Roadha Mihaaru
އެންމެ ބޮޑު ފައިދާއެއް އެމްއޭސީއެލަށް

އެންމެ ބޮޑު ފައިދާއެއް އެމްއޭސީއެލަށް

03 މާޗް 2019

މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ލިބުނު ސަރުކާރުގެ ކުންފުންޏަކަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ލިބުނު ސަރުކާރުގެ ކުންފުންޏަކަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި މިދިއަ އަހަރުގެ ތިން ވަނަ ކްއާޓަރުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި އެ މުއްދަތުގައި އެމްއޭސީއެލް އަށް ލިބުނު 1.1 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން ފައިދާއަކީ 277 މިލިއަން ރުފިޔާ އެވެ.

އެ މުއްދަތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ 2.3 ބިލިއަން ރުފިޔާގެ ވިޔަފާރިއާ އެކު އެސްޓީއޯ އަށެވެ. އަދި ފައިދާއަށް 47 މިލިއަން ރުފިޔާ ލިބުނެވެ. މިއީ 2017 ވަނަ އަހަރުގެ ތިން ވަނަ ކްއާޓަރުގެ ފައިދާއަށް ވުރެ 2 މިލިއަން ރުފިޔާ މަތީ އަދަދެކެވެ.

އެސްޓީއޯގެ މިދިއަ އަހަރުގެ ތިން ވަނަ ކްއާޓަރުގެ އާމްދަނީ ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތުގެ އާމްދަނީއާ އަޅާބަލާއިރު 704 މިލިއަން ރުފިޔާގެ ކުރިއެރުމެއް ވެސް ހޯދައިފަ އެވެ.

އާމްދަނީގެ ގޮތުގައި 658 މިލިއަން ރުފިޔާ ދިރާގަށް ލިބުނު އިރު ފައިދާއަކީ 203 މިލިއަން ރުފިޔާ އެވެ.

މިދިއަ އަހަރުގެ ތިން ވަނަ ކްއާޓަރުގައި ބީއެމްއެލަށް 609 މިލިއަން ރުފިޔާ ލިބުނު އިރު ފައިދާ އުޅެނީ 269 މިލިއަން ރުފިޔާގަ އެވެ.

އައިލެންޑް އޭވިއޭޝަންގެ 591 މިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން ފައިދާ އަކީ 27 މިލިއަން ރުފިޔާ އެވެ.

ސްޓެލްކޯއަށް 31 މިލިއަން ރުފިޔާގެ ފައިދާއެއް ވީ 445 މިލިއަން ރުފިޔާގެ ވިޔަފާރިންނެވެ.

އެ މުއްދަތުގައި އެމްޓީސީސީގެ އާމްދަނީ އަކީ 308 މިލިއަން ރުފިޔާ އެވެ. ފައިދާ އަކީ އެންމެ ތިން ލައްކަ ރުފިޔާ އެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން މިދޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށެވެ. އެކުންފުނިން 183 ޕަސެންޓްގެ ކުރިއެރުމަކާ އެކު އާމްދަނީއަކީ 60 މިލިއަން ރުފިޔާ އެވެ. އެކަމަކު 1.8 މިލިއަން ރުފިޔާ ގެއްލުންވި އެވެ.

އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ވެމްކޯގެ އާމްދަނީ އުޅުނީ 21 މިލިއަން ރުފިޔާގަ އެވެ.

ސަރުކާރު ހިއްސާވާ 18 ކުންފުނީގެ ތެރެއިން ފަސް ކުންފުންޏެއްގެ އާމްދަނީ ވަނީ 2017ގެ ތިން ވަނަ ކުއާޓަރަށް ވުރެ ދަށަށް ގޮސްފަ އެވެ.

އާމްދަނީ ދަށަށް ދިޔަ ކުންފުނިތައް

- އާސަންދަ ކުންފުނި

- ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޑެޓް

- މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)

- މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން

- މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)

މި ކުންފުނިތަކުގެ ތެރެއިން އެންމެ ކުޑަ އާމްދަނީއެއް ލިބުނީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ އާމްދަނީއަކީ އެންމެ 3،577 ރުފިޔާ އެވެ.

މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ހަތް ކުންފުންޏަކަށް ގެއްލުންވި އެވެ.

ގެއްލުންވި ކުންފުނިތައް

- އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (15 މިލިއަން ރުފިޔާ)

- ހަޒާނާ މޯލްޑިވްސް (503،617 ރުފިޔާ)

- ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޑެޓް (10.8 މިލިއަން ރުފިޔާ)

- މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ލިމިޑެޓް (1.4 މިލިއަން ރުފިޔާ)

- މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޑެޓް (1.3 މިލިއަން ރުފިޔާ)

- މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ): (2.8 މިލިއަން ރުފިޔާ)

- ވެމްކޯ (1.8 މިލިއަން ރުފިޔާ)