Roadha Mihaaru
ނައިބު ރައީސް ފައިސަލް އެމްޑީޕީގެ ކެމްޕެއިންގައި

ނައިބު ރައީސް ފައިސަލް އެމްޑީޕީގެ ކެމްޕެއިނަށް ލ. އަތޮޅުގައި

15 މާޗް 2019

ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީގެ ކެމްޕެއިނަށް ލ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީގެ ކެމްޕެއިނަށް ލ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ނައިބު ރައީސް ކަމަށް ވަޑައިގެންނެވި ފައިސަލް ވަނީ ލ. ގަމަށް ވަޑައިގެން އެ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމަށް ތާއީދު ހޯއްދެވުމަށް ބޭއްވި ސައިކަލް ބުރެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.

މިއީ ފައިސަލް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނު މިއަދު ގަމަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެމްޑީޕީގެ ސަޕޯޓަރުންނެވެ.

ނައިބު ރައީސް މިއަދު ލ. ގަމަށް ވަޑައިގަތުމުން އެ ރަށުގައި ދިރިއުޅޭ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ދަންނަވަނީ. --ފޮޓޯ:އެމްޑީޕީ

ނައިބު ރައީސް މިއަދު ލ. ގަމަށް ވަޑައިގަތުމުން އެ ރަށުގައި ދިރިއުޅޭ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ދަންނަވަނީ. --ފޮޓޯ:އެމްޑީޕީ

ނައިބު ރައީސް ފައިސަލް، ވިސާމަށް ތާއީދު ކުރައްވައި ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި އިރު، ގަމު ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވަނީ އާދަމް އާސިފެވެ. އާސިފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ފޮނަދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ގާނޫނީ ވަކީލް މޫސާ ސިރާޖުގެ ކެމްޕެއިން ހަރަކާތްތަކުގައި ވެސް ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ. އެކަމަކު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދު އޮތީ އެ ދާއިރާ އަށް ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ލީޑަރު އަދި މިހާރު ވެސް ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށެވެ.

ނައިބު ރައީސް މިއަދު ލ. ގަމަށް ވަޑައިގެން، އެ ދާއިރާގެ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ވިސާމް (ވ) އާ އެކު ފޮޓޯއަކަށް ހުއްޓިގެން.

ނައިބު ރައީސް މިއަދު ލ. ގަމަށް ވަޑައިގެން، އެ ދާއިރާގެ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ވިސާމް (ވ) އާ އެކު ފޮޓޯއަކަށް ހުއްޓިގެން.

ފަހަކަށް އައިސް، ޖޭޕީގެ ލީޑަޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާތީ ގާސިމް ވަނީ ހިތްހަމަޖެހިވަޑައިނުގެންފަ އެވެ. އަދި ޖޭޕީގެ ސިޔާސަތުތަކާ ދެކޮޅު ޖޭޕީގެ ބޭފުޅުންނަށް ގާސިމް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޖޭޕީ ކައުންސިލްގެ ވަޓްސްއެޕް ގްރޫޕްގައި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުންނަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އެބޭފުޅުންނަށް މަގާމު ލިބިވަޑައިގަތީ ޖޭޕީގެ "ބުރަކަށި މަތިން"ނާއި ޕާޓީ އަށް "ސަވާރުވެގެން" ހުންނެވީމަ ކަމަށެވެ. ޖޭޕީ ނިކަމެތި ކަމުގައިވިޔަސް، އެ ލިބުނު މަގާމެއް ވެސް ލިބިވަޑައިގެންފައި ވަނީ ޖޭޕީއާ ހުރެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ވީ އިރު، އިހްލާސްތެރިވުމަކީ ތެދުވެރިވުމަކީ، އަމާނާތްތެރިވުމަކީ އިންސާނިއްޔަ ވަންތަކަމަކީ މި ނިކަމެތި ޖޭޕީ އަށް ހިދުމަތްކޮށް ދިނުން. ޖޭޕީ ނިކަމެތި ވާނެ ކަމެއް ނުކުރެއްވުން،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި ގާސިމާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނީ އިންތިހާބުގައި ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރެއްވުމަށް ގާސިމް ނިންމެވުމުންނެވެ.

ޕީޕީއެމް ކެންޑިޑޭޓުންނަށް ޖޭޕީން ތާއިދުކުރަން ދެކޮޅު ހަދާ ބޭފުޅުންގެ ތެރޭގައި ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ޖޭޕީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި އެންވަޔަރްމަންޓް މިނިސްޓަރު ހުސައިން ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ.