Roadha Mihaaru
މާލޭގައި ގްރޫޕަކުން އަނިޔާވެރިކޮށް ބުޅާ މަރަނީ!

މާލޭގައި ގްރޫޕަކުން އަނިޔާވެރިކޮށް ބުޅާ މަރަނީ!

07 ޖެނުއަރީ 2019

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާކޮށް މަރަމުންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާކޮށް މަރަމުންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބުޅަލާއި ޖަނަވާރުންގެ ހައްގަށް މަސައްކަތް ކުރާ މީރާ މުހައްމަދު މާޖިދު ބުނީ ބުޅާ މަރާކަމުގެ މައުލޫމާތު ލިބިފައި ވަނީ މައްޗަންގޮޅި ޗަމްޕާ ސެންޓްރަލް ހޮޓެލް ހިސާބުގައި ކަމަށެވެ.

"ހުންނަނީ ބޮލުގައި އެއްޗަކުން ތަޅާތަޅާ މަރާފައި. މިހާރު ވެސް މަދުވެގެން އެގޮތަށް މަރާފައި އޮތް ހަތަރު ބުޅާ ފެނިއްޖެ،" މީރާ ބުންޏެވެ.

މި އަނިޔާވެރި އަމަލްތައް ހިންގަނީ ގްރޫޕަކުން ކަމަށް، ޖަނަވާރުންގެ ހިމާޔަތުގައި އުޅޭ ބައެއް ފަރާތްތަކުން ބުނެ އެވެ.

ބުޅާ މަރާ މައްސަލައިގައި ހިއުމަން ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ މާލޭ ސިޓީ ކައުންސިލާ ހޮނިހިރު ދުވަހު ބައްދަލުކޮށް އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ ފާއިތުވި ދުވަސްތަކުގައި ވަރަށް ގިނައިން މާލޭ މަގުމަތިން މަރުވެފައި އޮންނަ ބުޅާ ފެނިފައިވާ ކަމަށެވެ.

މީރާ ބުނީ މިހާރަކަށް އައިސް މާލޭގައި ބުޅަލާއި ޖަނަވާރުތަކަށް އަނިޔާ ކުރުން ގިނަވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

"[ދުށިން] ދެ އަހަރުގެ ކުޑަކުއްޖަކު ގޮވައިގެން ދިޔަ ފިރިހެނަކު ވާގަނޑަކުން ބުޅަލެއް ދަން ޖައްސައިގެން މަގުމަތީގައި ދަމަމުން ދިޔަ މަންޒަރު. މިއީ ވެސް މިފަހުން ދިމާވި ކަމެއް،" މީރާ ކިޔައިދިނެވެ.

"ޖަނަވާރުންނަށް އަނިޔާ ކުރުމަކީ ވަރަށް ދެރަ ކަމެއް. އިންސާނިއްޔަތުކަން ހުންނަން ޖެހޭނީ ހަމައެކަނި އިންސާނުންނަކަށް ނޫން."

ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، ޖަނަވާރުންނަށް އަނިޔާ ކުރުން ކަނޑައަޅާފައި ވަނީ ކުށެއްގެ ގޮތަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލެވިދާނެ އެވެ.