Roadha Mihaaru
ޓެބްލެޓަކަށް ވުރެ ހުސް ފޮށިގަނޑެއް ވެސް މާ ރަނގަޅު

ކުދިންނަށް ޓެބްލެޓަކަށްވުރެ ހުސް ފޮށިގަނޑެއްގެ ފައިދާ ވެސް މާ ބޮޑު

13 ޑިސެމްބަރ 2018

ކުރީ ޒަމާނުގައި ކުޑަކުދިން ކުޅެން ބޭނުންކުރި އެއްޗެހީގެ ފައިދާ ހައި-ޓެކް ގެޖެޓްތަކަށް ވުރެ މާ ބޮޑު ކަމަށް އެމެރިކަން އެކެޑެމީ އޮފް ޕީޑިއެޓްރިކްސް (އޭއޭޕީ)ގެ އާ ރިޕޯޓެއްގައި ބުނެފި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ކުރީ ޒަމާނުގައި ކުޑަކުދިން ކުޅެން ބޭނުންކުރި އެއްޗެހީގެ ފައިދާ ހައި-ޓެކް ގެޖެޓްތަކަށް ވުރެ މާ ބޮޑު ކަމަށް އެމެރިކަން އެކެޑެމީ އޮފް ޕީޑިއެޓްރިކްސް (އޭއޭޕީ)ގެ އާ ރިޕޯޓެއްގައި ބުނެފި އެވެ.

ކުޑަކުދިންގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި ހަދިޔާގެ ގޮތުގައި މައިންބަފައިން ދަރިންނަށް ގަނެދޭ އިލެކްޓްރޯނިކް ސާމާނަށް ވުރެ މާ ބޮޑަށް، އިހުގެ ޖިގްސޯ ޕަޒްލްތަކާއި އެފަދަ އެއްޗެހި އަޅާފައި ހުންނަ ކަރުދާސް ފޮށިން ކުދިންގެ ޚިޔާލާއި އުފެއްދުންތެރިކަން ކުރިއަރުވައިދެ އެވެ. އެހެންވެ އެ ޑޮކްޓަރުންގެ ލަފަޔަކީ ސްކްރީންތަކާ ކުދިން ދުރުކޮށް އިހުގެ ކުޅޭއެއްޗެއްސާ ގާތްކުރުވުމެވެ. މިސާލަކަށް، ކަރުދާސް ފޮށިގަނޑަކުން ގެއެއް ހަދައިގެން ކުޅެން އުޅޭ އިރު ކުއްޖާގެ ސިކުނޑި މާ ބޮޑަށް ހަރަކާތްތެރިވާނެކަން އެ މީހުން ފާހަގަކުރެ އެވެ.

"އެންމެ ރަނގަޅު ކުޅޭއެއްޗެއްސަކީ މައިންބަފައިންނާއި ދަރިން އެކުގައި ކުޅެ، ޚިޔާލީ ކަންކަމުގެ ތެރެއަށް ވަދެ، އެކަކު އަނެކަކާ ވާހަކަދައްކައި މުއާމަލާތުކުރަން އެހީތެރިވެދޭ އެއްޗެހި،" ރިޕޯޓު ލިޔުއްވި ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިއު ޔޯކް ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު އެލަން މެންޑެލްސޯން ވިދާޅުވި އެވެ.

"އެފަދަ ފައިދާތަކެއް ޓެބްލެޓަކުން ނުވަތަ ސްކްރީނަކުން ނުލިބޭނެ."

އޭނާ ފާހަގަކުރެއްވި ގޮތުގައި އެންމެ ބޮޑު ފައިދާއެއް ކުދިންނަށް ކުރާނީ މައިންބަފައިންނާ ވެސް އެކުގައި ކުޅެން އުޅޭ އިރު އެވެ.

