Roadha Mihaaru
ޝަރަފްގެ ވިސްނުން ދިގު މުއްދަތުގެ ކާމިޔާބީތަކަށް

ޝަރަފްގެ ވިސްނުން ދިގު މުއްދަތުގެ ކާމިޔާބީތަކަށް

08 ޖެނުއަރީ 2019

މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގެ ރެކޯޑްތައް މުގުރާލުމުގެ ވިސްނުމުގައި ނޫން ކަމަށާއި އަމާޒަކީ ދިގު މުއްދަތުގައި މައިދާނުގައި ކާމިޔާބީ ހޯދަން ކަމަށް މޮރޮކޯގައި ތަމްރީން ހަދަމުން އަންނަ ރާއްޖޭގެ ދިގު ރާސްތާ ދުވުންތެރިޔާ އަހުމަދު ޝަރަފް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގެ ރެކޯޑްތައް މުގުރާލުމުގެ ވިސްނުމުގައި ނޫން ކަމަށާއި އަމާޒަކީ ދިގު މުއްދަތުގައި މައިދާނުގައި ކާމިޔާބީ ހޯދަން ކަމަށް މޮރޮކޯގައި ތަމްރީން ހަދަމުން އަންނަ ރާއްޖޭގެ ދިގު ރާސްތާ ދުވުންތެރިޔާ އަހުމަދު ޝަރަފް ބުނެފި އެވެ.

ޝަރަފަކީ ރާއްޖޭގެ މެރެތަން ރެކޯޑް 27 އަހަރަށް ފަހު މުގުރާލި ދުވުންތެރިޔާ އެވެ. ސާފް ގޭމްސްގައި 1989 ވަނަ އަހަރު ހުސެއިން ހަލީމް (ކުޑަހުސެން) 2 ގަޑި 45.03 މިނެޓުން ހެދި ރެކޯޑް 2017 އަހަރު ޝަރަފް މުގުރާލީ 2 ގަޑި 42:28 މިނެޓުން ދުވެގެންނެވެ. އަދި ހާފް މެރެތަން ރެކޯޑް ވެސް ޝަރަފް ހެދި އެވެ. އެކަމަކު އެ ދެ ރެކޯޑް ވެސް މިހާރު އޭނާ އަތުން ގެއްލި އޮތީ ޝިފާޒް މުހައްމަދުގެ އަތުގަ އެވެ.

އޮލިމްޕިކް ކޮމިޓީން ދިން ސްކޮލަޝިޕެއްގެ ދަށުން 2017 ވަނަ އަހަރުން ފެށިގެން މޮރޮކޯގައި ތަމްރީން ހަދަމުން އަންނަ ޝަރަފް ބުނީ ބުނީ އަނިޔާއެއްގެ ސަބަބުން މިދިޔަ އަހަރުގެ ކުރީކޮޅު އޭނާގެ ޕާފޯމަންސަށް އަސަރުކުރި ކަމަށެވެ. އެކަމަކު ސްޕެއިނުގެ ވެލެންސިއާގައި އޭނާ ވަނީ މެރެތަންގައި ޕާސަނަލް ރެކޯޑެއް ހަދައިފަ އެވެ. އެއީ އޭނާ ރެކޯޑް ހެދި އިރު ދުވި ޓައިމިން އަށް ވުރެ ހަތަރު ވަރަކަށް މިނެޓުގެ ކުރިއެރުމެކެވެ.

މިހާރު އޭނާގެ ހުރިހާ ވިސްނުމެއް ހުރީ ޖުލައި މަހު މޮރިޝަސްގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހާފް މެރެތަން އިން މެޑެއްޔެއް ހޯދުމަށެވެ. އެކަމަށްޓަކައި އެހީތެރިކަން ހޯދުމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފާ ވެސް ދާދި ފަހުން ބައްދަލުކުރި އެވެ. މަހުލޫފު ވަނީ އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"އަޅުގަނޑު މަސައްކަތްކުރަމުން މި އަންނަނީ ރާއްޖޭގެ ރެކޯޑް ހެދުމުގެ ވިސްނުމުގައެއް ނޫން. އަޅުގަނޑު ފެށީ ވެސް ދިގު މުއްދަތުގެ އަމާޒުތަކެއް އޮވެގެން. އެކަމަށް މިހާރު ވެސް މި މަސައްކަތްކުރަނީ،" ޝަރަފް ބުންޏެވެ.

