Roadha Mihaaru
ޗެލްސީން ކުރި އިތުބާރުގެ ބަދަލު ދޭނަން: ހިގުއައިން

ޗެލްސީން ކުރި އިތުބާރުގެ ބަދަލު ދޭނަން: ހިގުއައިން

24 ޖެނުއަރީ 2019

ލަންޑަން (ޖެނުއަރީ 24) – ޗެލްސީން އޭނާ އަށް ކުރި އިތުބާރުގެ ބަދަލު ދެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށް އެ ޓީމަށް ރޭ ގެނައި އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގުއައިން ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (ޖެނުއަރީ 24) – ޗެލްސީން އޭނާ އަށް ކުރި އިތުބާރުގެ ބަދަލު ދެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށް އެ ޓީމަށް ރޭ ގެނައި އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގުއައިން ބުނެފި އެވެ.

ޗެލްސީ އަށް ކުރިމަތިވެފައިވާ ލަނޑު ނުޖެހުމުގެ މައްސަލަ ހައްލުކުރަން ގެނައި ހިގުއައިން އަކީ އެ ޓީމުގެ މިހާރުގެ ކޯޗު މައުރީޒިއޯ ސާރީގެ ކޯޗުކަމުގައި ނަޕޯލީގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.

އޭގެ ފަހުން ޔުވެންޓަސް އަށް ބަދަލުވެ އެ ކްލަބުގައި ވެސް މޮޅަށް ކުޅުނެވެ. އޭނާ މި ސީޒަނުގައި މިހާތަނަށް ކުޅެމުން އައީ ޔުވެންޓަސްގެ ލޯނެއްގެ ދަށުން އޭސީ މިލާނަށެވެ. އެކަމަކު އެ ޓީމުގައި އޭނާ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. އެހެންވެ މިލާނާއި ޔުވެންޓަސް އަދި ޗެލްސީން މަޝްވަރާކޮށް މިލާނުގެ ލޯން ކެންސަލްކޮށް ޗެލްސީ އަށް ބަދަލުކުރީ އެވެ. އޭނާ ޗެލްސީއާ ގުޅުނީ ވެސް ލޯނެއްގެ ދަށުން އެކަމަކު 36 މިލިއަން ޔޫރޯ އަށް ކޮންޓްރެކްޓް ދާއިމީ ކުރެވޭ ގޮތަށެވެ.

"ޗެލްސީއާ ގުޅުމުގެ ފުރުސަތު ލިބުމުން އަހަންނަށް އޭގެ ބޭނުން ހިފަން ޖެހުނީ. ޗެލްސީ އަކީ އަހަރެން އަބަދުވެސް ގަޔާވާ ޓީމެއް. ބޮޑު ތާރީހަކާއި ހިތްގައިމު ސްޓޭޑިއަމެއް ހުރި އަދި ޕްރިމިއާ ލީގުގައި ކުޅޭ ޓީމެއް. އެއީ އަހަރެން އަބަދުވެސް ކުޅެން ބޭނުންވެފައި ހުރި ލީގެއް،" ހިގުއައިން ބުންޏެވެ.

އިއްޔެގެ މެންދުރުފަހުގެ ނިޔަލަށް ކޮންޓްރެކްޓުގައި ސޮއިނުކުރެވިފައިނުވާތީ، ލީގު ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ހިގުއައިން އަށް ނުކުޅެވޭނެ އެވެ.

ޗެލްސީގެ ކޯޗު ސާރީ ބުނީ ހިގުއައިން އަކީ ވަރަށް ވަރުގަދަ ފޯވާޑެއް ކަމަށާއި ހާއްސަކޮށް ނަޕޯލީގައި އޭނާ ހޭދަކުރި ފުރަތަމަ ސީޒަނުގައި ތަފާތު ދެއްކި ކަމަށެވެ.

"ޔަގީނުން ވެސް އޭނާ އަކީ އަހަރެންގެ ކެރިއަރުގައި ކޯޗުކޮށްދިން އެންމެ މޮޅު އެއް ފޯވާޑް. އަހަރެން އުއްމީދުކުރަން އޭނާ ލަނޑު ޖަހަން ފަށާނެކަމަށް. އަހަންނަށް އެނގޭ އޭނާ އަށް އުނދަގޫތަކެއް (މި ސީޒަނުގައި) ދިމާވި ކަމަށް ވެސް،" ސާރީ ބުންޏެވެ.

މިލާނަށް ބަދަލުވުމުގެ ކުރިން ވެސް ހިގުއައިން ހޯދަން ޗެލްސީން މަސައްކަތްކުރި އެވެ. އެކަމަކު އޭރު ހިގުއައިން ބުނީ ޗެލްސީގައި އޭނާ ބޭނުންވި ހަމައެކަނި މީހަކީ ކޯޗު ސާރީ ކަމަށެވެ.

"މިހާރު އަހަރެން އުއްމީދުކުރަނީ ޗެލްސީން އަހަންނަށް ކުރި އިތުބާރު އަނބުރާ ދެވޭނެ ކަމަށް. ފަށަން ކެތްމަދުވެފައި މިހިރީ އަދި ވީހާ ވެސް އަވަހަކަށް ޓީމަށް ހޭނޭނެ ކަމަށް އުއްމީދުކުރަން،" ހިގުއައިން ބުންޏެވެ.

ރެއާލް މެޑްރިޑުން ޔޫރަޕުގެ ކެރިއަރު ފެށި ހިގުއައިންގެ ބަދަލުގައި މިލާނުން ވަނީ ޖެނޯއާގެ ޕޮލެންޑް ފޯވާޑް ކްރިސްޓޮފް ޕިއޮންޓެކް ގެނެސްފަ އެވެ. މި ސީޒަނުގައި ޖެނޯއާއާ ގުޅި 21 މެޗުން 19 ގޯލް ޖެހި ފޯވާޑް މިލާނަށް ގެނައީ 35 މިލިއަން ޔޫރޯ އަށެވެ. އަދި ހިގުއައިން އައުމާ އެކު ޗެލްސީގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ލޯނެއްގެ ދަށުން އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާނެ ކަމަށް ބެލެވެ އެވެ.