Roadha Mihaaru
މި މުވައްޒަފު ވަޒީފާއަށް ދަނީ ދަރިފުޅު ގޮވައިގެން!

ހިރާ ސްކޫލުގެ މި މުވައްޒަފު ވަޒީފާއަށް ދަނީ ދަރިފުޅު ގޮވައިގެން!

09 މާޗް 2019

މާބަނޑުވީއްސުރެ ޒީނާ ހަސަން ހަބީބުގެ ކަންބޮޑުވުމަކީ ދަރިފުޅު ދޫކޮށްލާފައި ވަޒީފާއަށް ނުކުންނަން ޖެހުމެވެ. އެކަމަކު އޭރު ވެސް، އޭނާ ވަޒީފާ އަދާކުރަމުން އަންނަ ސ. ހިތަދޫ ހިރާ ސްކޫލުގެ މެނޭޖްމެންޓުން ވަނީ ފަސޭހަ ގޮތެއް ހަދައިދޭނެ ކަމަށް ވައުދުވެފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާބަނޑުވީއްސުރެ ޒީނާ ހަސަން ހަބީބުގެ ކަންބޮޑުވުމަކީ ދަރިފުޅު ދޫކޮށްލާފައި ވަޒީފާއަށް ނުކުންނަން ޖެހުމެވެ. އެކަމަކު އޭރު ވެސް، އޭނާ ވަޒީފާ އަދާކުރަމުން އަންނަ ސ. ހިތަދޫ ހިރާ ސްކޫލުގެ މެނޭޖްމެންޓުން ވަނީ ފަސޭހަ ގޮތެއް ހަދައިދޭނެ ކަމަށް ވައުދުވެފަ އެވެ.

އެ ސްކޫލުގެ ސީނިއަ އެޑްމިނިސްޓްރޭޓިވް އޮފިސަރަކަށް ހުރި ޒީނާ މިހާރު ސްކޫލަށް ދަނީ ދަރިފުޅު ގޮވައިގެންނެވެ. އޭނާގެ މެޓާނިޓީ ލީވަށް ފަހު، މިދިޔަ މަހު ހަތަރު މަހުގެ ދަރިފުޅު ގޮވައިގެން ވަޒީފާއަށް ނުކުންނަން ފެށި އިރު މިއީ ރާއްޖޭގެ ވަޒީފާގެ މާހައުލުން ފެންނަ މަންޒަރެއް ނޫނެވެ.

އެހެން މުވައްޒަފުންނާ އެކު ވަކި ކޮޓަރިއެއްގައި ޒީނާ މަސައްކަތް ކުރާއިރު، ދަރިފުޅު އޮންނަ އެނދު ބަހައްޓާފައި ހުންނަނީ އޭނާ އަތުޖެހޭ ހިސާބުގަ އެވެ. ދަރިފުޅުގެ ނެޕީ އާއި އެހެން ސާމާނު، އެ ކޮޓަރީގައި ހުންނަ ވަކި ކަބަޑެއްގައި ބަހައްޓާފައި ހުރެ އެވެ.

"ކުރިން ހިތަށްއަރާ ބޭބީ ބާއްވާފައި އައިމަ ވަރަށް ރޯނޭ. އޭރުން ވަރަށް ބޮޑު ޑިސްޓްރެކްޝަނަކަށް ވެފައި އޮންނާނީ،" ޒީނާ ބުންޏެވެ.

"އެކަމަކު މިހާރު ވަރަށް ހަމަޖެހިލައިގެން އިނދެ މަސައްކަތް ކުރެވޭ."

ޒީނާގެ ދަރިފުޅަށް ބޭނުންވާ ބައެއް ސާމާނު ސްކޫލުގައި ބަހައްޓާފައި: ހިރާ ސްކޫލުން ބުނަނީ އެހެން މުވައްޒަފުންނަށް ވެސް އެ ފުރުސަތު ދޭނެ ކަމަށް

ޒީނާގެ ދަރިފުޅަށް ބޭނުންވާ ބައެއް ސާމާނު ސްކޫލުގައި ބަހައްޓާފައި: ހިރާ ސްކޫލުން ބުނަނީ އެހެން މުވައްޒަފުންނަށް ވެސް އެ ފުރުސަތު ދޭނެ ކަމަށް

ތުއްތު ދަރިފުޅު ގޮވައިގެން ޒީނާ ސްކޫލްގެ ވަޒީފާއަށް ދިޔުމުން އެހެން މުވައްޒަފުންގެ ސަމާލުކަން ވެސް ލިބުނެވެ. ބްރޭކް ވަގުތުތަކުގައި މުވައްޒަފުން އައިސް، އެ ކުއްޖާ އުރާލައި ސަކަރާތް ޖަހައި ހެދުމަކީ އެންމެންނަށް ވެސް ލިބޭ އުފަލެއް ކަމަށް ސްކޫލުން ބުންޏެވެ.

