Roadha Mihaaru
އެލެގްރީ ޔުވެންޓަސް ދޫކޮށްލާނެ: ގަލެއޯނޭ

އެލެގްރީ ޔުވެންޓަސް ދޫކޮށްލާނެ: ގަލެއޯނޭ

26 ފެބުރުއަރީ 2019

ޓިއުރިން (ފެބްރުއަރީ 25) - މި ސީޒަނަށް ފަހު ޔުވެންޓަސްގެ ކޯޗު މަސިމޯ އެލެގްރީ އެ ޓީމު ދޫކޮށްލާނެ ކަމަށް އޭނާ އަށް ކޯޗިންގައި ގިނަ އިރުޝާދުތަކެއް ދިން އިޓަލީގެ ތަޖުރިބާކާރު ކޯޗު ޖިއޮވާނީ ގަލެއޯނޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން (ފެބްރުއަރީ 25) - މި ސީޒަނަށް ފަހު ޔުވެންޓަސްގެ ކޯޗު މަސިމޯ އެލެގްރީ އެ ޓީމު ދޫކޮށްލާނެ ކަމަށް އޭނާ އަށް ކޯޗިންގައި ގިނަ އިރުޝާދުތަކެއް ދިން އިޓަލީގެ ތަޖުރިބާކާރު ކޯޗު ޖިއޮވާނީ ގަލެއޯނޭ ބުނެފި އެވެ.

މި ސީޒަނުގައި ވަރަށް ކްލަބްތަކަކުން އެލެގްރީ ހޯދުމަށް މަސައްކަތް ކުރި ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އިޓަލީގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ގަލެއޯނޭ ބުނީ އެލެގްރީ ގިނަ ކްލަބްތަކަށް ނޫނެކޭ ބުނީ އޭނާއާ މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށެވެ.

"މި ސީޒަން ފެށުމުގެ ކުރިން އެލެގްރީ ބޭނުންނަމަ ޔުވެންޓަސް ދޫކޮށް ރެއާލް މެޑްރިޑް، މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ ނޫނީ އާސެނަލަށް ބަދަލުވުމުގެ އިހުތިޔާރު އޭނާ އަށް އޮތް. އެ ހުރިހާ ކަމެއް ދޫކޮށްފައި އެލެގްރީ ޔުވެންޓަސްގައި މަޑުކުރީ އެ ޓީމަށް ޗެމްޕިއަންސް ލީގު ހޯދައިދޭން،" އިޓަލީގެ 12 އަށް ވުރެ ގިނަ ކްލަބްގައި މަސައްކަތްކުރި ގަލެއޯނޭ ބުންޏެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ޔުވެންޓަސް އިން ކުރި އެންމެ ބޮޑު ހޭދައަކީ ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދުމެވެ.

"އެލެގްރީ އަށް މި ފަހަރު ޗެމްޕިއަންސް ލީގު ނުހޯދުނަސް އެ ނުވާނެ މާ ބޮޑު ކަމަކަށް. އެއީ ރޮނާލްޑޯ ގެނައީމަ ޗެމްޕިއަންސް ލީގު ހޯދުން އެއީ މަޖުބޫރު ކަމެއް ނޫން،" ގަލެއޯނޭ ބުންޏެވެ.

އެެކަމަކު މި ސީޒަނުގައި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އޭނާގެ ނަޒަރުގައި އަންނަ ސީޒަނުގައި އެލެގްރީ ޔުވެންޓަސްއާ އެކު ނުފެންނާނެ އެވެ.

"އެލެގްރީ އަންނަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގަށް ދަނީ؟ ތިއީ އަހަރެން ވަރަށް ގިނައިން މީގެ ކުރިން ވެސް ދެއްކި ވާހަކައެއް. އިޓަލީ އަކު ނެތް އެލެގްރީ ދެން ހަވާލުވާނެ ކްލަބެއް. ކޮންމެ ނަތީޖާއެއް މި ސީޒަނުގައި ނުކުތް ނަމަވެސް ޔުވެންޓަސްގައި އެލެގްރީ މަޑުކުރާނެ ކަމުގެ ޔަގީންކަމެއް އަހަންނަށް ނެތް،" ގަލެއޯނޭ ބުންޏެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑް ދަނޑުގައި ޔުވެންޓަސް ވަނީ 2-0 އިން ބަލިވެފަ އެވެ. އަންނަ މަހު ޔުވެންޓަސްގެ ދަނޑުގައި ކުޅޭ މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައި ކުއާޓާ ފައިނަލުން ފުރުސަތު ހޯދަން ވަނީ ބުރަ މަސައްކަތެއް ކުރަން ޖެހިފަ އެވެ.

"ޔުވެންޓަސް އިން ގަބޫލުކުރަން ޖެހޭ އެ މީހުންނަށް ކުއާޓާ ފައިނަލަށް ދެވިދާނެކަން. އެލެގްރީ އެކަން ކުރަން ޖެހޭ ސަބަބަކީ ޓީވީގައި ތިބި އެނަލިސްޓުންގެ އަޑުކަނޑުވާލަން. އެއީ އެލެގްރީ ކަހަލަ 10 ތަށި ހޯދާފައި ހުރި ކޯޗަކަށް އެހާ ފަސޭހައިން ފާޑުނުކިޔޭނެކަން އަންގަން،" ގަލެއޯނޭ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން އެލެގްރީ އަށް މި ފަހަރު ޔުވެންޓަސްއާ އެކު ޗެމްޕިއަންސް ލީގު ނުހޯދިއްޖެނަމަ އޭނާ މަގާމުން ދުރުކޮށް ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒިނެދިން ޒިދާން ގެންނަން ޔުވެންޓަސްގެ ވެރިން ބޭނުންވެ އެވެ. ޒިދާން ވަނީ އޭނާގެ ކެރިއަރުގައި ޔުވެންޓަސް އަށް ކުޅެފަ އެވެ. އަަދި އެ ޓީމަށް ކޯޗުކޮށްދިނުމަށް ބޭނުންވާ ކަމަށް ވެސް މީގެ ކުރިން ބުނެފައިވެ އެވެ.