Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

08 މާޗް 2019

އަންނަ މަހު ރިލީޒް ކުރަން ނިންމާފައިވާ ފިލްމު "ކަލަންކް" ގެ ޕްރޮމޯޝަންތައް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު ރިލީޒް ކުރަން ނިންމާފައިވާ ފިލްމު "ކަލަންކް" ގެ ޕްރޮމޯޝަންތައް ފަށައިފި އެވެ.

ޕްރޮޑިއުސަރު ކަރަން ޖޯހަރު މިހާރު އަންނަނީ މި ފިލްމުގައި ހިމެނޭ ތަރިންނަށް ފިލްމުގައި ކިޔާ ނަންތަކާ އެކު ވަކިވަކި ޕޯސްޓަރުތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. "ކަލަންކް" އަކީ 2014 ގައި ރިލީޒް ކުރި "2 ސްޓޭޓްސް" ގެ ޑައިރެކްޓަރު އަބީޝެކް ވަރުމަން ލިޔެ، ޑައިރެކްޓްކޮށްފައިވާ ޕީރިއަޑް ޑްރާމާއެކެވެ.

ނަވާރަ ސަތޭކަ ސާޅީހުގެ އަހަރުތަކުގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމުގެ ތަރިންގެ ތެރޭގައި މަދޫރީ ޑިކްސިޓް، ސަންޖޭ ދަތު، އާލިއާ ބަޓް، ވަރުން ދަވަން، ސޮނާކްޝީ ސިންހާ، އަދިތިޔާ ރޯއި ކަޕޫރް، ކިއާރާ އަދުވާނީ، ކުނާލް ކޭމޫ އަދި ކްރިތީ ސެނަން ހިމެނެ އެވެ.

އަށްޑިހަ ކްރޯޑްގެ ބަޖެޓަކުން ހަދާފައިވާ މި ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ އެޕްރީލް މަހުގެ 19 ގަ އެވެ. މިއީ ކަރަންގެ ދަރުމާ ޕްރޮޑަކްޝަނުން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ.

އެ ސްޓޫޑިއޯގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މި މަހުގެ 21 ގައި ރިލީޒް ކުރާ "ކޭސަރީ" އެވެ. އަނޫރާގް ސިންގް ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ ތަރިންނަކީ އަކްޝޭ ކުމާރާއި ޕަރިނީތީ ޗޯޕްޅާ އެވެ.

"ޖަންގްލީ" ގެ ޓްރެއިލާ ދައްކާލައިފި

އެތަކާއި ޒުވާނަކާ ދެމެދު އޮންނަ ބަދަހި ގުޅުން ދައްކުވައިދޭ އެޑްވެންޗަ ފިލްމު "ޖަންގްލީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 5 ވަނަ ދުވަހު ސިނަމާތަކަށް އަންނަ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ "ދަ މާސްކް" ފަދަ ފިލްމުތައް ގެނެސް ދިން ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޗަކް ރަސަލް އެވެ. "ޖަންގްލީ" ގެ ލީޑް ރޯލުން ފެނިގެން ދާނީ ވިދުޔަތު ޖަމްވަލް އާއި ޕޫޖާ ސާވަންތު އަދި އާޝާ ބަޓެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަތުލް ކުލްކަރުނީ، އަކްޝޭ އޮބެރޯއީ އަދި މަކްރަންދު ދޭޝްޕާންޑޭ ހިމެނެ އެވެ.

"ދަ ސްކައި އިޒް ޕިންކް" ގެ ޓީމް އަންޑަމަން އައިލެންޑްގައި

ޕްރިޔަންކާ ޗޯޕްޅާ ތިން އަހަރެއްހާ ދުވަސް ފަހުން ކުޅޭ ފުރަތަމަ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ މަންޒަރުތަކެއް އަންޑަމަން އައިލެންޑްގައި ނަގަން ފަށައިފި އެވެ.

މީގެ މަންޒަރުތަކެއް ކުރިން ވަނީ ލަންޑަނާއި މުމްބާއީ އަދި ނިއު ދިއްލީގައި ޝޫޓްކޮށްފަ އެވެ. ސޮނާލީ ބޯސް ޑައިރެކްޓް ކުރާ "ދަ ސްކައި އިޒް ޕިންކް" ގެ ތަރިންނަކީ ޕްރިޔަންކާ އާއި ފަރުހާން އަހްތަރާއި ޒާއިރާ ވަސީމެވެ.

މި ފިލްމަކީ އިންޑިއާގެ ކުރީގެ މޯޓިޥޭޝަނަލް ސްޕީކަރު އަދި ލިޔުންތެރިޔާ އައިޝާ ޗައުދަރީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އައިޝާގެ ރޯލުން ފިލްމުން ފެނިގެން ދާނީ ޒާއިރާ އެވެ. ފަރްހާނާއި ޕްރިޔަންކާއަކީ އޭނާގެ މައިންބަފައިންނެވެ.

"ދަ ސްކައި އިޒް ޕިންކް" ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 11 ގަ އެވެ.

"ނޯޓްބުކް" ގެ "ލައިލާ" ދައްކާލައިފި

މި މަހުގެ 29 ގައި ރިލީޒް ކުރާ ލޯބީގެ ފިލްމު "ނޯޓްބުކް" ގެ ދެވަނަ ލަވަ "ލައިލާ" ދައްކާލައިފި އެވެ.

މި ލަވަ ކިޔާފައި ވަނީ ދުވާނީ ބަނުޝާލީ އެވެ. މަޑުމައިތިރި މިއުޒިކެއް އަޑު އިވިގެންދާ ލަވައިގެ ރާގު ހަދާފައި ވަނީ ވިޝާލް މިޝްރާ އެވެ. އަދި ޅެން ހެދީ ވިޝާލް އާއި އަބެންދުރަ އުބަދޭ އެވެ.

"ނޯޓްބުކް" އަކީ ސަލްމާން ހާން ޕްރޮޑިިއުސްކޮށް، ނިތިން ކައްކަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ކަޝްމީރުގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުން ޕްރަނޫޓާން ބޭލް އާއި ޒަހީރު އިގްބާލް ބޮލީވުޑަށް ތައާރަފުވެގެން ދާނެ އެވެ.

"ނޯޓްބުކް" ލަވަތަކުގެ ތެރެއިން ކުރިން ވަނީ "ނެއި ލަގްދާ" ވެސް ބެލުންތެރިންނަށް ދައްކާލައިފަ އެވެ.