Roadha Mihaaru

ކުޅުދުއްފުށީ ސަޕޯޓަރުން މާލެ އަންނަން އެންމެ ފަހުގެ ތައްޔާރީތައް ވަނީ

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ރާއްޖޭގެ ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމު ހޯމަ ދުވަހުގެރޭ ކުޅޭ ހާއްސަ މެޗުގައި ސަޕޯޓްކުރަން މާލެ އަންނަން ހދ. ކުޅުދުއްފުށީ ރައްޔިތުން އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

ކުޅުދުއްފުށީ ސަޕޯޓަރުން މާލެ އަންނަން ތައްޔާރުވެފައި
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

27 އޯގަސްޓް 2016

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ރާއްޖޭގެ ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމު ހޯމަ ދުވަހުގެރޭ ކުޅޭ ހާއްސަ މެޗުގައި ސަޕޯޓްކުރަން މާލެ އަންނަން ހދ. ކުޅުދުއްފުށީ ރައްޔިތުން އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

މި މަހުގެ 29 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅޭ މެޗަށް ކުޅުދުއްފުށި ޓީމުގެ ސަޕޯޓަރުން މާލެ އައުމަށް ދައުވަތު ދިނީ އެފްއޭއެމްގެ ރައީސް އަދި 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިޔާ އަހުމަދު ތޯރިގް (ޓޮމް) އެވެ. އެއީ މިނިވަން ފުޓްބޯޅަ މުބާރާތުގައި އެ ރަށުގެ ރައްޔިތުންގެ ފަރާތުން ފެނުނު އާދާޔާހިލާފު ސަޕޯޓުގެ ސަބަބުންނެވެ. ކުޅުދުއްފުށީ ސަޕޯޓަރުންގެ ގްރޫޕުގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ އިބްރާހިމް އާސިފް ބުނީ މާލެ ދިއުމަށް 250 މީހުން ނަން ނޯޓްކޮށްފައިވާ ކަމަށާއި އަދި އެއަށް ވުރެ އިތުރުވާނެ ކަމަށެވެ.

"މާލޭގައި ތިބި މިރަށުގެ މީހުންނާއި ރިޒޯޓްތަކުގައި މަސައްކަތްކުރާ މިރަށުގެ ޒުވާނުން ވެސް އަޅުގަނޑުމެންނާ މާލެއިން ގުޅޭނެ،" އާސިފް ބުންޏެވެ.

އޭނާ ބުނީ ބޮލުގައި އޮޅާ ފޮއްޗާއި ސްކާފާއި ދިދަ ހެދުމުގެ މަސައްކަތް ވަރަށް ފޯރިއާ އެކު ކުރަމުން އަންނަ ކަމަށާއި ކުޅުދުއްފުށީ ސަޕޯޓަރުން ތިބޭނީ އެ ޓީމުގެ ޖާޒީގައި ނުވަތަ ރަތް ހެދުމެއްގައި ކަމަށެވެ.

"ވަރަށް ފޯރިއާ އެކު އަޅުގަނޑުމެން މި އަންނަނީ ތައްޔާރުވަމުން،" އޭނާ ބުންޏެވެ. "ވަރަށް ފުރިހަމަ ސަޕޯޓެއް އަޅުގަނޑުމެންގެ ފަރާތުން ލިބޭނެ."

ކުޅުދުއްފުށީ ސަޕޯޓަރުން މާލެ ފުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ބާދުޝާހު ބޯޓް ޗާޓަރުކޮށްގެން، މާދަމާ ހަވީރެވެ. ބޯޓު މާލެއަށް ލެފުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ހެނދުނެވެ. އަދި އެނބުރި ކުޅުދުއްފުށްޓަށް ދިއުމަށް ފުރާނީ އަންގާރަ ދުވަހެވެ.

މިއީ ގަލޮޅު ދަނޑުގައި ކުޅޭ މެޗެއް ބެލުމަށް އެހެން ރަށަކުން މިގޮތަށް އެންމެ ގިނަ ސަޕޯޓަރުން އަންނަ ފަހަރެވެ.