Roadha Mihaaru
އައްޑޫގައި އިންތިޚާބު ބޭއްވުން މަޑުޖައްސަން އެދެފި

އައްޑޫގައި މަޖިލިސް އިންތިޚާބު ބޭއްވުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ހައި ކޯޓުގައި އެދެފި

10 ޖެނުއަރީ 2019

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އައްޑޫ ސިޓީގައި މަޖިލިސް އިންތިޚާބު ބޭއްވުމާ ބެހޭ ކަންކަން ހުއްޓާލުމުގެ ވަގުތީ އަމުރަކަށް ހައި ކޯޓުގައި އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އައްޑޫ ސިޓީގައި މަޖިލިސް އިންތިޚާބު ބޭއްވުމާ ބެހޭ ކަންކަން ހުއްޓާލުމުގެ ވަގުތީ އަމުރަކަށް ހައި ކޯޓުގައި އެދިއްޖެ އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި އައްޑޫ ސިޓީގެ ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ގޮތާ މެދު ހިތްހަމަނުޖެހިގެން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ، މަރަދޫ ފޭދޫ ބައެއްގެ އެދުމުގެ މަތިން، އެޓާނީ ޖެނެރަލްގެ އޮފީހުގެ ކުރީގެ ވަކީލެއް ކަމަށްވާ މަރިޔަމް ޝުނާނާ އާއި މީދޫ ރައްޔިތުންގެ ފަރާތުން ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއްސުއޫދެވެ. އެ މައްސަލާގައި އެދިފައިވަނީ މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ އެއްކޮށްލުމަށް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށް، މަރަދޫ ފޭދޫ ދާއިރާ އާއި މީދޫ ދާއިރާ ވަކިކޮށް ދިނުމަށެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.

އެ މައްސަލާގައި ޝުނާނާގެ ފަރާތުން ހައި ކޯޓުގައި ވަގުތީ އަމުރަކަށް އެދުނީ ދާއިރާ ވަކި ކުރުމާ މެދު ހައި ކޯޓުން ގޮތެއް ނިމެންދެން، އައްޑޫގައި މަޖިލިސް އިންތިޚާބު ބޭއްވުމާ ބެހޭ ހުރިހާ ކަންކަމެއް ހުއްޓާލުމަށް އިލެކްޝަންސް ކޮމިޝަނާއި ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށް ދިނުމަށެވެ.

ސަބަބެއްގެ ގޮތުގައި އެ ހުށަހެޅުމުގައި ވަނީ އެ މައްސަލަ ކޯޓުން ނުނިމެނީސް، އައްޑޫ ސިޓީގައި މަޖިލިސް އިންތިޚާބު ބޭއްވުމުގެ ކަންކަން ކުރިއަށް ގެންދާ ނަމަ، އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮތުމުންނެވެ. އަދި މައްސަލަ ނިމޭއިރު، މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ ވަކިކުރަން ހައި ކޯޓުން ނިންމާ ހާލަތެއްގައި އެކަން ތަންފީޒު ނުކުރެވޭ ހާލަތަކަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ ހުށަހެޅުމުގައިވެ އެވެ.

މަޖިލިސްގެ އިންތިޚާބުގައި ދާއިރާތައް ބެހިގެންވާ ގޮތް މިފަހަރު އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއިރު، ދާއިރާތައް އިތުރުވީ ހަމައެކަނި މާލޭގަ އެވެ. މާލޭގައި ދެ ދާއިރާ އިތުރުވެ އެވެ.

މަޖިލިސް އިންތިޚާބުގެ ގާނޫނު ބުނާގޮތުން ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.