައިބް ރައީސް މޫސާ އަލީ ވިދާޅުވީ ފައިސަލަށް މަރުހަބާ ކިޔަން ރަށު ފެންވަރުގައި ވަރަށް ކުލަގަދަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.

"ރަށުގެ ހުރިހާ ރައްޔިތުން ޝާމިލުކޮށްގެން މި ހަރަކާތް ބާއްވަނީ. ރައްޔިތުން ތިބީ ފައިސަލަށް މަރުހަބާ ކިޔަން ވަރަށް ބޮޑަށް ތައްޔާރުވެފައި،" މޫސަ ވިދާޅުވި އެވެ.

ނިއު ރޭޑިއަންޓުގެ ގޯލްކީޕަރު ފައިސަލް ވެސް ހުރީ ތަށްޓާ އެކު ރަށަށް ދާން ކެތްމަދުވެފަ އެވެ. އޭނާ ބުނީ މުބާރާތް ނިންމާފައި ރަށަށް ނުގޮސް މިހާތަނަށް މަޑުކުރީ ވެސް ތަށްޓާ ނުލާ ނުދާން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މި ކާމިޔާބީ ރަށުގެ ރައްޔިތުންނާ ހިއްސާކުރަން. ހުކުރެއް އަޔަސް ރަށަށް ނުގޮސް މި މަޑުކުރީ ތަށި ހިފައިގެންދާން،" ފައިސަލް ބުންޏެވެ.

ފައިސަލަށް 2007 ވަނަ އަހަރު ގަލޮޅު ދަނޑުން ފުރުސަތު ލިބުނީ ރަށުގައި ކުޅުނުއިރު އޭނާގެ ހުނަރު އެ ރަށު ސްކޫލުގެ ޕްރިންސިޕް އަލީ ގާސިމަށް ފެނިގެންނެވެ. އަދި އޭނާ މެދުވެރިކޮށް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ފައިސަލް ގެންދިޔައީ ކްލަބް ވެލެންސިއާގެ އޮފިޝަލެއް ކަމަށްވާ ހާޜިޝް މުހައްމަދެވެ.

"އަޅުގަނޑު ޅިޔަނު އަލީ ގާސިމް ހޯދައިދިން ފުރުސަތެއް މިއީ. އަދި މާލޭ ކޮޅުން ހާރިޝް އޭވައިއެލުން ފުރުސަތު ހޯދައިދިނީ. އަލީ އާއި ހާރިޝް ދެއްކި މަގުން ދާން ވަރަށް ގިނަ ބަޔަކު މަގުކޮށައިދިން. އެ އެންމެންނަށް ޝުކުރުއަދަކުރަން ބޭނުންވޭ،" ފައިސަލް ބުންޏެވެ.

އެ އަހަރު އޭވައިއެލް އަށް ކުޅެން ފައިސަލާ އެކު އެ ރަށުން 11 ވަރަކަށް ކުޅުންތެރިން އަ އެވެ. އެކަމަކު ތަފާތު ސަބަބުތަކާ ހެދި ހިފަހައްޓާލެވުނީ އޭނާ އަށް އެކަންޏެވެ. ފައިސަލް ފުރަތަމަ އަހަރު ވެސް ދެއްކި މޮޅު ކުޅުމާ އެކު އެ އަހަރުގެ ޕްރެޒިޑެންޓްސް ކަޕަށް ވިކްޓްރީން ފައިސަލް ލޯން އުސޫލުން ގެންދިޔަ އެވެ. އެ ފަހަރުގެ ގައުމީ ފައިނަލުން ނިއު ރޭޑިއަންޓް އަތުން 3-0 އިން ވިކްޓަރީ ބަލިވި ނަމަވެސް ފައިސަލުގެ ކުޅުން ފާހަގަކޮށް އޭނާ ބަހައްޓަން އެ ކްލަބުން ބޭނުންވި އެވެ. އެކަމަކު ޖެހިގެން އައި އަހަރު އޭނާ އަނބުރާ އޭވައިއެލް އަށް ގެންދިޔަ އެވެ.

އޭގެ ފަހުން ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން 2010 ވަނަ އަހަރު އަނެއްކާ ވެސް ވިކްޓަރީ އަށް ގެންދިޔަ އެވެ. އިމްރާން ދިއުމުން ވިކްޓަރީގެ ގޯލުގައި ހެދުނު ބާގަނޑު ޖެހިގެން އައި ތިން އަހަރު ފޫބައްދައިދިނީ ފައިސަލެވެ. އޭގެ ފަހުން 2013 ގައި ވެލެންސިއާ އަށް ބަދަލުވެ އެ ޓީމުގައި މޮޅަށް ކުޅުނެވެ. އެކަމަކު އެ ދުވަސްކޮޅު ވެލެންސިއާ އަޑިއަޅާލާފައި އޮތުމުން ފައިސަލަށް ކްލަބް ލެވެލްގައި ކާމިޔާބީތައް ހާސިލްކުރަން އުނދަގޫތަކެއްވި އެވެ. އޭނާ މިދިޔަ ސީޒަނުގެ މެދުތެރެއިން ނިއުއާ ގުޅި އެ ޓީމާ އެކު މިދިޔަ އަހަރުގެ ދިވެހި ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި މި އަހަރުގެ އެސްޓީއޯ މާލޭ ލީގު ކާމިޔާބުކުރި އެވެ.

ފައިސަލާ އެކު ތަށި ހިފައިގެން އޭނާގެ ރަށަށް ގައުމީ ޓީމުގެ ކެޕްޓަން އަދި ނިއުގައި އޭނާއާ އެކު ކާމިޔާބީ ހޯދަމުން އަންނަ އަކްރަމް އަބްދުލްގަނީ ވެސް ދާނެ އެވެ. ކުޅުންތެރިން ނިސްބަތްވާ ރަށްރަށަށް ތަށި ގެންދަނީ އެފްއޭއެމުން އިންތިޒާމުކޮށްގެންނެވެ. އެގޮތުން ކްލަބް މެޗުތައް ނޯންނަ ދުވަސްތަކާ ދިމާކޮށް އެފްއޭއެމުން އަންނަނީ ފަހަރަކު ރަށަކަށް ތަށި ގެންދަމުންނެވެ.