Roadha Mihaaru
މަޖިލިހުގައި ޖޭޕީން އެމްޑީޕީއާ އަރާ ހަމަކޮށްފި!

މަޖިލިހުގައި ޖޭޕީން އެމްޑީޕީއާ އަރާ ހަމަކޮށްފި!

28 ނޮވެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގަތުމާ އެކު، މަޖިލިހުގައި ފުރަތަމަ ފަހަރަށް މެމްބަރުންގެ އަދަދުން އެމްޑީޕީއާ އެއްވަރުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގަތުމާ އެކު، މަޖިލިހުގައި ފުރަތަމަ ފަހަރަށް މެމްބަރުންގެ އަދަދުން އެމްޑީޕީއާ އެއްވަރުކޮށްފި އެވެ.

މިހާރު މަޖިލިހުގައި އެމްޑީޕީގެ 19 މެމްބަރުން ތިއްބަވާ އިރު ޖޭޕީގެ އަދަދަކީ ވެސް އެ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީ ކަމަށް ވާ އެމްޑީޕީގެ މެމްބަރުންގެ އަދަދު މަދުވީ، އާ ސަރުކާރުގެ ކެބިނެޓަށް އެ ޕާޓީގެ ހަ މެމްބަރަކު ވަޑައިގަތުމުން، އެ ގޮނޑިތައް ހުސްވުމުންނެވެ. އޭގެ ތެރޭގައި އޭރު މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި އެކަމަކު މިހާރު އެމްޑީޕީއަށް ސޮއިކުރައްވާފައިވާ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން މަޖިލިހުގެ ގޮނޑިއެއް ހުސްވާ ވަގުތާ، ރައްޔިތުންގެ މަޖިލިހުގެ އާ އިންތިހާބު ބާއްވާ ދުވަހާ ދެމެދު ހަ މަސް ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ ބައި އިލެކްޝަން ބާއްވާކަށް ނުޖެހެ އެވެ. ރައްޔިތުންގެ މަޖިލިހުގެ އާ އިންތިހާބު ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ މާޗު މަހު އެވެ. އެހެންކަމުން ހުސްވެފައިވާ ހަ ގޮނޑިއަށް އޭގެ ކުރިން މެމްބަރުންނެއް ނުހޮވާނެ އެވެ.

މިހާރު މަޖިލިހުގެ ޖުމްލައަކީ 79 މެމްބަރުންނެވެ. އެމްޑީޕީ އާއި ޖޭޕީގެ 19 މެމްބަރުންނާ އެކު، މަޖިލިހުގައި ސަރުކާރު ކޯލިޝަން ތަމްސީކުރައްވާ ޖުމްލަ މެމްބަރުންގެ އަދަދަކީ 46 އެވެ. އިދިކޮޅު ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި 33 މެމްބަރުން އެބަ ތިއްބެވި އެވެ. އެއީ ޕީޕީއެމްގެ 29 އާއި އެމްޑީއޭގެ ހަތަރު މެމްބަރުންނެވެ. އެހެންކަމުން މަޖިލިހުގައި އެންމެ ގިނަ މެމްބަރުން ތަމްސީލުކުރައްވަނީ ޕީޕީއެމް އެވެ.

ޖޭޕީގެ މެމްބަރުންގެ އަދަދު 19 އަށް އެރީ މަނަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އުމަރު ހުސެއިން މިއަދު އެ ޕާޓީއަށް ސޮއިކުރެއްވުމުންނެވެ.

އާ ސަރުކާރުގެ ކެބިނެޓުން ޖާގަ ލިބިވަޑައިގެންނެވި ކުރީގެ މެމްބަރުންނާއި މަޖިލީހުގައި މިހާރު ވެސް މަސައްކަތް ކުރައްވާ މެމްބަރުންތަކެއް ފޮޓޯއަކަށް ހުއްޓިގެން --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އާ ސަރުކާރުގެ ކެބިނެޓުން ޖާގަ ލިބިވަޑައިގެންނެވި ކުރީގެ މެމްބަރުންނާއި މަޖިލީހުގައި މިހާރު ވެސް މަސައްކަތް ކުރައްވާ މެމްބަރުންތަކެއް ފޮޓޯއަކަށް ހުއްޓިގެން --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މެމްބަރުން ޕާޓީތަކަށް ބެހިފައި އޮތް ގޮތް:

- އެމްޑީޕީ: 19

- ޖުމްހޫރީ ޕާޓީ: 19

- އަދާލަތު ޕާޓީ: 1

- ސަރުކާރު ކޯލިޝަންގެ މެމްބަރުން (އަމިއްލަ): 7

- ޕީޕީއެމް: 29

- އެމްޑީއޭ: 4

ޖުމްލަ: 79 މެމްބަރުން

ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ ގޮތުގައި ހަތް މެމްބަރުން ގުނީ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ފަސް މެމްބަރަކު އަދިވެސް ވަކި ޕާޓީއަކާ ގުޅިވަޑައިނުގެން ތިއްބެވުމުންނާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ފުވައްމުލަކު މެދު ދާއިރާގެ އަލީ ފަޒާދު ވެސް ހިމަނައިގެންނެވެ.

ވެރިކަން ކުރި ޕީޕީއެމް ދޫކޮށް، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި މެމްބަރުންނަކީ މާވަށު ދާއިރާގެ އަޒްހާން ފަހުމީ އާއި ބިލެތްދޫ ދާއިރާގެ އަހުމަދު މުބީނާއި އިސްދޫ ދާއިރާގެ އަހުމަދު ރަޝީދު އާއި ފަރެސްމާތޮޑާ ދާއިރާގެ ހުސެއިން މުހައްމަދު ލަތީފާއި ކަނޑިތީމު ދާއިރާގެ މުހައްމަދު ހުސެއިން އަދި ތ. ގުރައިދޫ ދާއިރާގެ ހުސެއިން މަނިކު ދޮންމަނިކެވެ.

މި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނީ ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ. މުސްތަފާ އާއި މުހައްމާއަކީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ހަމައެކަނި މެމްބަރުންނެވެ.

އޭގެ ތެރެއިން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ހަނިމާދޫ ދާއިރާގެ ހުސެއިން ޝަހުދީ އާއި މަޑުއްވަރީ މެމްބަރު މުހައްމަދު އަމީތު އާއި ދަނގެތި ދާއިރާގެ އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އަދި ފުވައްމުލަކު މެދު ދާއިރާގެ އަލީ ޝާހެވެ.

ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މެމްބަރުންގެ ތެރެއިން އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގެން ތިއްބެވީ، މައްޗަންގޯޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިން އަދި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އެވެ. މީގެ ތެރެއިން، ސައުދާއި ސައުދުﷲ ނިންމެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު ތިއްބެވުމަށެވެ.