Roadha Mihaaru
އާލިފަށް އަމާޒުވި ތުހުމަތުތަކަށް ރައްދު ދީފި

އާލިފަށް އަމާޒުވި ތުހުމަތުތަކަށް ރައްދު ދީފި

13 އެޕްރީލް 2019

ބުލީކުރުމާ ދެކޮޅަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ހަމަޖެއްސި އެންޓި ބުލީން އެމްބެސެޑަރު އާލިފް ނަސީރު (އާލް) އަށް އަމާޒުވި ތުހުމަތުތަކަށް އޭނާ މިރޭ ރައްދު ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބުލީކުރުމާ ދެކޮޅަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ހަމަޖެއްސި އެންޓި ބުލީން އެމްބެސެޑަރު އާލިފް ނަސީރު (އާލް) އަށް އަމާޒުވި ތުހުމަތުތަކަށް އޭނާ މިރޭ ރައްދު ދީފި އެވެ.

ސްކޫލު މާހައުލުގައި ބުލީކުރުމާ ދެކޮޅަށް އަމަލުކުރާނެ އުސޫލެއް ހަދައި އެ ކަންތަކާ ދެކޮޅަށް މަަސައްކަތްކުރާނެ އެމްބެސަޑަރަކަށް އާލިފް ހަމަޖައްސައި އެކަމުގެ ލިޔުން ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އޭގެ ފަހުން އާލިފް ވަނީ އެންޓި ބުލީން އެމްބެސެޑަރު ކަމުން އިސްތިއުފާ ދީފަ އެވެ.

އެންޓި ބުލީން އެމްބެސެޑަރު ކަމަށް އާލިފް އައްޔަން ކުރި ފަހުން، އޭނާއާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދައްކައި އެތައް ތުހުމަތުތަކެއް ކުރި އެވެ. އޭގެ ތެރޭގައި އަންހެން ކުދިން ބްލެކްމެއިލް ކުރުމާއި ފުރައްސާރަކުރުމާއި އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ފަދަ ތުހުމަތުތައް އާލިފްގެ މައްޗަށް ކުރި އެވެ.

އެ ކަމާ ގުޅިގެން އާލިފް ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަކީ އެއްވެސް އިރެއްގައި އެފަދަ އެއްވެސް ކަމެއް ކޮށްފައި، ނުވަތަ އެފަދަ ކަމެއްގައި ބައިވެރިވެފައިވާ މީހެއް ނޫން ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކޮށް، އެއްވެސް މައްސަލައެއް ފުލުހުން ބަލަމުން ނުދާ ކަމަށް ވެސް އާލިފް ބުންޏެވެ.

"އަޅުގަނޑުގެ ތައުލީމީ ހަޔާތުގައި ވެސް އަދި އޭގެ ފަހުން ވެސް، މިހާތަނަށް ދުވަހަކު ވެސް، ސުލޫކީ އެއްވެސް މައްސަލައެއްގައި އަޅުގަނޑާ މެދު ފިޔަވަޅެއް އަޅާފައެއް ނޯންނާނެ. ވީމާ، އަޅުގަނޑުގެ މައްޗަށް ތުހުމަތުތަކެއް ކުރިމަތިކޮށްގެން ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް،" ބަޔާނުގައި އޭނާ ބުންޏެވެ.

"އަޅުގަނޑަށް އެޑިއުކޭޝަން މިނިސްޓްރީން އެންޓި ބުލީން އެމްބެސެޑަރު ކަމަށް ހަމަޖެއްސި އިރު ހެދި ބެކް ގްރައުންޑް ޗެކުގައި ވެސް، އެފަދަ ކަމެއް ފެނިފައި ނެތް."

އާލިފް ބުނިގޮތުގައި، އޭނާއާ މެދު އެއްވެސް ޝަކުވާއެއް އޮތް މީހަކު ނަމަ، އެމީހާ އާއި އޭނާއާ ދެމީހުންގެ މަސްލަހަތުތައް ވެސް އެންމެ ރަނގަޅު ގޮތުގައި ރައްކާތެރިވެވޭނެ ގޮތަކަށް، އެ މައްސަލައެއް ދައުލަތުގެ ކަމާބެހޭ މުއައްސަސާއަކަށް ހުށަހެޅައިގެން ކުރިއަށް ގެންދިއުމަށް އެދެ އެވެ.

އެންޓި ބުލީން އެމްބެސަޑަރުކަމުން އިސްތިއުފާ ދިނީ، އާލިފާ މެދު ސޯޝަލް މީޑިއާގައި ކުރިމަތިކުރި ތުހުމަތުތަކުން ބަރީއަވުމުގެ ފުރުސަތު ފަހިކުރުމަށް ކަމަށް އޭނާ ބުންޏެވެ. އެންޓި ބުލީން ކެމްޕެއިނެއްގެ މުހިންމުކަން އޭނާއަށް އަބަދުވެސް އިހްސާސްވާ ކަމަށާއި އަދި މިހާރު މާބޮޑަށް އެކަން އިހްސާސް ކުރެވޭ ކަމަށް ބުންޏެވެ.

ބުލީ އާއި އަސްލެއް ނެތް ތުހުމަތު މީހުންގެ މައްޗަށް ކުރިމަތިކުރުމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރަން، އެޑިއުކޭޝަން މިނިސްޓްރީން ފަހިކޮށްދިން ފުރުސަތު މިވަގުތު ނެތް ނަމަވެސް، ބުލީއާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާނެ ކަމަށް އާލިފްގެ ބަޔާނުގައިވެ އެވެ.