Roadha Mihaaru
ބީއެމްއެލްގެ ފައިދާ 1.6 ބިލިއަނަށް، މިއީ ރެކޯޑެއް

ބީއެމްއެލްގެ ފައިދާ 1.6 ބިލިއަނަށް، މިއީ ރެކޯޑެއް

11 އެޕްރީލް 2019

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 1.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިދިޔަ އަހަރަކީ މާލީ ގޮތުން އެންމެ ކާމިޔާބު އަހަރު ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 1.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިދިޔަ އަހަރަކީ މާލީ ގޮތުން އެންމެ ކާމިޔާބު އަހަރު ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް މިއަދު އާންމުކޮށްފައި ވާއިރު އޭގައިވާ ގޮތުން 1.6 ބިލިއަން ރުފިޔާގެ ފައިދާ އަކީ ޓެކްސް އަށް ކެނޑުމުގެ ކުރީގެ އަދަދެވެ. މިއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 13 ޕަސެންޓުގެ ކުރިއެރުމެކެވެ.

ވޭތުވެދިޔަ ތިން އަހަރު ވެސް ބީއެމްއެލް އަށް ވަނީ ޓެކްސް އަށް ކެނޑުމަށް ފަހު ލިބުނު ފައިދާ ވަނީ އެއް ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފަ އެވެ.

ބީއެމްއެލް އަށް ލިބުނު ފައިދާއަށް ބަލައި، އެ ކުންފުނީގެ ބޯޑުން ވަނީ ފައިދާގެ ތެރެއިން 129 މިލިއަން ރުފިޔާ ބަހަން އާންމު ޖަލްސާއަށް ހުށަހަޅައިފަ އެވެ. އެއީ ކޮންމެ ހިއްސާއަކަށް 24 ރުފިޔާގެ މަގުންނެވެ.

ފައިދާ އިތުރުވި މައިގަނޑު ސަބަބަކީ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް ލިބުމާއި ލޯނު ދޫކުރި ނިސްބަތް މިދިޔަ އަހަރު އިތުރުވުމެވެ. އެ ރިޕޯޓްގައިވާ ގޮތުން އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް މިދިޔަ އަހަރު ވަނީ 4.1 ޕަސެންޓުން 3.5 ޕަސެންޓަށް ދަށްކޮށްފަ އެވެ. އަދި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ޜޭޝިއޯ ވަނީ ގާނޫނު ލާޒިމްކުރާ މިންވަރަށް ވުރެ މަތީ މިންގަނޑެއްގައި ހިިފެހެއްޓިފަ އެވެ.

ބީއެމްއެލް އަށް މާލީގޮތުން އެންމެ ކާމިޔާބު އަހަރަށް މިދިޔަ އަހަރު ވެފައިވާއިރު، އެ ކުންފުނިން މިދިޔަ އަހަރު ވަނީ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. "އަހަރެންގެ ބޭންކް" ނަމުގައި ހިންގި އެ ޕްރޮގްރާމްގެ ދަށުން ތައުލީމާއި ކުޅިވަރާއި ތިމާވެށީގެ ހަރަކާތްތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ހަރަކާތްތައް ހިމެނޭ ގޮތަށް، 110 ހަރަކާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

މީގެ އިތުރުން އެ ކުންފުނީގެ އާ ހަތަރު ބްރާންޗަކާއި ފަސް ސެލްފް ސާވިސް ބޭންކް ސެންޓަރެއް ވެސް އަތޮޅު ތެރޭގައި ގާއިމްކޮށް، ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ ޚިދުމަތް ވެސް ތައާރަފްކޮށްފަ އެވެ. އަދި ކޭޝް އޭޖެންޓުންގެ އަދަދު ވެސް 277 އަށް ވަނީ އިތުރުކޮށްފަ އެވެ.

މި ކާމިޔާބީއާ ގުޅިގެން، ބީއެމްއެލް ހިންގުމާ ހަވާލުވެ ހުންނެވި އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ އެ ނަތީޖާތަކުން ދައްކުވައިދެނީ މާލީގޮތުން ހަރުދަނާ ކުރިއެރުންތަކެއް ބީއެމްއެލް އިން ހޯދުމުގެ އިތުރުން ބޭންކުން މުޖްތަމައަށް ކުރަމުންދާ އިންވެސްޓްމަންޓްތައް ކަމަށެވެ. އަދި ބޭންކުގެ އަމާޒަކީ އެ ކާމިޔާބީތައް އެގޮތުގައި ދަމަހައްޓައި، ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަ ކުރުމަށްޓަކައި ޚިދުމަތްތައް ރަނގަޅު ކުރުމާއި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރު ވަރަށް ބުރަ މަސައްކަތްކޮށް އަދި އެހާމެ ހީވާގިކަމާ އެކު މަސައްކަތަށް އަހަމިއްޔަތުުކަން ދީގެން މަސައްކަތްކުރި ބޭންކުގެ މުވައްޒަފުންނަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ހޯދި ނަތީޖާއަކީ ލޯނުތަކުގެ ފެންވަރު ރަނގަޅު ކުރުމާއި ލޯނުތަކުގެ މިންވަރު އިތުރުވުމުން ކަމަށް އައިޝަތު ވިދާޅުވި އެވެ. އަދި ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން ޓެކްނޮލޮޖީއަށް ވެސް ބޭންކުން އިންވެސްޓް ކުރަމުން ގެންދާ ކަމަށާއި އެކަމުގެ ސަބަބުން ބޭންކުގެ މަސައްކަތްތަކަށް ވެސް ހަލުވިކަން އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ޓެކްނޮލޮޖީތަކަށް ބީއެމްއެލްއިން އިންވެސްޓް ކުރަމުންދާނެ ކަމަށް އައިޝަތު ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކާ ގުޅޭގޮތުން އައިޝަތު ވިދާޅުވީ މިދިޔަ އަހަރު ބީއެމްއެލް އިސްލާމިކް އިން ވެސް ވަނީ އަވަސް ކުރިއެރުންތަކެއް ހޯދާފައި ކަމަށާއި އެގޮތުން ޖަމާކުރި ފައިސާ އަދަދު އިތުރުވެ، އާ ފައިނޭންސިން ޕްރޮޑަކްޓްތައް ވެސް ތައާރަފް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޝަރީއާ ހުއްދަ ކުރާ ޕްރޮޑަކްޓްތައް ތައާރަފް ކުރުމުގެ މަސައްކަތް ބޭންކުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.