11 މާޗް 2019
އެފްއޭއެމްގެ ކަންތައްތައް ރަނގަޅުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އަލިމަގެއް ނުފެނި ވަނިކޮށް އެ އިދާރާ އިން ސަރުކާރު ބަދުނާމުވާ ގޮތަށް ވާހަކަ ނުދެއްކުމަށް އެކްޓިން ޔޫތު މިނިސްޓަރު އަލީ ވަހީދު މިއަދު ގޮވާލައްވައިފި އެވެ.
އެފްއޭއެމްގެ ކަންތައްތައް ރަނގަޅުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އަލިމަގެއް ނުފެނި ވަނިކޮށް އެ އިދާރާ އިން ސަރުކާރު ބަދުނާމުވާ ގޮތަށް ވާހަކަ ނުދެއްކުމަށް އެކްޓިން ޔޫތު މިނިސްޓަރު އަލީ ވަހީދު މިއަދު ގޮވާލައްވައިފި އެވެ.
ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ މިނިސްޓްރީ އާއި ފުޓްބޯޅައިގެ އެއްވެސް ބަޔަކާ މައްސަލައެއް ނެތް ކަމަށާއި މައްސަލަ ޖެހިފައި އޮތީ ކްލަބްތަކާއި އެފްއޭއެމްގެ ލީޑަޝިޕާ ކަމަށެވެ.
މިދިޔަ ހަފްތާގައި އެފްއޭއެމުން ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބަކާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ދެމުން އައި މާލީ އެހިތެރިކަން މި އަހަރު ލިބޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށާއި އެހެންވެ އެފްއޭއެމުން އެކަން ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ އެފްއޭއެމުން ވާހަކަ ދެއްކީ ކްލަބްތަކާއި ސަރުކާރާ ޖެހޭ ގޮތަށް ކަމަށާއި އޭގެ އެެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
"ދިވެހި ސަރުކާރަކުން ނޯންނާނެ ކުރިން ކްލަބްތަކަށް ލިބެމުންދިޔަ އެއްވެސް އެއްޗެއް އުނިކުރިކަމަކަށް އިއުލާނުކޮށްފައެއް. މިނިސްޓަރު މަހުލޫފު ވެސް އަޅުގަނޑު ވެސް ކްލަބްތަކަށް ދެރަކޮށް އިހާނެތިކޮށް ހިތާނެ ކަމަށް ނުބުނަން. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެހެން ގޮތްގޮތުން ވެސް ކްލަބްތަކަށް ފައިސާ ލިބޭނެ ގޮތްތައް ހޯދަން. އިންޑަސްޓްރީތައް މެދުވެރިކޮށާއި އެހެނިހެން ގޮތްގޮތަށް،" އަލީ ވަހީދު ވިދާޅުވި އެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު މީގެ ކުރިން "މިހާރަ"ށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ކްލަބްތަކަށް ފައިސާ ދިނީ އެއްވެސް އުސޫލެއްގެ ތެރެއިން ނޫން ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ މިދިޔަ ދެ އަހަރު ސަރުކާރު ކުންފުނިތައް މެދުވެރިވެގެން ކްލަބްތަކަށް ގިނަ ފައިސާތަކެއް ހަރަދުކުރެވިއްޖެ ކަމަށާއި އެކަމަކު އޭގެ އެއްވެސް ފައިދާއެއް ނުކުރާ ކަމުގެ ހެއްކަކީ މިހާރު ރާއްޖޭގެ ކްލަބްތައް ބަނގުރޫޓުވެފައި އޮތުން ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ކުންފުނިތައް މެދުވެރިކޮށް ހުރިހާ ކުޅިވަރަކަށާއި ހާއްސަކޮށް ފުޓްބޯޅަ އަށް ހެޔޮ ބަދަލެއް އަންނަ ގޮތަށް މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވި އެވެ.
"ފައިސާ އަށް ވާ ގޮތްތައް އެބަޖެހޭ ރަނގަޅަށް ބަލަން. އެކަން ނުވެ މި އޮތީ އޭގެ މާނަ އަކީ ކޮންމެވެސް ބަޔަކު ފެއިލްވެފައޭ އެ އޮތީ. އެ ހާލަތުގައި ވެސް ކްލަބްތައް ސަސްޕެންޑްކުރާތަން މި ފެންނަނީ،" ކުޅުންތެރިންގެ މުސާރަ މައްސަލައިގައި ރާއްޖޭގެ އެންމެ ބޮޑު ކްލަބް ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފައި އޮތް އޮތުމަށް އިޝާރާތް ކުރައްވައި އަލީ ވަހީދު ވިދާޅުވި އެވެ.
