Roadha Mihaaru
ނުފޫޒު ފޯރުވައިގެން ރޭ އުޅުނީ އަދީބު ޖަލަށް ގެންދަން

ނުފޫޒު ފޯރުވައިގެން ރޭ އުޅުނީ އަދީބު ޖަލަށް ގެންދަން: އާއިލާ

11 ޖެނުއަރީ 2019

އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތް ހިންގުމުގައި އިސްކޮށް ހުރި ކަމަށް ބެލެވޭ އަދި ތަފާތު މައްސަލަތަކާ ގުޅިގެން 33 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާދީފައި ވަނިކޮށް، ރޭ ކުއްލި ގޮތަކަށް އައިޖީއެމްއެޗުން ދޫކޮށްލަން އުޅުނު ކަމަށް އަދީބުގެ އާއިލާ އިން މިއަދު ތުހުމަތު ކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތް ހިންގުމުގައި އިސްކޮށް ހުރި ކަމަށް ބެލެވޭ އަދި ތަފާތު މައްސަލަތަކާ ގުޅިގެން 33 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާދީފައި ވަނިކޮށް، ރޭ ކުއްލި ގޮތަކަށް އައިޖީއެމްއެޗުން ދޫކޮށްލަން އުޅުނު ކަމަށް އަދީބުގެ އާއިލާ އިން މިއަދު ތުހުމަތު ކޮށްފި އެވެ.

ނުރައްކާތެރި ކުށްވެރިއެއް ކަމަށް ބެލެވޭ އަދީބުގެ އާއިލާގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާ ބައްލަވާ ޑޮކްޓަރު ރޭ 9:30 ހާއިރު ގޮސް އަދީބު ހޮސްޕިޓަލުން ދޫކޮށްލީ ކަމަށާއި އިތުރު ގޮތެއް ނެތް ކަމަށް ވިދާޅުވި ކަމަށެވެ. އެކަން ހިނގިއިރު، އޭގެ ކުރިން ޑޮކްޓަރުން ލަފާދީފައި ވަނީ ސްކޭނަކަށް ފަހު އޮޕަރޭޝަން ކުރަން ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.

އެކަން އޮޅުން ފިލުވުމަށް ޕްރިޒަންސް އޮފިސަރުންނާ ވާހަކަ ދެއްކުމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެފަދަ އެންގުމެއް އަންގާފައި ނުވާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް އަދީބުގެ އާއިލާ އިން ބުނެ އެވެ. އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި އަދީބު ޑިސްޗާޖްކޮށް ޖަލަށް ބަދަލު ކުރަން އުޅުނީ ބައެއްގެ ނުފޫޒެއްގެ ސަބަބުންނެވެ. އަދި އާއިލާގެ ޕްރެޝަރާ ހެދި، އަދީބު އަލުން އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައިވާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

"މަޖުބޫރު ވެގެން އަދީބު ޑިސްޗާޖް ކުރުން ނޫން ގޮތެއް ނެތް ކަމަށް ޑޮކްޓަރުން ވިދާޅުވުމަކީ އެކަމުގައި އޭނާ އަށް މީހަކު ބިރުދެއްކުން ނުވަތަ މަގާމުގެ ނުފޫޒް ބޭނުން ކުރައްވައިގެން މަޖުބޫރު ކުރުވުން ނުވަތަ އެހެން ހާލަތެއް މެދުވެރިވެގެން މަޖުބޫރުވުން ކަމަށް ބެލެވެން އޮތް ހިނދު މި ކަމަކީ ތަހުގީގުކޮށް ކުށްވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ނުރައްކާތެރި ކަމެއް،" އަދީބުގެ އާއިލާގެ ބަޔާނުގައި ވެ އެވެ.

އަދީބުގެ ބޭސްފަރުވާގެ ކަންކަން ނިމެންދެން އޭނާގެ އާއިލާއާ ހަވާލުކޮށްދިނުމަށް ވެސް އާއިލާ އިން ވަނީ އެދިފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު އަދީބު ގެއަށް ބަދަލުކުރީ އޭނާގެ ކިޑްނީގައި އުފެދިފައިވާ ހިލަކޮޅުތަކެއް ނެގުމަށް ކުރި އޮޕަރޭޝަނަކަށް ފަހު އެވެ. އޭނާ އަލުން ޖަލަށް ބަދަލު ކޮށްފައި ވަނިކޮށް އިތުރަށް ހާލު ގޯސްވެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު، އޭނާ އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ އަދީބު ޖަލަށް ގެންދިޔައީ އެއްބަސްވެފައިވާ ގޮތާ އޭނާ ހިލާފު ވެފައިވާތީ ކަމަށެވެ.