ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ބައެއް ދާއިރާތަކުގެ ވޯޓު އަލުން ގުނާއިރު ނަތީޖާގައި ފަރަގު ބޮޑުވެ، ބާތިލް ވޯޓު ކަނޑައެޅި ގޮތާ މެދު ސުވާލު އުފެދިއްޖެ އެވެ.
11 އެޕްރީލް 2019
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ބައެއް ދާއިރާތަކުގެ ވޯޓު އަލުން ގުނާއިރު ނަތީޖާގައި ފަރަގު ބޮޑުވެ، ބާތިލް ވޯޓު ކަނޑައެޅި ގޮތާ މެދު ސުވާލު އުފެދިއްޖެ އެވެ.
މި ތަފާތު އެންމެ ބޮޑަށް ފާހަގަވީ މާމިގިލީ ދާއިރާ އިން ހޮވިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދަށް އައި ބަދަލުންނެވެ. ދެ ފަހަރަށް ގުނުމުން އެމަނިކުފާނަށް ވަނީ 51 ވޯޓު އިތުރުވެފަ އެވެ.
ގާސިމްގެ ކެމްޕޭން އެޖެންޓުގެ ފަރާތުން ހުށަހެޅި ޝަކުވާއާ ގުޅިގެން ފުރަތަމަ ގުނީ އެ ދާއިރާގެ ތިން ފޮއްޓެއްގެ ބާތިލް ވޯޓުތަކެވެ. އެ ފޮށިތައް ގުނިއިރު، އެނގުނީ ސައްހަ 33 ވޯޓު ބާތިލްކޮށްފައިވާ ކަމެވެ. ގާސިމާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓުގެ ސައްހަ 45 ވޯޓު އޮތީ ބާތިލް ވޯޓުގެ ގޮތުގައި ގުނައިފަ އެވެ.
އެންމެ ވޯޓަކުން ވެސް އިންތިހާބެއްގެ ނަތީޖާ ބަދަލުވުމުގެ ފުރުސަތު އޮންނަ އިރު، އެއީ ކުޑަ އަދަދެއް ނޫނެވެ. އެހެންކަމުން ވޯޓު ބާތިލް ކަމަށް އޮފިޝަލުން ކަނޑައެޅި ގޮތާ މެދު ސުވާލުތަކެއް އުފެދެ އެވެ.
ގާސިމްގެ ފަރާތްޕުޅުން ދެ ވަނަ ފަހަރަށް ޝަކުވާ ހުށަހަޅައިގެން މާމިގިލީ ދާއިރާގެ ވޯޓު ފޮއްޓެއް ރޭ ވަނީ ގުނައިފަ އެވެ. އެ ފޮށިން ވެސް ގާސިމަށް ވަނީ 18 ވޯޓު އިތުރުވެފަ އެވެ. އެއީ، ސައްހަ ވޯޓުތަކެއް ބާތިލް ވޯޓުގެ ގޮތުގައި ގުނާފައިވާތީ އެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ފުރަތަމަ އިއުލާން ކުރިއިރު، ގާސިމް އާއި އަމީޒާ ދެމެދު ފަރަގަކީ 99 ވޯޓެވެ. އެކަމަކު ގާސިމަށް އިތުރުވި ވޯޓުތަކާ އެކު އެ ދެ ބޭފުޅުންގެ މެދުގައި މިހާރު 150 ވޯޓުގެ ތަފާތު ބޮޑެވެ.
މާމިގިލީ ދާއިރާގެ އިތުރުން މަޑުއްވަރީި ދާއިރާ އާއި މާވަށު ދާއިރާގެ ވޯޓުތައް ގުނިއިރު ވެސް ނަތީޖާ އަށް ވަނީ ބަދަލު އައިސްފަ އެވެ.
މަޑުއްވަރީ ދާއިރާގެ ބާތިލް ވޯޓުތައް ގުނިއިރު، އެ ދާއިރާ އިން ހޮވިވަޑައިގެންނެވި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ވަނީ ނުވަ ވޯޓު އިތުރުވެފަ އެވެ.
މާވަށު ދާއިރާ އިން ފުރަތަމަ ތިން ފޮއްޓެއް ގުނިއިރު، އެ ދާއިރާ އިން ހޮވިވަޑައިގެންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް އެއް ވޯޓު މަދުވި އެވެ. އެކަމަކު ފަހުން، އެ ދާއިރާގެ 69 ފޮއްޓެއް ގުނިއިރު ސައީދަށް ވޯޓެއް އިތުރުވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އީސީން ބުނިގޮތުގައި މި އިންތިޚާބުގައި މައްސަލަ ދިމާވީ ބާތިލް ވޯޓުތަކުގަ އެވެ. އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން ބާތިލް ވޯޓު ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ވޯޓު ފޮށީގެ ވެރިޔާ އަށެވެ.
ސައްހަ ވޯޓެއް، ބާތިލް ވޯޓެއްގެ ގޮތުގައި ގުނުމަކީ ގާނޫނީ ކުށެކެވެ. ސައްހަ ވޯޓާއި ބާތިލް ވޯޓު ކަނޑައަޅައި، ސޮއިކުރި އޮފިޝަލުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް އީސީން ބުނެ އެވެ.
ދެ އިންތިހާބު އެއްކޮށްލުން، ރަނގަޅީ ކޮން ގޮތެއް؟
ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދައުވާ ކުރަން ފޮނުވަނީ
މާލީބަޔާން ހުށަނާޅާ 39 މީހުންނާ މެދު ގޮތެއް ނިންމަނީ
މާލީ ބަޔާން ހުށަނާޅާއިފި ނަމަ ޖަލު ހުކުމެއްގެ ބިރު!
ވޯޓުތައް ބާތިލްކުރި މައްސަލައިގައި އަދި ފިޔަވަޅެއް ނާޅާ
މަޖިލިސް އިންތިޚާބު އޮތީ "އޮޅާލާފައި": އަބްދުއްރަހީމް
މަޖިލިސް އިންތިޚާބު ވަރަށް ބޭއިންސާފު: ފަލާހް
ތުޅާދޫ ދާއިރާއާ ގުޅޭ އޯޑިއޯގެ މައްސަލަ ޕޮލިހަށް
ވޯޓު ބާތިލްކުރާނެ ހުއްޖަތެއް ނުދެއްކޭނެ: ޝަރީފް
އޮޅުންބޮޅުން: ރައްޔިތުންގެ ނިންމުން