Roadha Mihaaru
ހެޔޮއެދޭ މީހުންގެ މެސެޖުތަކުން މަރޭ އަށް ހިތްވަރު!

ހެޔޮއެދޭ މީހުންގެ މެސެޖުތަކުން މަރޭ އަށް ހިތްވަރު!

18 ޖެނުއަރީ 2019

ލަންޑަން (ޖެނުއަރީ 18) - އުނގަނޑަށް ލިބިފައިވާ އަނިޔާއާ ހެދި ކުޅުން ހުއްޓާލުމާ މެދު ފުންކޮށް ވިސްނަމުން އަންނަ ހުނަރުވެރި ޓެނިސް ކުޅުންތެރިއާ އެންޑީ މަރޭ އަނިޔާއިން ރަނގަޅުވެ، އަލުން ކުޅުމަށް އެނބުރި އައުމަށް އެދި ހެޔޮ އެދޭ މީހުން ކުރަމުން އަންނަ މެސެޖުތަކުގެ ސަބަބުން އޭނާ އަށް ހިތްވަރު ލިބެމުން އަންނަ ކަމަށް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 18) - އުނގަނޑަށް ލިބިފައިވާ އަނިޔާއާ ހެދި ކުޅުން ހުއްޓާލުމާ މެދު ފުންކޮށް ވިސްނަމުން އަންނަ ހުނަރުވެރި ޓެނިސް ކުޅުންތެރިއާ އެންޑީ މަރޭ އަނިޔާއިން ރަނގަޅުވެ، އަލުން ކުޅުމަށް އެނބުރި އައުމަށް އެދި ހެޔޮ އެދޭ މީހުން ކުރަމުން އަންނަ މެސެޖުތަކުގެ ސަބަބުން އޭނާ އަށް ހިތްވަރު ލިބެމުން އަންނަ ކަމަށް ބުނެފި އެވެ.

އުމުރުން 31 އަހަރުގެ މަރޭ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ ބުރަކައްޓަށް ލިބުނު އަނިޔާއަކުން ރަނގަޅުވުމަށް އޮޕަރޭޝަނެއް ކޮށްފަ އެވެ. އޮޕަރޭޝަނަށް ފަހު މަރޭ ވަނީ އަލުން އެންމެ މަތީ ލެވެލްގައި ޓެނިސް ކުޅޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު އޭގެ ފަހުން އޭނާ އަށް ކުރީގެ މޮޅު ކުޅުން ދައްކަން ވަނީ އުނދަގޫވެފަ އެވެ. އަދި ދާދި ފަހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުޅުން ހުއްޓާލަން ވިސްނަމުން އަންނަ ކަމަށް އިއުލާނުކޮށްފަ އެވެ.

މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ފުރަތަމަ ބުރުގައި ރޮބާޓޯ ބައުޓިސްޓާ އަތުން ބަލިވެ ކަޓައިފަ އެވެ. އެ މެޗަށް ފަހު މަރޭ ބުނީ މިއީ އޭނާ ފެނިގެންދިޔަ ފަހު މެޗަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެއާ އެކު ޓެނިހުގެ ދުނިޔޭގެ ގިނަ ފަރާތްތަކަށް ލިބުނީ ޝޮކެކެވެ. އަދި މަރޭ އެހާ އަވަހަށް ކުޅުން ހުއްޓާނުލައި ހުވަފެންތައް ހާސިލްކުރަން ކުޅުން ކުރިއަށްގެންދަން ސަޕޯޓަރުން އެދުނެވެ.

ރިޕޯޓްތައް ބުނާގޮތުން މަރޭ މިހާރު މަސައްކަތްކުރަމުން އަންނަނީ މި އަހަރުގެ ޖުލައި މަހު އޮންނަ ވިމްބަލްޑަން ޓެނިސް މުބާރާތުގައި ކުޅުމަށެވެ. އެކަމަކު ވަކި ގޮތެއް ނިންމާނީ އޭނާ ދެން ކުރަން ޖެހޭ އޮޕަރޭޝަނަށް ފަހު އެއްކޮށް އަނިޔާއިން ރިކަވާވެވޭނެ ކަމުގެ ޔަގީންކަން ލިބިއްޖެނަމަ އެވެ.

"މަރޭ އަށް ވަރަށް ގިނަ ބަޔެއްގެ އެހީތެރިކަން ލިބެމުން އަންނަނީ. ގިނަ ބަޔަކު އެދޭ އަދިވެސް އޭނަ ކުޅުން ކުރިއަށް ގެންދަން. ވަރަށް އަވަހަށް މަރޭ ގޮތެއް ނިންމާނެ. މިހާރު ޔަގީނުން ވެސް އެނގޭ ކަމަކީ އޭނާ އަށް މި މެސެޖުތަކުން ހިތްވަރު ލިބޭކަން،" މަރޭގެ އާއިލާ މެމްބަރަކު އިނގިރޭސި ނޫހެއް ކަމަށްވާ އިންޑިޕެންޑެންޓަށް ބުންޏެވެ.

އެމެރިކާގެ ޑަބަލްސް އިވެންޓުގެ ކުޅަދާނަ ޓެނިސް ކުޅުންތެރިއާ ބޮބް ބްރަޔަން ވެސް ވަނީ މަރޭ އަށް ހިތްވަރު ދީފަ އެވެ. ބޮބް އަކީ މިދިޔަ އަހަރު އުނަގަނޑުގެ ބޮޑު އޮޕަރޭޝަނެއްކޮށް މިހާރު އަލުން ކުޅުމަށް އައިސް ތަފާތު ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.

"ދުނިޔޭގެ އެއް ވަނައިގައި 37 ހަފްތާ ވަންދެން މަރޭ އޮތް. މިއީ އޭނާ ދެއްކި ހިތްވަރެއް. ދެން އަނިޔާއިން ރިކަވާވެ ކުޅެން ނުކުތުމަކީ ވެސް އޭނާ އަށް ވާނެ ކަމެއް. އަހަރެން ވެސް މިހުރީ އުނަގަނޑުގެ ވަރަށް ބޮޑު ސާޖަރީއެއް ކޮށްފައި. މީގެ އޮތީ ރަނގަޅު ވިސްނުމުގައި ރިހެބިލިޓޭޝަން ޕްރޮސެސްގައި އަޒުމެއްގައި މަސައްކަތްކުރުން،" ބޮބް ބުންޏެވެ.

ވިމްބަލްޑަން ޓެނިސް މުބާރާތް ބާއްވާ އޯލް އިންގްލެންޑް ކްލަބްގެ ޗީފް އެގްޒެކްޓިވް ރިޗާޑް ލެވިސް ވިދާޅުވީ މަރޭ ކޮންމެ އިރެއްގައި ރިޓަޔާކުރި ނަމަވެސް އޭނާގެ އަގުވަޒަންކުރުމުގެ ގޮތުން ސްޓެޗޫއެއް ބަހައްޓާނެ ކަމަށެވެ. މަރޭ އަކީ ދެ ފަހަރު ވިމްބަލްޑަން ކާމިޔާބު ކުރުމުގެ އިތުރުން އޮލިމްޕިކްގެ ރަން މެޑަލް ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ތަރިއެއް ކަމަށާއި އޭނާގެ ނަން ކުޅިވަރުގެ ތާރީހުގައި ފެންނަން ހުންނަން ޖެހޭނެ ކަމަށް ލެވިސް ވަނީ ވިދާޅުވެފަ އެވެ.