Roadha Mihaaru
ފުރަތަމަ މެޗަށް މިހިރީ ކެތްމަދުވެފައި: ޕޮގްބާ

ފުރަތަމަ މެޗަށް މިހިރީ ކެތްމަދުވެފައި: ޕޮގްބާ

19 އޯގަސްޓް 2016

މެންޗެސްޓާ (އޮގަސްޓް 19) - ދުނިޔޭގެ ރެކޯޑް އަގަކަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު އެ ޓީމަށް ކުޅޭ ފުރަތަމަ މެޗުގައި މިރޭ ސައުތެމްޓަނާ ދެކޮޅަށް ނުކުންނަން ކެތްމަދުވެފައިވާ ކަމަށް ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޮގަސްޓް 19) - ދުނިޔޭގެ ރެކޯޑް އަގަކަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު އެ ޓީމަށް ކުޅޭ ފުރަތަމަ މެޗުގައި މިރޭ ސައުތެމްޓަނާ ދެކޮޅަށް ނުކުންނަން ކެތްމަދުވެފައިވާ ކަމަށް ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.

ޔުނައިޓެޑް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި ބޯންމައުތު އަތުން މޮޅުވި މެޗުގައި ޕޮގްބާ އަށް ނުކުޅެވުނީ މިދިޔަ ސީޒަނުގައި އިޓަލިއަން ކަޕްގައި ޔުވެންޓަސް އަށް ކުޅުނު މެޗެއްގެ ދެއްކި ރީނދޫ ކާޑެއްގެ ސަބަބުންނެވެ. އެހެން ނަމަވެސް ސަސްޕެންޝަނަށް ފަހު މިރޭ ސައުތެމްޓަނާ ދެކޮޅަށް ކުޅެން ތައްޔާރަށް ހުރި ކަމަށް ޕޮގްބާ ވަނީ ބުނެފަ އެވެ.

"އަހަރެން ޔުނައިޓެޑް ދޫކޮށްލިތާ މިވީ ހަތަރު އަހަރުގައި ޔުވެންޓަސްއާ އެކު ގިނަ ކަންތައްތަކެއް ދަސްވެއްޖެ. މިއީ ޔުނައިޓެޑަށް ބަދަލުވާން އެންމެ ރަނގަޅު ވަގުތު. އަހަރެން މިހިރީ ފުރަތަމަ މެޗަށް ކެތްމަދުވެފައި،" ސްކައިސްޕޯޓްްސް އަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑްގެ ޓީމުން ފުރުސަތު ދިން ކޮންމެ މަގާމެއްގައި ވެސް ކުޅެން ތައްޔާރުކަމަށާއި ބޭނުންވަނީ ޓީމަށް ކާމިޔާބު ހޯދައިދޭން އެހީތެރިވެދިނުމަށް ކަމަށެވެ.

މޮރީނިއޯ ބުނީ މިރޭގެ މެޗުގައި ޕޮގްބާ ފެންނާނެ ކަމަށާއި އެހެން ނަމަވެސް ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުމާ މެދު ގޮތެއް އަދި ނުނިންމާ ކަމަަށެވެ.

"ސައުތެމްޓަނާ ދެކޮޅަށް ޕޮގްބާ ފެންނާނެ. ކިތަން މިނިޓް ކަމެއް ފުރަތަމަ އެގާރައިގައި ކަމެއް އަދި ބުނަން ނޭނގޭ. ޕޮގްބާގެ ފިޓަނަސް ލެވެލް ހުރީ ވެސް ރަނގަޅަށް އެކަމަކު ޔޫރޯގައި ކުޅުނު ކުޅުންތެރިން ބޭނުން ކުރުމުގައި ސަމާލުވާން ޖެހޭނެ. އެއީ ބައެއް ފަހަރު އެންމެ އަވަހަށް އެ ކުޅުންތެރިންގެ ބޭނުން ކުރުމަކީ ރަނގަޅު ގޮތެއް ނޫން،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ޔުނައިޓެޑް ދަނޑުގައި މިރޭ ފުރަތަމަ ފަހަރަށް ރަސްމީ މެޗެއްގައި އެ ޓީމަށް އިރުޝާދުދޭން ތައްޔާރު ކަމަށާއި ބޭނުންވަނީ ސަޕޯޓަރުންނަށް ހަދިޔާއެއް ދޭން ކަމަށެވެ.

ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.