Roadha Mihaaru
ރާއްޖެ ޓީވީގެ ސީއޯއޯކަމުން ފިޔާޒް އިސްތިއުފާ ދެއްވައިފި

ރާއްޖެ ޓީވީގެ ސީއޯއޯގެ މަގާމުން ފިޔާޒް އިސްތިއުފާ ދެއްވައިފި

26 ނޮވެމްބަރ 2018

ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ހުސައިން ފިޔާޒް މޫސާ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ހުސައިން ފިޔާޒް މޫސާ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މީގެ ތިން އަހަރު ކުރިން ރާއްޖެ ޓީވީގެ ސީއޯއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވި ނޫސްވެރިޔާ ފިޔާޒް "މިހާރު" އަށް ވިދާޅުވީ އޭނާ އެ މަގާމުން ވަކިވެވަޑައިގެންނެވި ނަމަވެސް ރާއްޖެ ޓީވީއަށް ޚިދުމަތް ކުރެއްވުން ހުއްޓައެއް ނުލައްވާނެ ކަމަށެވެ.

"އަޅުގަނޑު ރާއްޖެ ޓީވީން ފެންނާނެ. ރާއްޖެ ޓީވީއަށް އަޅުގަނޑުގެ ޚިދުމަތް އަދިވެސް ލިބޭނެ. ސީއޯއޯގެ މަގާމުން މި ވަކިވީ،" އާފަތިސް ނޫހާއި ހަވީރު ނޫހުގައި މަސައްކަތް ކުރައްވާފައިވާ ފިޔާޒް ވިދާޅުވި އެވެ.

ނޫސްވެރިކަމުގައި 18 އަހަރު ހޭދަކުރައްވާފައިވާ ފިޔާޒް ވިދާޅުވި ގޮތުގައި ރާއްޖެ ޓީވީގެ ސީއޯއޯގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ވެވަޑައިގަތުމަށް އަދި މަގާމެއްގެ އުންމީދުގައެއް ނޫނެވެ.

"ރާއްޖެ ޓީވީގެ މެނޭޖްމަންޓާ ވެސް މަޝްވަރާ ކޮށްފައި އަޅުގަނޑު ނިންމި ނިންމުމެއް މިއީ. އެއްގޮތަކަށް ވެސް މަގާމެއްގެ އުންމީދުގައި އެޅި ފިޔަވަޅެއް ނޫން،" ފިޔާޒް ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ ކެމެރާމަނަކާ އެކު ފިޔާޒް ވަޑައިގަންނަވަނީ.---ފޮޓޯ: މިހާރު

ރާއްޖެ ޓީވީގެ ކެމެރާމަނަކާ އެކު ފިޔާޒް ވަޑައިގަންނަވަނީ.---ފޮޓޯ: މިހާރު

އޭނާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމަށް ނުވަތަ މި ސަރުކާރުގެ ސިޔާސީ މަގާމަކަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމުގެ އަޑު ވެސް ވަނީ ފެތުރިފަ އެވެ. އެކަމަކު އެ ވާހަކަތައް ފިޔާޒް ދޮގުކުރެއްވި އެވެ.

ރާއްޖެ ޓީވީގެ ސީއޯއޯގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ނެރުއްވި ބަޔާނެއްގައި ފިޔާޒް ވިދާޅުވީ، އެ ސްޓޭޝަނާ ގުޅިވަޑައިގެންނެވި ދުވަސްވަރު ނޫސްވެރިކަމުގައި ވަރަށް ފުރިހަމަ ތަޖުރިބާއެއް ކުރެއްވިފައިވާ ކަމަށެވެ. އޭރު ރާއްޖެ ޓީވީގެ މުވައްޒަފުންގެ ކުރިމަތީގައި އޮތީ ބިރުވެރިކަމާއި މަރުގެ އިންޒާރު ކަމަށް އޭނާ ވިދާޅުވި އެވެ.

"...މުދާތަކާއި ސްޓޭޝަނަށް ވެސް ދިނީ ގެއްލުމެވެ. ރާއްޖެ ޓީވީގެ މުވައްޒަފުން ޖަލަށް ލުމާއި ހުކުމް ކުރުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުން ދިޔަ އެވެ. ނަމަވެސް އެ ކަންކަމުން އަރައިގަނެވުނީ ރާއްޖެ ޓީވީގެ ޗެއާމަން އަކްރަމް ކަމާލުއްދީން އާއި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަލީމް އެކްސްކޯ މެމްބަރުން އަދި ރާއްޖެ ޓީވީގެ ފަހުލަވާނުންގެ ސާބިތުކަމާއި ހިތްވަރާ އެކު، ހަގީގަތް ހާމަކުރުމުގައި ޖެހިލުމެއް، ވަރުބަލިކަމެއް ނެތި ކުރި މަސައްކަތުންނެވެ. އަދި ވަކިން ޚާއްސަކޮށް ދިވެހި ރައްޔިތުންގެ ހިތުގެ ލޯތްބާއި ހެޔޮ ދުއާއާ އެކު، ރާއްޖެ ޓީވީއަށް ޓަކައި ކުރި މަސައްކަތުންނެވެ،" ފިޔާޒްގެ ބަޔާނުގައި ވެ އެވެ.