Roadha Mihaaru
ޔުވެންޓަސް އިން ސަލާހް ގަންނަން ރޮނާލްޑޯ އެދިއްޖެ

ޔުވެންޓަސް އިން ސަލާހް ގަންނަން ރޮނާލްޑޯ އެދިއްޖެ

20 އެޕްރީލް 2019

ޓިއުރިން (އޭޕްރީލް 20) - އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން އަމާޒުހިފައި ޔުވެންޓަސް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ގަންނަން އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބްގެ ވެރިން ގާތުގައި އެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން (އޭޕްރީލް 20) - އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން އަމާޒުހިފައި ޔުވެންޓަސް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ގަންނަން އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބްގެ ވެރިން ގާތުގައި އެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގަށް އަމާޒުކޮށް 100 މިލިއަން ޔޫރޯ އަށް ޔުވެންޓަސް އިން ރޮނާލްޑޯ ގަތް ނަމަވެސް އެ ޓީމު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ކަޓައިފަ އެވެ. ޔުވެންޓަސް ކެޓީ ނެދަލެންޑްސްގެ އަޔަކްސް އަތުންނެވެ.

ޔުވެންޓަސްގެ ކުރީގެ މިޑްފީލްޑަރު ކްލައުޑިއޯ މާކީސިއޯ ބުނީ ރޮނާލްޑޯ އަކީ ޗެމްޕިއަނެއް ކަމަށާއި އެހެން ނަމަވެސް ހަމައެކަނި އޭނާ ގެނެސްގެން ޔުވެންޓަސް އިން 1996 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމުގެ ހުވަފެން ހާސިލްނުކުރެވޭނެ ކަމަށާއި އެ އަށް ވުރެ ބޮޑަށް ޓީމު ވަރުގަދަކުރަން ޖެހޭ ކަމަށެވެ.

ރޮނާލްޑޯ އަންނަ އަހަރު އެ ޓީމު ދޫކޮށްލާނެ ކަމުގެ އަޑުތަކެއް ވަނީ މީޑިއާގައި ފެތުރިފަ އެވެ. އަދި ކްލަބްގައި މަޑުކުރަން ރޮނާލްޑޯ ޑިމާންޑްތަކެއް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ލިވަޕޫލުގެ ފޯވާޑް ސަލާހު ގަތުމެވެ. ރޮނާލްޑޯގެ އެދުމަކީ ޔުވެންޓަސް އިން ހަމައެކަނި އޭނާ އަށް ބަރޯސާވެފައި އޮންނަ އޮތުން ދޫކޮށްލައި ވަރުގަދަ ޓީމެއް އެކުލަވައިލުމެވެ.

ރެއާލާއި ރޯމާ ބައްދަލުކުރި މެޗެއްގެ ތެރެއިން ރޮނާލްޑޯ (ކ) އާއި ސަލާހު. -- ފޮޓޯ: އޭއެފްޕީ

ރެއާލާއި ރޯމާ ބައްދަލުކުރި މެޗެއްގެ ތެރެއިން ރޮނާލްޑޯ (ކ) އާއި ސަލާހު. -- ފޮޓޯ: އޭއެފްޕީ

ކުރިން އިޓަލީގެ ދެ ކްލަބް ކަމަށްވާ ރޯމާ އާއި ފިއޮރެންޓީނާ އަށް ކުޅުނު ސަލާހު ލިވަޕޫލަށް ބަދަލުވުމަށް ފަހު އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނަށް ފަހު ސަލާހު ލިވަޕޫލް ދޫކޮށްލަން އުޅޭ ކަމަށް ސްޕެއިނުގެ ބައެއް މީޑިއާތަކުން ބުނި ނަމަވެސް ސަލާހުގެ އޭޖެންޓް ރަމީ އައްބާސް ވަނީ އެކަން ދޮގުކޮށްފަ އެވެ.

ލިވަޕޫލުން ދާދި ފަހުން ވަނީ ޔުވެންޓަސްގެ އާޖެންޓީނާ އެޓޭކަރު ޕައޮލޯ ޑީބަލާ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ލިވަޕޫލުން ޑީބަލާ އަށް ބިޑްކުރާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ޔުވެންޓަސްގެ ވިސްނުން މިހާރު ހުރީ ލިވަޕޫލުން ބޭނުންވާނަމަ ޑީބަލާ އާއި ސަލާހު ބަދަލުކުރުމަށެވެ.

ސަލާހު ވަނީ ދާދި ފަހުން ލިވަޕޫލާ އެކު ހަދާފައިވާ އެއްބަސްވުން 2023 ވަނަ އަހަރުގެ ނިޔަލަށް އާ ކޮށްފަ އެވެ. އޭރު ސަލާހު ބުނީ ލިވަޕޫލުގައި މިހާރު އޮތް ސްކޮޑާ އެކު ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

ޑީބަލާ އަގުބޮޑުވާނެތީ ލިވަޕޫލުން މިހާރު އަންނަނީ އެހެން ކުޅުންތެރިންނަށް ވެސް ފާރަލަމުންނެވެ. އޭގެ ތެރޭގައި ފްރާންސްގެ ލިއްލޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އައިވަރީ ކޯސްޓުގެ ނިކޮލަސް ޕެޕޭ އާއި ބަޔާ ލެވަކޫސަންގެ ޖޫލިއަން ބްރަންޑް އަދި އާރްބީ ލިޕްޒިގުގެ ޓިމޯ ވާނާ ހިމެނެ އެވެ.