Roadha Mihaaru
ހަމަލާ ހުއްޓުވަނިކޮށް މަރުވި މީހާގެ އަގުވަޒަން ކުރަނީ

ހަމަލާ ހުއްޓުވަން އުޅެނިކޮށް މަރުވި މީހާގެ ހަނދާނަށް އެވޯޑެއް

17 މާޗް 2019

އިސްލާމްއާބާދު (މާޗް 17) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ މިސްކިތަށް ހަމަލާ ދިން މީހާ ހުއްޓުވަން އުޅެނިކޮށް ބަޑި ޖަހާ މަރާލި ޕާކިސްތާން މީހާގެ ހަނދާނުގައި ޚާއްސަ އެވޯޑެއް ދޭނެ ކަމަށް ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (މާޗް 17) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ މިސްކިތަށް ހަމަލާ ދިން މީހާ ހުއްޓުވަން އުޅެނިކޮށް ބަޑި ޖަހާ މަރާލި ޕާކިސްތާން މީހާގެ ހަނދާނުގައި ޚާއްސަ އެވޯޑެއް ދޭނެ ކަމަށް ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ދިން ހަމަލާގައި ޕާކިސްތާނުގެ ނުވަ މީހަކު ވަނީ މަރުވެފަ އެވެ. ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް ވަނީ 50 މީހުން މަރުވެފަ އެވެ.

ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތަށް ހަމަލާ ދިން މީހާ ދިޔައީ އެ މަންޒަރުތައް ލައިވް ކުރަމުންވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ކޮންމެވެސް މީހަކު ވަނީ ބަޑިޖެހި މީހާއާ ކުރިމަތިލާން މަސައްކަތް ކުރަނިކޮށް ހަމަލާދީ މަރާލައިފަ އެވެ. ބެލެވޭ ގޮތުގައި އެއީ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ނައީމް ރާޝިދެވެ. އެ ހަމަލާގައި ވަނީ ނައީމް ރާޝިދުގެ ދަރިފުޅު ތަލްހާ ނައީމް ވެސް މަރުވެފަ އެވެ.

ކްރައިސްޗާޗް ހަމަލާގައި މަރުވި ނައީމް ރާޝިދު އާއި އޭނާގެ ދަރިފުޅު ތަލްހާ ނައީމްގެ ފޮޓޯއެއް އާއިލާ މީހަކު ދައްކާލަނީ. --ފޮޓޯ:އޭއެފްޕީ

ކްރައިސްޗާޗް ހަމަލާގައި މަރުވި ނައީމް ރާޝިދު އާއި އޭނާގެ ދަރިފުޅު ތަލްހާ ނައީމްގެ ފޮޓޯއެއް އާއިލާ މީހަކު ދައްކާލަނީ. --ފޮޓޯ:އޭއެފްޕީ

"މިއާން ނައީމް ރާޝިދަށް ޓަކައި މުޅި ޕާކިސްތާން ފަޚްރުވެރިވޭ. އޭނާ ޝަހީދުވީ ޓެރަރިސްޓަކާ ކުރިމަތިލައިގެން އުޅެނިކޮށް. އޭނާގެ ހިތްވަރު ފާހަގަ ކުރަން ގައުމީ އެވޯޑެއް ދޭނަން،" ބޮޑު ވަޒީރު އިމްރާން ޚާން ޓްވިޓް ކުރައްވާފައިވެ އެވެ.

އާއްމުންގެ ހިތްވަރުގެ އަގު ވަޒަން ކުރަން ޕާކިސްތާނުން ވަރަށް ގިނަ އެވޯޑްތައް ދެ އެވެ. ނައީމް ރާޝިދަށް ދޭ އެވޯޑުގެ ނަން އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.

ޕާކިސްތާނުގެ އަބޮޓްއާބާދުގައި އުޅޭ ރާޝިދުގެ ބޭބެ ޚޫރްޝީދު އާލަމް ބުނީ އެ އެވޯޑަކީ އެ މީހުންގެ އާއިލާ އަށް ވަރަށް ބޮޑު އެއްޗަކަށްވާނެ ކަމަށެވެ.

އޭނާ ބުނީ ނައީމް ރާޝިދު މިދިޔަ އަހަރު ވަނީ ޕާކިސްތާނަށް ޒިޔާރަތްކޮށް އާއިލާއާ އެކު ދެ މަސް ދުވަސް ހޭދަކޮށްފައި ކަމަށެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރޭޝީ ވިދާޅުވީ އެވޯޑް ދޭނީ ޕާކިސްތާން ދުވަހުގެ ގޮތުގައި ފާހަގަ ކުރާ މި މަހު 23 ވަނަ ދުވަހު ކަމަށެވެ.