Roadha Mihaaru
ގާސިމަށް ހަ ގޮނޑި ވެސް ނުނެގޭނެ: ނަޝީދު

ޕީޕީއެމާ ގުޅިގެން ގާސިމަށް ހަ ގޮނޑި ވެސް ނުނެގޭނެ: ނަޝީދު

22 މާޗް 2019

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމާ ގުޅިގެން މަޖިލިހުގެ 87 ގޮނޑީގެ ތެރެއިން ހަ ގޮނޑި ވެސް ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ނުނެގޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމާ ގުޅިގެން މަޖިލިހުގެ 87 ގޮނޑީގެ ތެރެއިން ހަ ގޮނޑި ވެސް ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ނުނެގޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ކުރިމަތިލައްވާފައިވާ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އަލީ ނިޔާޒުގެ ކެމްޕެއިން ޖަލްސާގައި ނަޝީދު މިހެން ވިދާޅުވިއިރު، އިދިކޮޅު ޕީޕީއެމް/ކޮންގްރެސް ޕާޓީން ޖުމްހޫރީ ޕާޓީގެ 27 ކެންޑިޑޭޓަކަށް ތާއީދުކުރަން ވަނީ ނިިންމައިފަ އެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް ވަނީ އެ ދެ ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރަން އެއްބަސްވެފަ އެވެ. އެ ނިންމުން އައީ މި ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކުން ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރަން އެއްބަސްވެފައި ވަނިކޮށް، އެމްޑީޕީން އެއާ ޚިލާފުވެ މަޖިލިހުގެ ހުރިހާ ގޮނޑި އަކަށް ވާދަކުރަން ނިންމުމުން ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

ނަޝީދުގެ ހުށަހެޅުއްވުމަކާ ގުޅިގެން ހުރިހާ ގޮނޑި އަކަށް ވާދަކުރަން އެމްޑީޕީގެ ކޮންގްރެސް އިން ފާސްކުރުމުން ކޯލިޝަނުގައި ކޯޅުން އުފެދިފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

މިރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ޔާމީނާ އެކު ގާސިމް އިންތިޚާބަށް ނުކުމެވަޑައިގެންނެވި ނަމަވެސް މަޖިލިހުން ގޮނޑިއެއް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އާންމު އިންތިޚާބަށް ޔާމީނާ އެކު ގާސިމް ވަޑައިގަންނަވަންވީ ކަމަށެވެ. ނަމަވެސް އިންތިޚާބުން ނުހޮވޭނެ ކަމާ މެދު ޝައްކެތް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަލީ ނިޔާޒުގެ ކެމްޕެއިން ޖަލްސާގައި މިރޭ ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަލީ ނިޔާޒުގެ ކެމްޕެއިން ޖަލްސާގައި މިރޭ ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ނަޝީދު ވިދާޅުވީ އެމްޑީޕީއާ އެކު މަސައްކަތް ކުރަން ތައްޔާރަށް ތިބި ޕާޓީތައް، ހާއްސަކޮށް އަދާލަތު ޕާޓީއާ އެއްކޮށް މަސައްކަތްކޮށް އެއްބަސްވުންތައް ވަމުން އަންނަ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނަވި ވައުދުން އެންމެ އަކުރަކުން ވެސް ހިލާފެއް ނުވާނެ ކަމަށް ވިދާޅުވި އެވެ. ވަޒީރުންގެ މަޖިލީހާއި ސިޔާސީ އިސް މަގާމުތަކުގައި ބޭފުޅުން އެ ތިއްބެވީ ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކޯލިޝަނުން އެއްބަސްވުމަށް ދެވޭކަށް ނެތް ކަމަށާއި އެއީ ރައްޔިތުން، އެ މައްޗަށް ވަކިވަކިން ވޯޓުދޭތީ ކަމަށް ވިދާޅުވި އެވެ. އެކަމަކު، ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީން ގުޅިގެން މަޖިލިހުގެ އިންތިޚާބަށް ވާދަކުރުމަށް ވެފައިވާ އެއްބަސްވުމަށް ބެލުމެއް ނެތި އެމްޑީޕީ އާއި އަދާލަތު ޕާޓީން މިހާރު ދަނީ ގުޅިގެން އިންތިޚާބަށް ވާދަކުރަން ނިންމައިފަ އެވެ.

ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ 'ކޯލިޝަނުން' އެބޭފުޅުން އެބޭފުޅުންނަށް ނަގޫ ގޮށްޖެހޭނީ ކަމަށާއި އެކަމާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.