ޕްރީ ސްކޫލުން ފެށިގެން ގްރޭޑް އަށަކާ ހަމައަށް ކިޔަވައިދެމުން އަންނަ ހިރާ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް ޝިތާރާ ވިދާޅުވީ ވިހައިގެން އުޅޭ މުވައްޒަފުން، ދަރިފުޅު ދޫކޮށްލާފައި ވަޒީފާއަށް ނުކުންނަން ޖެހުމަކީ އުނދަގޫ ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންވެ، އެ ސްކޫލުން ނިންމާފައިވަނީ ސްކޫލުގެ ހުރިހާ މައިންނަށް ވެސް އެކަމުގައި ލުއިފަސޭހަކޮށްދިނުން ކަމަށެވެ. ތުއްތު ދަރިފުޅު ގޮވައިގެން ވަޒީފާއަށް ނުކުތުމަކީ އެ ސްކޫލުން ވެސް އަލަށް ކުރަން ފެށި ކަމެކެވެ.

"އެ މުވައްޒަފު ވިހައިގެން ވަޒީފާއަށް ނުކުންނަން ވާއިރަށް އަޅުގަނޑުމެން ހުންނާނީ އެ ރޫމުން ވެސް ބޮޑު ޖާގައެއް ހަދައިދީފައި. ބޭބީގެ ކޮއްޓާއި އެހެން ސާމާނު އެތަނުގައި ބެހެއްޓޭނެ. މިއީ އަޅުގަނޑުމެން އެންކަރޭޖް ކުރާ ކަމެއް،" ޖުމްލަ 480 ދަރިވަރުން ކިޔަވާ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ޒީނާގެ ދަރިފުޅު ސްކޫލުގައި ނިދާފައި

ޒީނާގެ ދަރިފުޅު ސްކޫލުގައި ނިދާފައި

"ބޭބީއާ ހެދި އުނދަގޫ ވެގެން އެއްވެސް މީހަކު ޝަކުވާއެއް ނުކުރޭ. އެކަމަކު އެއީ މުވައްޒަފުންނަށް ލިބިފައިވާ ހިތްހަމަޖެހުމަކަށް ވަނީ."

އޭނާ ވިދާޅުވި ގޮތުގައި ސްކޫލުގައި 35 އަންހެން ޓީޗަރުން މަސައްކަތް ކުރާއިރު އޭގެ ތެރޭގައި ވަރަށް ތުއްތު ކުދިން ގެންގުޅޭ މައިން ވެސް ހިމެނެ އެވެ. އެކަމަކު ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާ ހެދި ހުރިހާ ޓީޗަރުންނަށް އަދި އެ ފުރުސަތު ފޯރުކޮށްނުދެވޭ ކަމަށް ވިދާޅުވި އެވެ.

ޝިތާރާ ވިދާޅުވީ ސްކޫލުގެ އާ އިމާރާތް ދޮޅު މަހެއްހާ ތެރޭގައި ނިމުމުން، ތުއްތު ދަރިފުޅު ސްކޫލަށް ގެންނަ ޓީޗަރުންނަށް ވެސް ވަކި ތަނެއް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ޓީޗަރުން ކިޔަވައިދޭ ވަގުތުތަކުގައި، ދަރިފުޅު ބަލަން ވަކި މުވައްޒަފަކު ވެސް ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިރާ ސްކޫލުގެ މުވައްޒަފުންގެ އިތުރުން ބެލެނިވެރިންނަށް ވެސް ތުއްތު ދަރިފުޅު ގޮވައިގެން ސްކޫލަށް ދެވެ އެވެ. ސްކޫލުގެ ބައްދަލުވުންތަކަށް ބެލެނިވެރިން ދާއިރު ސްކޫލުގެ ސްޓާފުން ދަރިން ބަލައިދިނުމަކީ މިހާރު ވެސް ސްކޫލުން އަމަލުކުރަމުން އަންނަ ގޮތެކެވެ.

އޮފީސްތަކުގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް އެ މީހުންގެ ތުއްތު ކުދިން ގޮވައިގެން އޮފީހަށް ދާނެ ގޮތް ހަމަޖައްސައިދޭން އެތައް ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ. އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިދިޔަ ހުކުރު ދުވަހު ކ. މާފުށީގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެކަމަށް ގޮވާލައްވައިފަ އެވެ.