Roadha Mihaaru
އިނާޔަތް ދިނުމާ ދެކޮޅަށް އެމްޑީޕީން ތްރީ ލައިން ވިޕެއް

ކުރީގެ މެމްބަރުންނަށް އާ އިނާޔަތްތަކެއް ދިނުމާ ދެކޮޅަށް އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފި

24 އެޕްރީލް 2019

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނަށް އާ އިނާޔަތްތަކެއް ދިނުމަށް މަޖިލިހުގެ ތިން މެމްބަރަކު އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލްތަކަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ތާއީދު ނުކުރަން ނިންމައި ތްރީލައިން ވިޕެއް ނެރެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނަށް އާ އިނާޔަތްތަކެއް ދިނުމަށް މަޖިލިހުގެ ތިން މެމްބަރަކު އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލްތަކަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ތާއީދު ނުކުރަން ނިންމައި ތްރީލައިން ވިޕެއް ނެރެފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މެމްބަރު މުހައްމަދު އަސްލަމް "މިހާރު" އަށް މިރޭ ވިދާޅުވީ އެ ބިލްތައް ފާސް ނުކުރަން "ރެޑް ލައިން ވިޕެއް" ނެރެން ޕީޖީ ގްރޫޕުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، އެ ބިލްތައް މަޖިލިހުން ބޭރުކުރަން އެމްޑީޕީގެ މެމްބަރުން ވޯޓު ދެއްވަން މަޖުބޫރެވެ.

"ޕީޖީ ގްރޫޕްގައި މަޝްވަރާކޮށްފައި ހުރިހާ މެމްބަރުން އިއްތިފާގުވެވަޑައިގެންނެވީ އެ ބިލްތައް ފާސް ނުކުރަން. އެގޮތުގެ މަތިން މަޖިލިހުގައި އަމަލުކުރާނީ،" އަސްލަމް ވިދާޅުވި އެވެ.

އިމްތިޔާޒްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްތައް މަޖިލިހަށް ހުށަހެޅުއްވީ މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދެވެ. އެކަމަކު، މުސްތަފާ ވަނީ އިސްލާހު އަނބުރާ ގެންދަވަން ނިންމަވައިފަ އެވެ.

އިމްތިޔާޒްތަކުގެ ގާނޫނަށް ހަތަރު އިސްލާހެއް ހުށަހެޅި އިރު، އެ ބިލްތަކުގެ ފުރަތަމަ ކިއުން މަޖިލިހުގައި ވަނީ އިއްވައިފަ އެވެ. ނަމަވެސް އެ ބިލްތަކާ ގުޅޭ ބަހުސްތަކެއް މަޖިލިހުގެ ތަޅުމުގައި އަދި ނުފަށަ އެވެ. މެމްބަރުން ބަހުސް ކުރެއްވުމުން، އެ ބިލްތައް ބަލައިގަންނަން ފެނޭތޯ މެމްބަރުންގެ މެދުގައި ވޯޓަށް އަހާނެ އެވެ. ބިލްތައް ބަލައިގަންނަން ފެންނަ ކަމަށް ނިންމައިފި ނަމަ، ބިލްތައް ދިރާސާކުރަން ކޮމިޓީ އަށް ފޮނުވާނެ އެވެ. ބިލްތައް ބަލައިނުގަތުމަށް ނިންމައިފި ނަމަ، އެ ބިލްތައް ބާތިލްވެގެންދާނެ އެވެ.

އެހެންވެ، މަޖިލިހުގެ މެމްބަރުން މި މަހު ޗުއްޓީ އަށް ވަޑައިގަތުމުގެ ކުރިން އެ ބިލްތަކާ މެދު ގޮތެއް ނިންމުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެއީ، މަޖިލިހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު އޮންނަ އިރު، އެ ދުވަހު ގޮތެއް ނިންމަން ވެސް ފުރުސަތު އޮތީމަ އެވެ.

މީގެ ކުރިން މަޖިލިހުގައި ބައެއް ފަހަރު އަމަލުކުރާ އުސޫލަށް ބަލާ އިރު، ބިލްތަކާ މެދު މެމްބަރުން ކުރައްވާ ބަހުސް އެ ދުވަހެއްގައި ނިމުމުން ބިލް ދިރާސާ ކުރަން ކޮމިޓީ އަށް ފޮނުވަ އެވެ. އަދި ރޭގަނޑު ވަގުތުގައި ޖަލްސާ ބާއްވައިގެން އެ ދުވަހު ވެސް ބިލްތައް ފާސްކޮށްފައި އެބަހުއްޓެވެ.

މުސްތަފާ ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލިހުގެ މެމްބަރުކަން ކުރައްވާފައިވާ ކޮންމެ މީހަކަށް އެއާޕޯޓުން ވީއައިޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ވާނެ ކަމަށް ބުނެފަ އެވެ.

ލަތީފް، އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހެއްގައި ވަނީ މަޖިލިހުގެ މެމްބަރުން ބޭނުންވާ ނަމަ، ހެލްތު އިންޝުއަރެންސް ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި އުމުރުން 18 އަހަރު ނުވާ އުފަން ކުދިން ބައިވެރިކުރަން ވާނެ ކަމަށެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ހެލްތު އިންޝުއަރެންސް ލިބިވަޑައިގަންނަވާނީ މެމްބަރުންނަށް އެކަންޏެވެ.

މަޖިލިހުގެ ކޮންމެ މެމްބަރަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ހަމަޖައްސަން ވާނެ ކަމަށް ލަތީފްގެ ބިލްގައި ބުނެފައިވާ އިރު، އެ ޕާސްޕޯޓު ހެދުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަން ވާނީ އެ މެމްބަރަކު އަމިއްލަ އަށް ކަމަށް ބިލްގައިވެ އެވެ.

ލަތީފް ހުށަހެޅުއްވި އިސްލާހުގައި ވަނީ މެމްބަރުންނަށް މާލީ އިނާޔަތް ލިބޭނީ އެ މެމްބަރަކު މަޖިލިހުން ވަކިވާ ހިސާބުން ކަމަށެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން މެމްބަރުންނަށް މާލީ އިނާޔަތް ލިބޭނީ އެ މެމްބަރަކު މަޖިލިހުން ވަކިވުމަށް ފަހު، އަދި އެ މެމްބަރެއްގެ އުމުރުން 55 އަހަރު ފުރޭ ފަހުންނެވެ. އަދި ޔާމީންގެ އިސްލާހުގައި ވެސް އޮތީ ލަތީފްގެ އިސްލާހާ ދާދި އެއްގޮތަށެވެ.

އެކަމަކު ޔާމީންގެ އިސްލާހުގައި ވަނީ ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި އިނާޔަތް ނުލިބޭނެ ކަމަށް ބުނާ މާއްދާ އުވައިލަން ހުށަހަޅުއްވައިފަ އެވެ.