ކުޑަކުދިން ކުޅެން ގެންގުޅެން އެންމެ ރަނގަޅުވާނީ އެ ކުދިންގެ ގާބިލްކަން ހުރި މިންވަރަކާ ގުޅޭ އަދި އާ ހުނަރުތައް ތަރައްގީވާން މަގުފަހިކޮށްދޭ އެއްޗެހި ކަމަށް އޭއޭޕީ އިން ބުނެ އެވެ. ކުދިންގެ ސިކުނޑި ތަރައްގީވުމަށާއި ވާހަކަދައްކައި އުޅުމަށާއި އިޖުތިމާއީ ގުޅުންތައް އުފެދުމަށާއި ޖިސްމާނީ ހަރަކާތްތެރިކަމަށް ކުޅޭއެއްޗެހި ވަރަށް މުހިއްމެވެ. ރަނގަޅު ކުޅޭ އެއްޗެހި ނެތް ނަމަ ކުދިންގެ ހަރަކާތްތެރިކަން ކުޑަވެ، ކުޅޭ ވަގުތުގައި ހުރިހާ މަސައްކަތެއް ކުރާނީ ގެޖެޓްތަކުންނެވެ.

ވަރަށް ގިނަ އިލެކްޓްރޯނިކް ޑިވައިސްތަކަކީ އުނގެނުމަށް މުހިއްމު އެއްޗެހި ކަމަށް މީހުންނަށް ވިސްނިފައި އޮތަސް ހުރިހާ ފަހަރަކު ހަގީގަތަކީ އެއީ ނޫންކަން ވެސް ޑޮކްޓަރުން ފާހަގަކުރެ އެވެ. އޭއޭޕީ އިން ބުނާގޮތުގައި ވީޑިއޯތަކާއި ކޮމްޕިއުޓަރު ޕްރޮގްރާމްތަކާއި ރެކޯޑްކޮށްފައިވާ އަޑަކުން ވާހަކަކިޔައިދޭ ފޮތްތައް ފަދަ "އިންޓަރެކްޓިވް" މީޑިއާގެ ވަރަށް ގިނަ އެއްޗެހީގައި އުނގެނުމުގެ ފައިދާތަކެއް ހުރި ކަމަށް ބުނެ އިޝްތިހާރު ކުރިޔަސް އެއީ ތެދެއް ކަމުގެ ހެއްކެއް ނެތެވެ.

"ދިރާސާތަކުން އަޅުގަނޑުމެންނަށް އެނގެނީ އެންމެ ރަނގަޅު ކުޅޭއެއްޗެއްސަކީ ދިއްލޭ ނުވަތަ އަގުބޮޑު ނުވަތަ އެޕެއް ހުންނަ އެއްޗެއްސަށް ވާން ނުޖެހޭކަން. އެގޮތުން ބަލާ އިރު މީގެ ތެރެއިން ބޮޑަށް ރަނގަޅީ އާދައިގެ އެއްޗެހި،" ރިޕޯޓް ލިޔުއްވުމުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅެއް ކަމަށްވާ އަލީޔާ ހީލީ ވިދާޅުވި އެވެ.

ކުޑަކުދިން ވީޑިއޯ ގޭމާއި ކޮމްޕިއުޓަރު ބޭނުންކުރުން މަދުކުރަން ޑޮކްޓަރުން އަންނަނީ މާ ކުރިންސުރެ ވެސް ލަފާދެމުންނެވެ. އެގޮތުން ދެ އަހަރުގެ ނުވަތަ އެއަށް ވުރެ ދޮށީ ކުޑަކުދިން، ޓީވީ އާއި ކޮމްޕިއުޓަރު ވެސް ހިމެނޭ ގޮތަށް، ސްކްރީން ކުރިމަތީގައި ދުވާލަކު އެއް ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަ ނުކުރުމަށާއި ދެ އަހަރަށް ވުރެ ހަގު ކުދިންނަށް އެއްގޮތަކަށް ވެސް ސްކްރީން ނުދައްކަން އޮންނަނީ އިރުޝާދު ދީފަ އެވެ. އެކަމަކު ނުވަ އަހަރުން ދަށުގެ ގިނަ ކުދިން ސްކްރީންތައް ދޮށުގައި ދުވާލަކު ގާތްގަނޑަކަށް ދެ ގަޑި އިރު ހޭދަކުރާކަން ކޮމަން ސެންސް މީޑިއާގެ މައުލޫމާތުން ވަނީ އެނގިފަ އެވެ.