Roadha Mihaaru
ލަންކާ އަކީ ގުޅުން ދަަމަހައްޓާ، ތަރައްގީގެ ބައިވެރިއެއް

ލަންކާ އަކީ ގުޅުން ދަމަހައްޓާ، ތަރައްގީގެ ބައިވެރިއެއް: ރައީސް

03 ޖެނުއަރީ 2019

ސްރީ ލަންކާ އަކީ ރާއްޖެއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވައި، ތަރައްގީގައި ވެސް އެހީތެރިވެދޭ ގައުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާ އަކީ ރާއްޖެއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވައި، ތަރައްގީގައި ވެސް އެހީތެރިވެދޭ ގައުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެމަނިކުފާނު މިގޮތަށް ވިދާޅުވީ ރާއްޖޭގައި ހުންނަވާ ސްރީ ލަންކާގެ ސަފީރު މޭޖާ ޖެނެރަލް ރިޓަޔާޑް ތޮރަޑެނިޔާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ސަފީރާ މަޝްވަރާ ކުރައްވައިފަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުކުރެއްވުމުގައި، ލަންކާ އަކީ ރާއްޖޭގެ އެންމެ ރަނގަޅު ރަހުމަތްތެރިންގެ ތެރޭގައި ހިމެނޭ އަދި ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. ދެ ގައުމުގެ ސިޔާސީ ގުޅުން ގާއިމްކުރި ފަހުން، ލަންކާ އިން ރާއްޖެއާ މެދު ބަހައްޓާ ގާތް ކަން ވެސް ރައީސް ފާހަގަކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.

ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމްކުރީ މީގެ 54 އަހަރު ކުރިންނެވެ.

ލަންކާގެ އެކި ބޭފުޅުން ރާއްޖެ އަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި އެ ގައުމުގައި ދިރިއުޅޭ 10،000 އަށް ވުރެ ގިނަ ދިވެހިންނަށް އަދާކުރަމުން އަންނަ މެހްމާންދާރީ ވެސް ރައީސް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެ ބައްދަލުވުމުގައި ލަންކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި މަސަައްކަތް ކުރަން އެ ގައުމުގެ މީހުން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށާއި އެއީ ރާއްޖޭގައި އޮންނަ ޕްރޮފެޝަނަލް މާހައުލުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ލަންކާ މީހުން މަސައްކަތް ކުރުމަކީ އޭގެ ހެއްކެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޚާރިޖީ ގުޅުމުގެ ތެރެއިން ސްރީ ލަންކާ އަކީ ޒަމާނުއްސުރެން ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. އަދި އެއީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރަން އެހީތެރިކަން ފޯރުކޮށްދިން ގައުމެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ) ފުރަތަމަ އުފެއްދީ ވެސް އެ ގައުމުގަ އެވެ.