Roadha Mihaaru
އެންޑޯމެޓްރިއޯސިސް އަށް ހޭލުންތެރިކުރަން ޖަމިއްޔާއެއް

އެންޑޯމެޓްރިއޯސިސް އަށް ހޭލުންތެރިކުރަން ޖަމިއްޔާއެއް އުފައްދައިފި

01 އެޕްރީލް 2019

ރަހިމަށް ޖެހޭ ބައްޔެއް ކަމަށްވާ "އެންޑޯމެޓްރިއޯސިސް" އާ މެދު ހޭލުންތެރިކަން އުފެއްދުމަށް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންޑޯ މޯލްޑިވްސް) ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައި ރޭ އިފްތިތާހުކޮށްފި އެވެ.

ރަހިމަށް ޖެހޭ ބައްޔެއް ކަމަށްވާ "އެންޑޯމެޓްރިއޯސިސް" އާ މެދު ހޭލުންތެރިކަން އުފެއްދުމަށް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންޑޯ މޯލްޑިވްސް) ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައި ރޭ އިފްތިތާހުކޮށްފި އެވެ.

މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ޖަމިއްޔާ އިފްތިތާހުކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހްމަދެވެ.

އެންޑޯމެޓްރިއޯސިސް ޖެހުމުން، ރަހިމުގައި އުފެދޭ ލޭގެ ފަށަލަ ހަށިގަނޑުގެ އެހެން ގުނަވަންތަކުގެ ބޭރުގައި ވެސް އުފެދެ އެވެ. އެހެންވުމުން މައްސަރު ދުވަސްވަރު އެތެރެހަށީގެ އެކި ތަންތަނުން ލޭ އާދެ އެވެ. އަދި މި މައްސަލަ ބޮޑުވެ، ހަށިގަނޑުން ބޭރުވާން ޖެހޭ ލޭތަކެއް ބޭރުނުވެ، ހަށިގަނޑުތެރޭގައި ގިނަ ދުވަހު ހުރުމުން ނުރައްކާވެ އެވެ.

އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަންގެ ފައުންޑާ އަދި ޗެއާޕާސަން ފާތިމަތު މިޒްނާ އަލީ (ކ) ވާހަކަދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަންގެ ފައުންޑާ އަދި ޗެއާޕާސަން ފާތިމަތު މިޒްނާ އަލީ (ކ) ވާހަކަދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޖަމިއްޔާގެ ފައުންޑާ އަދި ޗެއާޕާސަން ފާތިމަތު މިޒްނާ އަލީ މި ރަސްމިއްޔާތުގައި ވިދާޅުވީ އެންޑޯމެޓްރިއޯސިސްއާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން މުހިންމުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ކޮންމެ 10 އަންހެނަކުން އެއް އަންހެނަކަށް މި ބަލި ޖެހޭ ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. ނަމަވެސް އަންހެނުންގެ މައްސަރު ކަންތަކާ ދޭތެރޭ މުޖްތަމައު ދެކޭ ގޮތުގެ ސަބަބުން މި ވާހަކަ ނުދެކެވޭ ކަމަށާއި ބަލި ހުރި ކަން ދެނެގަނެވެނީ މީހާގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދާ ފަހުން ކަމަށް ވިދާޅުވި އެވެ.

"ޕީރިޑްވެގެން އުޅޭ ކުއްޖަކަށް ކެތްނުކުރެވޭ ވަރަށް ތަދުވާ ނަމަ، އެ ކަމުގައި ގޯހެއް އެބައުޅޭ. އަވަހަށް ޑޮކްޓަރަށް ގެންދިއުން މުހިއްމު،" މިޒްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައްޔަށް ފަރުވާ އެއް ނެތް ކަމަށާއި އެކަމަކު ބަލި ހުރިކަން އަވަހަށް ދެނެގަނެވިއްޖެ ނަމަ ކަސްރަތު ކޮށްގެންނާއި ކެއުމަށް ބަދަލު ގެނެސްގެން ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހުމަދު (ކ) އާއި އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަންގެ ފައުންޑާ އަދި ޗެއާޕާސަން ފާތިމަތު މިޒްނާ އަލީ، އެ އެސޯސިއޭޝަން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި ބަލި ހުންނަ އަންހެނުންނަށް ދަރިން ހޯދަން އުނދަގޫވެ އެވެ. މިޒްނާ ވިދާޅުވި ގޮތުގައި އޭނާ ވެސް ކުއްޖަކު ހޯދަން ގިނަ ދުވަސްތަކެއް ވަންދެން މަަސައްކަތްކުރެއްވުމަށް ފަހު ކުއްޖަކު ލިބިވަޑައިގަތީ އައިވީއެފް ހަދައިގެން ކަމަށެވެ.

އަލަށް އުފެއްދި ޖަމިއްޔާ އިން، އެންޑޯމެޓްރިއޯސިސް ހުންނަ މީހުން ދެނެގަތުމާއި އެކަށީގެންވާ ފަރުވާ ހޯދަން އެހީވެދޭނެ އެވެ. އަދި ބަލި ހުންނަ މީހުންނާ ބައްދަލުވާނެ އިންތިޒާމު ހަމަޖައްސައި، ސަޕޯޓް ގްރޫޕް ހަދަން މަސައްކަތްކުރުމަކީ ވެސް ޖަމިއްޔާގެ މަގްސަދެކެވެ.

އެންޑޯ މޯލްޑިވްސް އަކީ ދުނިޔޭގައި މި ބައްޔާ ގުޅޭގޮތުން ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތްކުރާ ވޯލްޑް އެންޑިއޯމެޓްރިއޯސިސް އޯގަނައިޒޭޝަން (ޑަބްލިއުއެންއޯ) ގެ މެމްބަރެކެވެ.

އެންޑޯ މޯލްޑިވްސްގެ ބޯޑުގައި އަންހެނުންނަށް ހާއްސަ ޑޮކްޓަރު ޝަޒްމާ އަބްދުﷲ ހިމެނެ އެވެ. އަދި އެކުލަވާލާފައިވާ އެޑްވައިޒަރީ ބޯޑުގައި، ބޭރުގެ ގައުމުތަކުގައި މި ބައްޔާ ގުޅޭ ޖަމިއްޔާތަކުގެ އިސްވެރިން ވެސް ހިމެނެ އެވެ.