ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ހަމަޖެހިއްޖެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
22 ޑިސެމްބަރ 2018
ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ހަމަޖެހިއްޖެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
މިކަން އިއްޔެ ހަވީރު ބައްސާމް ޓްވީޓަކުން އިއުލާންކުރެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން، އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ރާއްޖެ އަށް ވަޑައިގަތުމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ދައުވަތު ދެއްވަން ހަމަޖެހިފައިވަނިކޮށެވެ.
އޭއެފްސީ ކަޕުން ރާއްޖެ އަށް ފުރުސަތު ގެއްލުނު މައްސަލަ ބެލުމަށް މިނިސްޓަރު މަހުލޫފް ކޮމިޓީއެއް އެކުލަވާލި ހިސާބުން ފެށިގެން އެފްއޭއެމާއި މިނިސްޓަރާ ދެމެދު ވަނީ ޒާތެއްގެ "ފިނި ހަނގުރާމަ"އެއް ފެށިފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް: ފީފާގެ ރައީސާ އިއްޔެ ބައްދަލުކުރެއްވި. --ފޮޓޯ: އިމޭޖަސް އެމްވީ
އެ މައްސަލަ މިނިސްޓްރީން ބަލަން ފެށުމުން އެފްއޭއެމުން ވަނީ އޭއެފްސީއާ އެކަން ހިއްސާކޮށްފަ އެވެ. އެއާ އެކު އޭއެފްސީން ވަނީ އެފްއޭއެމްގެ އެއްވެސް ކަމެއްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުވަދޭނެ ކަމަށާއި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެ، މިނިސްޓަރުގެ އެ މަސައްކަތް ހުއްޓާލަން ނުސީދާކޮށް އިންޒާރު ވެސް ދީފަ އެވެ.
އެހިސާބުން މަހުލޫފް ވަނީ ކޮމިޓީން ބަލަނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީ ގޮތް ކަމަށާއި އެފްއޭއެމް ތެރެއަށް ނުވަންނާނެކަން ބައްސާމަށް އަންގަވައިފަ އެވެ. އަދި އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާންގެ އަރިއަހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.
ސަލްމާންގެ ދައުވަތަކަށް އިއްޔެ މަހުލޫފް ލަންޑަނަށް ވަޑައިގެން މިއަދު އޭނާއާ ބައްދަލުކުރައްވާނެ އެވެ.
މަހުލޫފު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އޭއެފްސީގެ އެހީތެރިކަން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ސަލްމާން ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސްގެ ފަރާތްޕުޅުން ދައުވަތު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އެއް ދުވަސް ފަހުން، ފީފާގެ ރައީސް އިންފަންޓީނޯއާ ބައްސާމް ބައްދަލުކުރެއްވީ އަބޫ ދާބީގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕުގެ ތެރެއިން އިއްޔެ އެވެ. އޭނާ ވިދާޅުވީ ބައްދަލުވުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އެފްއޭއެމަށް މިހާރު ކުރިމަތިވަމުން އަންނަ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު. --ފޮޓޯ: ރައީސް އޮފީސް
ބައްސާމް ވިދާޅުވި ގޮތުގައި މިހާރު ހަމަޖެހިފައިވާ ގޮތުން ނަމަ އަންނަ އަހަރުގެ ޖޫންގެ ކުރިން އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާނެ އެވެ.
އިއްޔެގެ ބައްދަލުކުރެއްވުމުގައި ބައްސާމް ވަނީ ފީފާގެ ކައުންސިލަށް އެފްއޭއެމުން ނޮމިނޭޓްކޮށްފައިވާ މަރިޔަމް މުހައްމަދު (މާޔަން) ގެ ކެމްޕެއިނަށް އިންފަންޓީނޯގެ ތާއީދަށް އެދިވަޑައިގެންފަ އެވެ. ރާއްޖޭގައި އަންހެނުންގެ ފުޓްބޯޅަ ކުރިއަރުވަން ވަރަށް ގިނަ ހިދުމަތްތަކެއްކޮށްދީފައިވާ މާޔަން އަށް މީގެ ކުރިން ބައްސާމުގެ ދައުރުގައި އެފްއޭއެމްގައި މަސައްކަތްކުރުމުގެ ފުރުސަތު ގެއްލުނެވެ. އެހެންވެ އޭނާ އަށް އެ ފުރުސަތު އަލުން ލިބުމުން ބައެއް ފަރާތްތަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.
އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ގެއްލުނީ ކްލަބްތަކަށް ލައިސަންސް ނުލިބުމުންނެވެ. އެކަމުގައި އެފްއޭއެމުން ކްލަބްތައް ކުށްވެރިކުރާއިރު ކްލަބްތަކުން ވަނީ އެފްއޭއެމްގެ އިހުމާލު އޮތް ކަމަށް ބުނެފަ އެވެ.
ފުޓްބޯޅައިގެ ތަޖުރިބާކާރުންތަކެއް ހިމަނައިގެން މިނިސްޓަރު މަހުލޫފު ކޮމިޓީއެއް އެކުލަވާލެއްވީ އެކަމުގައި ދާނެ ދިމާލެއް ނޭނގިފައި އޮއްވަ އެވެ.
އެކަމަކު ކްލަބް ލައިސަންސް ނުލިބުނު އެއް ކްލަބް ކަމަށްވާ މާޒިޔާ އިން ފަހުން ވަނީ މިނިސްޓަރު އެކުލަވާލެއްވި ކޮމިޓީގެ މަގުސަދާ މެދު ސުވާލު އުފައްދައިފަ އެވެ. އެއީ ކޮމިޓީ އުފެއްދީ އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނު މައްސަލަ ބަލަން ކަމަށް ފުރަތަމަ އިއުލާންކޮށްފައިވަނިކޮށް ފަހުން އެއީ ފައިސާ އަށް ވީ ގޮތް ބަލާ ކޮމިޓީއެއް ކަމަށް މިނިސްޓަރު ވިދާޅުވުމުންނެވެ. މާޒިޔާ އިން ބުނީ އެފްއޭއެމްގެ މައްސަލަތައް ހައްލުކުރަން ޖެހޭނީ ފީފާ އާއި އޭއެފްސީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތަށް ކަމަށެވެ.
ފީފާގެ ރާގު ބަދަލުވެއްޖެ، މިހާރު ދެނީ އިންޒާރު!
ރާއްޖެއަށް އެހީވާނެކަމުގެ ޔަގީންކަން އިންފަންޓީނޯ ދީފި
ބައްސާމް ފީފާ ކޮންގްރެސްއަށް ދަނީ، ފުރުން މަނާ!
އެފްއޭއެމްގެ މުސާރަ ދޭން ފީފާއިން ތިން ލައްކަ ޑޮލަރު
ޕްރެޝަރު ދަނޑިވަޅުގައި ބައްސާމް ފީފާގެ ރައީސްގެ ގާތަށް
ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާއަށް ބައްސާމް އިންކާރު
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ޒުހޫރު
ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލައިފި