Roadha Mihaaru
"ބޯހިޔާވަހިކަން ހޯދައިނުދެވިއްޖެ ނަމަ ރާއްޖެ ބީވާނެ"

ބޯހިޔާވަހިކަން ހޯދައި ނުދެވިއްޖެ ނަމަ ރާއްޖެ ބީވާނެ: ނަޝީދު

18 ޑިސެމްބަރ 2018

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ނުދެވިއްޖެ ނަމަ، ރާއްޖެ ބީވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ނުދެވިއްޖެ ނަމަ، ރާއްޖެ ބީވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް ނަސީމްގެ މަޖިލިސް ކެމްޕެއިން ފެށުމަށް ލޮނުޒިޔާރަތް މަގުގައި ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ ވާޖިބެއް ކަމަށެވެ. އަދި އެ ނޫނީ މުހިންމު އެހެން ކަމެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިއީ ތިމަންނާގެ އުފަން ރަށޭ، ތިމަންނާގެ އަމިއްލަ ރަށޭ ބުނާއިރު، ތިމަންނާ ހުންނާނެ ތަނެއް ނެތް،" ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހަކީ ދިވެހިންގެ އުންމީދުތައް ހާސިލްކޮށްދޭނެ "ގެއަކަށް" ހަދަން ޖެހެ އެވެ. އެތަނުގައި ތިއްބަވާ މެމްބަރުން ރައްޔިތުންގެ ހައްގުގައި މެނުވީ އެއްވެސް ކަމެއް ކުރައްވައިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ދިވެހިން ބޭނުންވަނީ ހާސްކަމުން ނެއްޓެވޭނެ ގޮތެއް ހޯދަން. އެހެން ރާއްޖެއެއް. ފެން ބިލު ނުދެއްކި، ކަރަންޓު ބިލު ނުދެއްކި، ގޭގެ ކުލި ނުދެއްކި، ދަރިން މަދަރުސާއަށް ނުފޮނުވި، ބަލިވީމަ ބޭސްފަރުވާ ނުކުރެވި، އެއް ތަނުން އަނެއް ތަނަށް ދަތުރު ނުކުރެވި ހާސްވެގެން ތިބޭކަން ދިވެހިން ނޭދޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ސިފަ ކުރެއްވި ގޮތުގައި، ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ ސިޔާސީ ލީޑަރުން، ރައްޔިތުންނަށް ދަރާފައިވާ ބޮޑު ދަރަންޏެކެވެ. ބޯހިޔާވަހިކަމުގެ އިތުރުން، އިސްލާމް ދީނާއި އިންސާނީ ހައްގުތަކަށް ލޯބިކުރާ ދިވެހި ގައުމެއް ބިނާކުރަން އަމާޒު ހިފަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަކީ ސިޔާސީ ޕާޓީއެއްގެ ވަޒީފާ،" ނަޝީދު ވިދާޅުވި އެވެ.

އަންނަ އަހަރުގެ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގައި ހުންނެވީ އެ ވައުދުތައް ފުއްދެވުމަށް ކަމަށެވެ. އަދި އިއްތިހާދުގެ ފަލްސަފާގައި ހިމެނޭ ކަންކަމަށްވުރެ، އެމްޑީޕީގެ މާ ބޮޑު އުންމީދުތަކެއް ހިމެނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންވެ، ވައުދުތައް ފުއްދުމަށް ކެނޑިނޭޅި މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެއީ ރައްޔިތުންނަށް ފުއްދާ ވައުދުތަކެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.