Sarukaaruge yageen kameh nethumun, FAM in club thakah faisaa dhenee
The most trusted news source in the Maldives
Mihaaru
ސަރުކާރަށް ބަރޯސާނުވެ ކްލަބްތަކަށް އެފްއޭއެމުން ފައިސާދޭނެ ކަމަށް ބުނި.
އަލީ ވަހީދު ވިދާޅުވީ ކްލަބްތަކުގެ އިތުބާރު ގެއްލިފައި އޮވެއްޖެ ނަމަ އެފްއޭއެމުން އެ އިތުބާރު ހޯދަން ޖެހޭނީ ކްލަބްތަކާއި މަޝްވަރާކޮށްގެން އަމިއްލަ އަށް ހައްލެއް ހޯދައިގެން ކަމަށެވެ. އަދި ކްލަބްތައް މަގުމަތިކޮށްފައި ކްލަބްތަކަށް ބިރު ދައްކައި ވަކި ކަމަކާ ގުޅުވައިގެން ކްލަބްތަކަށް ލާރި ދޭނަމޭ ވިދާޅުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ހަގީގަތަކީ ސަރުކާރުގެ އިތުރުން އެފްއޭއެމުން ވެސް ކްލަބްތަކަށް ލާރި ދޭން ޖެހޭ ކަމެވެ.
މިހާތަނަށް ފެނިފައި އޮތް ކަންތައްތަކަށް ބަލާއިރު ފެންނަ މަންޒަރަކީ އެފްއޭއެމުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ނުވެ އޮތް މަންޒަރު ކަމަށާއި އެކަން ރަނގަޅު ކުރަން ބާރު އެޅުމަކީ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ވެސް ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އެއީ ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރުވުން ކަމަށް ނުބެނެވޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ފުޓްބޯޅަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗެއް ބާއްވާ ދުވަހެއް އެނގެނީކީއެއް ނޫން. ރައީސުލް ޖުމްހޫރިއްޔާގެ މުބާާރާތް ވީތަނެއް އެނގެނީކީއެއް ނޫން. ތިން ހަތަރު މަސް އެބަދޭ މުބާރާތްތައް ޝެޑިއުލް ނުކުރެވިގެން. ކުއްލިއަކަށް ނޫން އީދު ދުވަހާއި ރޯދަ މަސް އަންނަނީ. އެހެންވީމަ އެބައެއްގެ އަމިއްލަ މަސައްކަތް ރަނގަޅަށް ކުރަންވީ،" ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ކުރެއްވި އަލީ ވަހީދު ވިދާޅުވި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން މާދަމާ އޭއެފްސީ އާއި ފީފާގެ ވަފުދެއް ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަލީ ވަހީދު ވިދާޅުވީ އެ ވަފުދާ ބައްދަލުކުރުމަށް ފަހު އެފްއޭއެމްއާ ގުޅުން ހުރި ގިނަ ކަންތައްތަކުގައި ފީފާ އާއި އޭއެފްސީން ދެކޭ ގޮތެއް އޮޅުން ފިލުވާނެ ކަމަށެވެ.
އެ ގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފީފާ އަށް ހުށަހަޅާނެ ދެ ކަމަކީ އެފްއޭއެމްގެ އިމާރާތުގައި މިދިޔަ ސަރުކާރުގައި ސިޔާސީ ޕާޓީގެ އޮފީހެއް ހުޅުވި މައްސަލަ ކަމަށާއި ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން އެފްއޭއެމްގެ އޮފީސް ސަރަހައްދަށް ފުލުހުން ވަންނަން ޖެހުމުގެ ކަންތައް ކަމަށެވެ.
