Roadha Mihaaru
މަންޓާ އެއާގެ ދަތުރުތައް ދަރަވަންދު އަށް

މަންޓާ އެއާގެ ދަތުރުތައް ދަރަވަންދު އަށް

10 އެޕްރީލް 2019

ރާއްޖޭގައި އެންމެ ފަހުން އޮޕަރޭޓް ކުރަން ފެށި ޑޮމެސްޓިކް އެއާލައިން މަންޓާ އެއާގެ ދަތުރުތައް ބ. ދަރަވަންދު އަށް މާދަމާ ފަށާނެ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި އެންމެ ފަހުން އޮޕަރޭޓް ކުރަން ފެށި ޑޮމެސްޓިކް އެއާލައިން މަންޓާ އެއާގެ ދަތުރުތައް ބ. ދަރަވަންދު އަށް މާދަމާ ފަށާނެ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަރަވަންދޫ އެއާޕޯޓަށް ކުރާ މި ދަތުރުތަކުގައި ކޮންމެ ދުވަހަކު ދެ ދަތުރުކުރާނެ އެވެ. އަދި ކުރިއަށް އޮތްތަނުގައި ކޮންމެ ދުވަހަކު ތިން ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށް އެއާލައިނުން ބުންޏެވެ.

މި އެއާލައިނުން ބޭނުން ކުރަނީ ATR-72-600 މަރުކާގެ 64 ގޮނޑީގެ ޖާގައިގެ ތިން މަތިންދާބޯޓެވެ.

ދަރަވަންދު އަށް ދަތުރުތައް ފަށާއިރު ހާއްސަ އަގުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން، 499ރ. އަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ކުޑަކުއްޖެއް ނަމަ 249ރ. އަށް ދަތުރު ކުރެވޭނެ އެވެ. މީގެ އިތުރުން އެޑްވާންސްކޮށް ޓިކެޓު ބުކް ކުރާ ނަމަ 549ރ. އަށް ޓިކެޓް ލިބޭނެ އެވެ. އެޑްވާންސްކޮށް ޓިކެޓު ބުކް ކުރާ ނަމަ 549ރ. އަށް ދަތުރުކުރެވޭނީ މި މަހުގެ 18 ން އަންނަ މަހުގެ ނިޔަލަށެވެ.

ދަރަވަންދު އަށް ދަތުރުކުރަން ބޭނުންވާ ޓިކެޓް މަންޓާ އެއާގެ ވެބްސައިޓް www.mantaair.mv އިން ބުކް ކުރެވޭނެ އެވެ.

މަންޓާ އެއާގެ ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫން ވިދާޅުވީ، ދަރަވަންދު އަށް ދަތުރުތައް ފެށުމުން އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ. ދަރަވަންދޫ އަކީ ރާއްޖޭގައި އެންމެ ގިނަ ދަތުރުތައް ކުރާ އެއް އެއާޕޯޓު ކަމަށްވާ އިރު ދަރަވަންދު އަށް ދާން މިހާރަށް ވުރެ ރަނގަޅު ދަތުރުގެ ތަޖުރިބާއެއް މަންޓާ އެއާއިން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަންޓާ އެއާގެ ދަތުރުތައް ފެށީ، މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅު އެވެ. އެންމެ ފުރަތަމަ ދަތުރުކުރަން ފެށީ ދ.ކުޑަހުވަދު އަށެވެ.