ޝަރަފް ރޭހަކަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން.

ޝަރަފް ރޭހަކަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދުމުގެ އިތުރުން ދެން އޮތް އަމާޒަކީ އަންނަ އަހަރުގެ އޮލިމްޕިކްސް އަށް ކޮލިފައިވުމެވެ. ނުވަތަ 2024 ވަނަ އަހަރު އެކަން ކުރުމެވެ.

"ރޭހަކަށް ފަހު ރޭހެއް ދުވަން ނުވިސްނަން. މެރެތަން ރޭހެއް ދުވެފައި ވެސް ރަނގަޅަށް ރިކަވާވެގެން ދެން ދުވަން ބޭނުންވަނީ. އެކަމަށް ވިސްނައިގެން ދިގު މުއްދަތަށް ޕްލޭން ހަދާފައި އޮތީ. ދުވުމުން ކާމިޔާބު ހޯދުމަކީ ހަމަ ދާގޮތަށް ކުރެވޭނެ ކަމެއް ނޫން. ބައެއް ފަހަރު ފަހަރު ވެއްޓޭނެ. އެކަމަކު މީގައި މުހިއްމީ އަނެއްކާ ވެސް ތެދުވެ މަސައްކަތްކުރުން،" ރެކޯޑްތައް މިވަގުތު ގެއްލިފައިވުމަކީ މައްސަލައެއް ނޫން ކަމަށް އިޝާރާތްކޮށް ޝަރަފް ބުންޏެވެ.

އެކަމަކު އަމާޒަށް ވާސިލްވެވެން އޮތީ ގިނަ ބަޔެއްގެ އެހީއާ އެކު ކަމަށް ޝަރަފް ބުނެ އެވެ. މޮރޮކޯގައި ތަމްރީންތައް ދަނީ ވަރަށް ރަނގަޅަށެވެ. ވަޒީފާ އަދާކުރާ ޕޮލިސް ސާވިސަސް އިން އޭނާ ތަމްރީންތަކަށް ވީއްލައިދެ އެވެ. އަދި ގައުމީ ސްކޮޑުގައި ހިމެނޭތީ ސަރުކާރުން މުސާރަދެ އެވެ. އެކަމަކު ޕްރޮފެޝަނަލީ ދުވުމަކީ ވަރަށް ގިނަ ހަރަދުތަކެއް ހިނގާ ކަމަކަށްވާތީ ސްޕޮންސަރުންގެ އެހީ ބޭނުންވެ އެވެ.

"ސްޕޮންސާ ހޯދަން ދިޔައީމާ ބައެއް ތަންތަނުން އެބަބުނޭ ތިމަންނާމެން ސްޕޮންސާ ދެނީ ހަމައެކަނި ޓީމް ސްޕޯޓްސްތަކަށޭ. އެކަމަކު ދުވުމަކީ އިންޑިވިޖުއަލް ކުޅިވަރަކަށް ވިޔަސް ވަރަށް ބައިވަރު ފައިސާ ބޭނުންވޭ. ތަމްރީން ހެދުމާއި ވަކި ގޮތަކަށް ކެއުން ބެހެއްޓުމަށް އަދި ކިޓް ގަތުމާއި ރޭސްތަކުގައި ވާދަކުރަން ގައުމުތަކަށް ދަތުރުކުރަން ބެލިޔަސް. އެހެންވެ އެހީތެރިކަން އެބަ ބޭނުންވޭ،" އުމުރުން 30 އަހަރުގެ ދުވުންތެރިޔާ ބުންޏެވެ.