"އަޅުގަނޑުމެން ކަންބޮޑުވޭ ދިވެހިރާއްޖޭގައި އެންމެ ބޮޑަށް ހިނގައިދިޔަ ސްކޭންޑަލްގެ (އެމްއެމްޕީއާރްސީ ހިޔާނާތުގެ) ކަޅު ދަބަސްތައް އެފްއޭއެމުން ނެރުނީމަ. އެއީ ފީފާ ސްޓެޓިއުޓްސްގައި އޮންނަ އެއްޗެއްތޯ. އަޅުގަނޑުމެންގެ ގައުމުގައި ހިނގި އެންމެ ބޮޑު ހިޔާނާތުގައި އެފްއޭއެމް ތެރެއިން ކަޅު ދަބަސްތައް ނެރުނު. އެކަން ފުލުހުންނާއި ތަހުގީގީ އިދާރާތަކުން އޮޅުން ފިލުވަންވީނޫންތޯ،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގެ ފުޓްބޯޅަ އިދާރާއެއްގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ އޮފީހެއް ނުހަދާނެ ކަމަށާއި އެކަން އެ ގޮތަށް ކުރެވޭނެ އެއްވެސް ގޮތެއް ފީފާގެ ސްޓެޓިއުޓްސް އިން ވެސް ނުފެންނަ ކަމަށެވެ. އަދި ފީފާ ސްޓެޓިއުޓްސްއޭ ކިޔައިގެން އޮޅުވާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށް ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް (މ) އާއި އެކްޓިން ޔޫތު މިނިސްޓަރު އަލީ ވަހީދު (ވ).-- ފޮޓޯ: ނިޝާން އަލީ/މިހާރު
އެފްއޭއެމްގެ އިމާރާތުގައި ސިޔާސީ އޮފީހެއް ހުޅުވުމާ ބެހޭގޮތުން މީގެ ކުރިން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އިމާރާތުގެ އެއްވެސް ތަނެއް "މެޑަމް އޮފީސް" ހިންގަން ދީފައިވާ ނުވާނެ ކަމަށާއި އެކަމަކު އަމިއްލަ ކުންފުންޏަކަށް އެތަން ކުއްޔަށް ދީފައިވާ ކަމަށާއި، އެ ކުންފުނިން އެ ތަން އެހެން ބަޔަކަށް ދިނުމަކީ އެފްއެމްއޭ ގުޅޭ ކަމެއް ނޫން ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ އެފްއޭއެމް އިމާރާތުގައި ހިނގާ ކަންތައްތައް އެފްއޭއެމަށް އެނގެން ޖެހޭނެ ކަމަށާއި ސިޔާސީ ކަންތައްތައް ފަދަ ފުޓްބޯޅައިގެ ކަންތައްތަކާ ހިލާފު ކަމެއް އެފްއޭއެމްގެ އިމާރާތެއްގައި ހިނގާއިރު އެކަން ނުބެލި އޮތުމަކީ އެ އިދާރާ ފެއިލްވުމުން ކަމަށެވެ.
"ފުޓްބޯޅަ އަށް އެކަހަލަ އޯޑަރެއް އައީމަ ނޫނެކޭ ބުނެވޭ ވަރުގެ މީހުން އެފްއޭއެމްގައި ތިބެން ޖެހޭނީ. އާމްދަނީ ހޯދުމުގެ ގޮތުން އެތަނުގެ އެއް ކަން އެމްޑީޕީ އަށް އަނެއް ކަން ޖޭޕީ އަށް އަނެއް ކަން އަދާލަތަށް އަނެއް ކަން އެހެން ޕާޓީ އަކަށް ދީގެން ކިހިނެއްތޯ ފުޓްބޯޅަ ކުރިއަރުވާނީ. އަޅުގަނޑުމެން ސާފުކުރާނަން އެކަން އެފްއޭއެމަށް ކުރެވޭނެތޯ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެކަން ކުރެވޭނެ ކަމަކަށް،" އަލީ ވަހީދު ވިދާޅުވި އެވެ.
ވިކްޓްރީ ސްޕޯޓްސް ކްލަބް އިސްވެ އޮވެ، 15 ކްލަބެއްގެ ސޮޔާ އެކު، އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދުނު އެދުމަށް އެ އެސޯސިއޭޝަނުން ވަނީ ފުރަގަސްދީފަ އެވެ. އެހެންވެ އެ ކްލަބުން އެފްއޭއެމްގެ އަސާސީ ގަވާއިދުން ލިބޭ އިހުތިޔާރެއްގެ ދަށުން އަންނަ ހުކުރު ދުވަހު ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ޔޫތު މިނިސްޓްރީން ވަނީ އެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެއްސަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.
"ކްލަބްތަކާއި ކުޅުންތެރިން އަޅުގަނޑުމެން ހިމާޔަތްކުރާނަން. މަޝްވަރާކޮށްގެން އަޅުގަނޑުމެން ކަންްތައް ކުރަން ބޭނުންވަނީ އަޅުގަނޑުމެންނަށް އެފްއޭއެމުން އެ ފުރުސަތު ވެސް ނުދޭ. ގައުމީ ޓީމު ފުރާ ތަނަށް ދިއުމުގެ ދައުވަތެއް ވެސް ނުލިބޭ. ދެން ކިހިނެއްތޯ ކަމެއް ރަނގަޅުކުރާނީ،" އަލީ ވަހީދު ވިދާޅުވި އެވެ.
އެފްއޭއެމްއާ ގުޅުން ހުރި މައްސަލަތަކެއް ބެލުމަށް ސްޕޯޓްސް މިނިސްޓްރީން ހެދި ކޮމިޓީއެއްގެ މައްސަލައިގައި އޭއެފްސީން އިންޒާރުދީ، އެ ކޮމިޓީގެ ހަރަކާތެއް ނެތިފައި އޮއްވާ، އެކްޓިން މިނިސްޓަރު އަލީ ވަހީދު، ދިވެހި ފުޓްބޯޅަ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީއެއް ވަނީ އުފައްދައިފަ އެވެ.
