Roadha Mihaaru
އާސަންދަ އިން ހުޅުމާލެ ހޮސްޕިޓަލަށް 193 މިލިއަން!

އާސަންދަ އިން ހުޅުމާލެ ހޮސްޕިޓަލަށް 193 މިލިއަން ރުފިޔާ ހަރަދުކުރި: އޮޑިޓް ރިޕޯޓް

15 ނޮވެމްބަރ 2018

އާސަންދަ ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލެ ހޮސްޕިޓަލް ހިންގަން ފެށި ފަހުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އާސަންދަ ސްކީމުން 193 މިލިޔަނަށް ވުރެ ގިނަ ފައިސާ ހުޅުމާލެ ހޮސްޕިޓަލަށް ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އާސަންދަ ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލެ ހޮސްޕިޓަލް ހިންގަން ފެށި ފަހުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އާސަންދަ ސްކީމުން 193 މިލިޔަނަށް ވުރެ ގިނަ ފައިސާ ހުޅުމާލެ ހޮސްޕިޓަލަށް ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި އެ އޮފީހުން މިއަދު ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލްގެ ޚަރަދުތައް މިދިޔަ އަހަރުގެ ނިޔަލަށް ވެސް ކޮށްފައި ވަނީ އާސަންދަ އިންނެވެ. އާސަން އިން ޚިދުމަތް ދިން ސިއްހީ މަރުކަޒުތަކަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވެފައި ވަނީ އެހެންވެ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އާސަންދަ އިން ހުޅުމާލެ ހޮސްޕިޓަލަށް ޚަރަދުކޮށްފައި ވަނީ، އެތަނުގެ ކެޕިޓަލް ޚަރަދުތައް ކުރަން 2016 ގައި 260 މިލިޔަން ރުފިޔާގެ ބަޖެޓެއް ވެސް ފާސްކޮޮށްފައި ވަނިކޮށެވެ.

ނަމަވެސް އާސަންދަ ކުންފުނިން އޮޑިޓް އޮފީހަށް މައުލޫމާތު ދީފައި ވަނީ އެގޮތަށް ހަރަދުކުރަން ޖެހުނީ ބަޖެޓްކުރި ފައިސާ އެ ކުންފުންޏަށް ދޫކޮށްފައި ނުވާތީ ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު، ހުޅުމާލެ ހޮސްޕިޓަލަށް ބައެއް ތަކެތި ހޯދާފައި ވަނީ ލިބެން ހުރި ވަރަށް ވުރެ އަގުބޮޑުކޮށެވެ. އަދި ބައެއް ސާމާނު ހޯދާފައި ވަނީ ބޭނުން ކުރާނެ އިންތިޒާމު ވެސް ހަމަ ނުޖައްސައި ކަމަށް ރިޕޯޓުގައިވެ އެވެ. އެގޮތުން 5.7 މިލިޔަން ރުފިޔާ އަށް އެސްޓީއޯ މެދުވެރިކޮށް ހޯދެން ހުރި ތަކެތި އެހެން ބަޔަކު މެދުވެރިކޮށް 6.2 މިލިޔަން ރުފިޔާ އަށް ހޯދާފައިވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ. އަދި ބޭނުންކުރާނެ އިންތިޒާމް ހަމަޖެހުމުގެ ކުރިން ހޯދި ތަކެތީގެ އަގު 81.6 މިލިޔަން ރުފިޔާ އަށް އަރާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ހޮސްޕިޓަލަށް ސޮފްޓްވެއާއެއް ތައްޔާރުކުރި އިންޑިއާގެ ކުންފުންޏަކަށް 350،000 ޑޮލަރު ދިން އިރު އެ އަދަދަށްވާ ދިވެހި ފައިސާ ހޭދަކޮށްފައި ވަނީ އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައި ވެ އެވެ.

އެއްފަހަރާ ކުރެވެން ހުރި ބައެއް މަސައްކަތްތައް ބައި ބަޔަށް ބަހާލައި އެކި ފަރާތްތައް ލައްވާ ކުރުވާފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އެގޮތުން ބައިބަޔަށް ބަހާލައިގެން ކޮށްފައި ވަނީ 1.8 މިލިޔަން ރުފިޔާގެ މަސައްކަތެވެ. މަސައްކަތްތައް ކުރުވި ފަރާތްތަކަށް އެޑްވާންސް ފައިސާ ދީނުމުގައި ވެސް ހުޅުމާލެ ހޮސްޕިޓަލުން އަމަލުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަން ރިޕޯޓުން އެނގެ އެވެ. އެގޮތުން މަސައްކަތުގެ އަގުގެ 50 ޕަސެންޓަށް ވުރެ އިތުރަށް އެޑްވާންސްކޮށް ދީފައި ވާއިރު ފައިސާ ދޫކޮށްފައި ވަނީ ބޭންކް ގެރެންޓީއެއް ވެސް ނުހޯދަ އެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ހެލްތު އިންސުއަރެންސް ސްކީމްގެ ފައިސާ ނުގުޅޭ ކަންކަމަށް މިގޮތަށް ހަރަދުކުރާ ނަމަ ހިދުމަތްދޭ ތަންތަނަށް ދޭން ޖެހޭ ފައިސާ ލިބުން ލަސްވެ، ހުސްނުވާ އާސަންދައިގެ ހިދުމަތް ކުރިއަށް ގެންދަން ދަތިވެދާނެ ކަމަށް ދެކޭ ކަމަށެވެ.

"...މިގޮތަށް އާސަންދަ ސްކީމްގެ ބިލްތަކަށް ފައިސާ ދެއްކުމަށް ސަރުކާރުން ދޫކުރާ ފައިސާއިން ސްކީމާ ނުގުޅޭ ޚަރަދުތައް ކުރުމުން ހެލްތު އިންޝުއަރެންސް ސްކީމްގެ ބިލްތަކަށް ފައިސާ ދެއްކުމުގައި އާސަންދަ ކޮމްޕެނީއަށް ދަތިތަކާ ކުރިމަތިވާނެކަމުގައި ދެކެމެވެ،" ރިޕޯޓުގައި ބުނެފައި ވެ އެވެ. އަދި އާސަންދައިގެ ހިދުމަތް ފޯރުކޮށްކޮށްދޭ ފަރާތްތަކަށް ލިބެން ޖެހޭ ފައިސާ ލިބުން ލަސްވަމުން ދާނަމަ އެފަރާތްތަކުން ފޯރުކޮށްދޭ އާސަންދައިގެ ޚިދުމަތަށް ބުރޫ އަރައި، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ދިވެހިރާއްޖޭގެ ހެލްތު އިންޝުއަރެންސް ނިޒާމު (ހުސްނުވާ އާސަންދަ) ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތައް ކުރިމަތިވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރަމެވެ،"