Roadha Mihaaru
ވެރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ހަދަނީ

ސަރުކާރުގެ ވެރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ހަދަނީ

20 ނޮވެމްބަރ 2018

ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް އަދި މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ ބޭފުޅުންގެ މުދަލާއި މާލީ ބަޔާން ހާމަކުރަންޖެހޭ ގޮތަށް ހަމަޖެއްސުމަށް ނިންމައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް އަދި މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ ބޭފުޅުންގެ މުދަލާއި މާލީ ބަޔާން ހާމަކުރަންޖެހޭ ގޮތަށް ހަމަޖެއްސުމަށް ނިންމައިފި އެވެ.

މާލީ ބަޔާން ހާމަ ކުރަންޖެހޭ ގޮތަށް ހަމަޖެއްސުމަށް ނިންމާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރާނެ ކަންކަމުގެ ތެރޭގަ އެވެ.

ފުރަތަމަ 100 ދުވަހު ކުރާނެ ކަންކަން ބަޔާންކޮށް ސަރުކާރުން ނެރެފައިވާ ފޮތުގައި ބުނެފައި ވަނީ، ވެރިން އަދި އެ ބޭފުޅުންގެ ފިރިން ނުވަތަ އަނބިންގެ މާލީ ބަޔާން ހާމަކޮށް، ގަވާއިދުން އެ ބަޔާންތައް ރިވިއު ކުރެވޭނެ ގޮތް ހަމަޖައްސާނީ ސަރުކާރުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ކަމަށެވެ.

ފުރަތަމަ 100 ދުވަހު ކުރަން ކަނޑައަޅާފައިވާ ކަންކަން ކުރުމަށް އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

ސަރުކާރުގެ އަދި ސަރުކާރު ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއް ނޫނެވެ. މިއީ، ސަރުކާރުގެ ވެރިންނާއި މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން ހާމަ ކުރަންޖެހޭ ގޮތަށް ނިންމި ފުރަތަމަ ފަހަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބަންޑާރަ ނައިބާ އެކު 20 ވުޒާރާއެއް ވަނީ އުފައްދައިފަ އެވެ. އަދި ރައީސް އޮފީހުގެ އިސް މަގާމުތަކަށް މިހާތަނަށް 10 ބޭފުޅަކު ވަނީ އައްޔަން ކުރައްވައިފަ އެވެ.

ސަރުކާރުން ނިންމާފައިވާ ގޮތުން އެ ހުރިހާ ބޭފުޅުން ވެސް މާލީ ބަޔާން ހުށަހަޅަންޖެހެ އެވެ.