އަލީ ވަހީދު ވިދާޅުވީ އެ ކޮމިޓީގައި ތިބީ ސިޔާސީ ޕާޓީތަކުގެ މީހުންނެއް ނޫން ކަމަށާއި އެކަން ކުރީ ފީފާގެ ހަމަތަކުގެ މަތިން ފުޓްބޯޅައިގެ މީހުން ހިމަނައިގެން ކަމަށެވެ. އޭނާ ވިދާޅުވީ މަޝްވަރާ ކޮށްގެން މިހާތަނަށް ކަންތައްތައް ހައްލުކުރަން އެފްއޭއެމްގެ ފަރާތުން އެއްބާރުލުމެއް ނުލިބި ޖެހުނީ "ދެ ފަރާތަށް މޫނު އަނބުރައިގެން ތިބެ" ކުރިއަށް ދިއުމަށް ކަމަށާއި އެެހެން އެގޮތަށް ކުރިއަށް ދެވެން ނެތް ކަމަށެވެ.
"އެއްވެސް ކޮމިޓީއެއް ނުހަދަން އެފްއޭއެމަށް ނުފޫޒުފޯރުވާ ކަށެއް. އަޅުގަނޑުމެން ފޮލޯ ކުރާނީ ފީފާ އާއި އޭއެފްސީ އެދޭ ގޮތަކަށް. ފީފާ ސްޓެޓިއުޓްސް އަކީ އެފްއޭއެމްގައި ތިބޭ ފަސް މީހަކަށް އެނގޭ އެއްޗެއް ނޫން. ދުނިޔޭގެ ފުޓްބޯޅައިގެ ކަންތައްތައް މިއީ ހަމަައެކަނި އެފްއޭއެމްގެ އިދާރާގައި ތިބޭ ބަޔަކަށް އެނގޭ އެއްޗެއްސެއް ނޫން،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފްއޭއެމްގެ ކަންތައްތަކަށް މި މަހު ލަސްވެގެން ހައްލެއް އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ބޭނުންވަނީ ފުޓްބޯޅަ އަށް ރަނގަޅު ހައްލެއް އައުން ކަމަށެވެ. އަދި އެފްއޭއެމްގެ މިހާރު އޮތް ލީޑަޝިޕް ބަދަލުކޮށް އެފްއޭއެމަށް ސަރުކާރުން ވަކި ކެނޑިޑޭޓެއް ގެންނަން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ފީފާގެ އުސޫލުތައް ގަބޫލުކުރާ ބަޔަކު އެފްއޭއެމްގައި ތިބެން. ކޮންމެ ދުވަހަކު ސިޔާސީ ވާހަކަ ނުދައްކާ ބައެއް އެތަނުގައި ތިބެން. ކޮން ފައިދާއެއްތޯ އަޅުގަނޑުމެންނަށް ވަނީ އެފްއޭއެމަށް އިހާނެތިކޮށް ހިތައިގެން. ރަނގަޅެއް ނޫންތޯ އެފްއޭއެމް ރަނގަޅަށް ހިނގާފައި ދަނޑުތަކަށް މީހުން ވަނީމަ،" އަލީ ވަހީދު ވިދާޅުވި އެވެ.
އެފްއޭއެމް ވާނުވާގައި: އެޅޭނެ ފިޔަވަޅެއް ހަމަ ނެތީތަ؟
އެފްއޭއެމާ މެދު ފީފާ އިން ގޮތެއް ނިންމާނެ: ތޮލާލް
ފުޓްބޯޅައިގައި މުޅި ރާއްޖެ ތަމްސީލް ކުރަނީ
އެފްއޭއެމް ނުލައި ފީފާއިން ސަރުކާރާ މަޝްވަރާ ކުރަނީ
ވެލެންސިއާގެ ޖޫނިއާ ޓީމަށް އެފްއޭއެމުން ދަނޑު ނުދިން
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ޕޮޑޮލްސްކީއަށް ކިޔައިދީފި
ފުޓުބޯޅައިގެ މަޝްރޫއުތައް "ގުދަންކޮށްފައި"!
ޓީމަށް ނުފުރުނު މައްސަލާގައި ޒިންމާނަގާކަށް ނުޖެހޭނެ
ރަށްރަށަށް ދަނޑު، ފުޓްބޯޅައިގެ ބާރު މާލޭ ޓީމުތަކަށް
އެފްއޭއެމަށް ދަނޑެއް ނޭޅޭނެ، އުންމީދު ކަނޑާލައިފި!