Roadha Mihaaru
ޓައިގަރުން ފިލަން ވަނީ ކުރީގެ ސަރުކާރަށް ރިޝްވަތުދީފައި

ޓައިގަރުން ފިލަން ވަނީ ކުރީގެ ސަރުކާރަށް ރިޝްވަތު ދީފައި: ޚާރިޖީ ވަޒީރު

31 އޯގަސްޓް 2016

ކޮލަމްބޯ (އޮގަސްޓް 31) - ލަންކާ ހަނގުރާމައިގެ ފަހު ހަފުތާގެ ތެރޭގައި ލިބަރޭޝަން ޓައިގާސް އޮފް ޓަމިލް އީލާމް (އެލްޓީޓީއީ) ގެ ބައެއް ލީޑަރުން ފިލަން ފުރުސަތު ހޯދުމުގެ ގޮތުން ކުރީގެ ސަރުކާރުގެ ދިފާއީ ވުޒާރާގެ އޮފިޝަލުންނަށް ރިޝްވަތު ދީފައިވާ ކަމަށް ޚާރިޖީ ވަޒީރު މަންގަލާ ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސަމަރަވީރާ ވިދާޅުވީ ރިޝްވަތު ދިނުމަށް ފަހު ފިލި ޓައިގަރުންގެ 200 މީހުންނަކީ މިހާރު ގެއްލިފައިވާ މީހުން ކަމަށް ލިސްޓްކޮށްފައިވާ މީހުން ކަމަށެވެ. ޓައިގަރުންގެ ތެރޭން ފިލި މީހުންގެ ތެރޭގައި މަޝްހޫރު ބައެއް މީހުން ހިމެނޭކަން ވެސް ސަމަރަވީރާ ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި އަލަށް އުފެއްދި އޮފީސް އޮފް ދަ މިސިން ޕާސަންސް އިން އެ މީހުންގެ ނަންތައް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވިދާޅުވި އެވެ.

"ޓައިގަރުންގެ ތެރޭން ގެއްލިފައިވާ މީހުންގެ ފަހަތުގައި ވަނީ ލަންކާ ސިފައިން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުން. އެކަން ތަހުގީގު ކުރާނަން،" ސަމަރަވީރާ ވިދާޅުވި އެވެ.

ހަނގުރާމައިގެ ސަބަބުން ދުރުވެފައިވާ ތަމަޅައިންނާއި ސިންހަޅައިން ސުލްހަކޮށް ގުޅުން ބަދަހި ކުރުމުގެ ޕްރޮގްރާމް ކުރިއަށްދާ ކަމަށާއި އެ ޕްރޮގްރާމަށް މީޑިއާގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ސަމަރަވީރާ ވަނީ ވިދާޅުވެފަ އެވެ.

ލަންކާ ހަނގުރާމަ ނިމުނީ މެއި، 2009 ގަ އެވެ.