Roadha Mihaaru
ވިސާމް، ލިމްކޮކްވިންގެ ރައީސްއާ ބައްދަލުކުރައްވައިފި

މެލޭޝިއާގެ ސަފީރު ވިސާމް ލިމްކޮކްވިން ޔުނިވަސިޓީގެ ރައީސްއާ ބައްދަލުކުރައްވައިފި

26 އެޕްރީލް 2019

މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ވިސާމް އަލީ، ލިމްކޮކްވިން ޔުނިވަސިޓީގެ ވެރިޔާ އަދި ރައީސް ތާން ސްރީ ލިމް ކޮކް ވިންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މުހައްމަދު ޔާމީން ކުއަލަ ލަމްޕޫރުން މުހައްމަދު ޔާމީން

މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ވިސާމް އަލީ، ލިމްކޮކްވިން ޔުނިވަސިޓީގެ ވެރިޔާ އަދި ރައީސް ތާން ސްރީ ލިމް ކޮކް ވިންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ގިނަ އަދަދެއްގެ ދިވެހިން ކިޔަވަމުން އަންނަ ލިމްކޮކްވިން ޔުނިވަސިޓީ އަށް ވިސާމް ވަޑައިގެންނެވުމުން، އެ ޔުނިވަސިޓީގެ އިސް ބޭފުޅުންނާއި ދަރިވަރުން ހޫނު މަރުބާއެއް ދެންނެވި އެވެ. މިއީ ސަފީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވިސާމް، ޔުނިވަސިޓީއަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ލިމްކޮކްވިން ޔުނިވަސިޓީގެ ވެރިންނާ ބައްދަލުކުރައްވައި، ވިސާމް ވިދާޅުވީ ޔުނިވަސިޓީގައި ދިވެހިން ކިޔަވަމުން އަންނަނީ ވަރަށް އުފަލާއި ހިތްހަމަޖެހުމާ އެކު ކަމަށެވެ. އަދި ޔުނިވަސިޓީގެ ޕްރޮގްރާމްތައް ރޭވިފައި ހުރީ ތިމާވެއްޓާ ރައްޓެހި ޝައުގުވެރިކުރުވަނިވި ގޮތަކަށް ކަމަށް ވިސާމް ވިދާޅުވި އެވެ.

މެލޭޝިއާގެ ސަފީރު ވިސާމް (ކ) މިއަދު ލިމްކޮކްވިން ޔުނިވަސިޓީ އަށް ވަޑައިގެން އެތަން ބައްލަވާލައްވަނީ. --- ފޮޓޯ: މިހާރު/ މުހައްމަދު ޔާމީން

މެލޭޝިއާގެ ސަފީރު ވިސާމް (ކ) މިއަދު ލިމްކޮކްވިން ޔުނިވަސިޓީ އަށް ވަޑައިގެން އެތަން ބައްލަވާލައްވަނީ. --- ފޮޓޯ: މިހާރު/ މުހައްމަދު ޔާމީން

ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އަނބިކަނބަލުން އަދި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރުކަން ކުރެއްވި ވިސާމް ވަނީ ލިމްކޮކްވިން ޔުނިވަސިޓީން ސްކޮލަޝިޕްގެ ފުރުސަތު ރާއްޖެ އަށް ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

ލިމްކޮކްވިން ޔުނިވަސިޓީން ބުނީ ރާއްޖެ އާއި އެ ޔުނިވަސިޓީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ކޮން ދާއިރާތަކަކުންތޯ ބަލައި ދިރާސާ ކުރާނެ ކަމަށް ބުންޏެވެ.

ހާއްސަކޮށް، ދިވެހިންނަށް ސްކޮލަޝިޕްގެ ފުރުސަތުތައް އިތުރު ކުރެވޭނީ ކޮން ދާއިރާއަކުންތޯ ބަލާނެ ކަމަށް ވެސް ލިމްކޮކްވިން ޔުނިވަސިޓީގެ ވެރިން ވިދާޅުވި އެވެ.

ވިސާމާއި މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީ އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބައެއް ބޭފުޅުން ޔުނިވަސިޓީ އަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ ބައެއް ތަންތަން ބައްލަވާލެއްވި އެވެ.

ލިމްކޮކްވިން ޔުނިވަސިޓީގެ ދަރިވަރުންތަކެއް މެލޭޝިއާ އެއްކޮށްހެން ފެންނަ ގޮތަށް ނެގި ފޮޓޯއެއް، ސަފީރު ވިސާމަށް ދައްކާލަނީ. --- ފޮޓޯ: މިހާރު/ މުހައްމަދު ޔާމީން

ލިމްކޮކްވިން ޔުނިވަސިޓީގެ ދަރިވަރުންތަކެއް މެލޭޝިއާ އެއްކޮށްހެން ފެންނަ ގޮތަށް ނެގި ފޮޓޯއެއް، ސަފީރު ވިސާމަށް ދައްކާލަނީ. --- ފޮޓޯ: މިހާރު/ މުހައްމަދު ޔާމީން

މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ކުރި ޓުވީޓު.

ލިމްކޮކްވިން ޔުނިވަސިޓީގައި މިހާރު ގާތްގަނޑަކަށް 50 ދިވެހި ދަރިވަރުން ތައުލީމު ހާސިލް ކުރެ އެވެ. އަދި 500 އަށް ވުރެ ގިނަ މީހުން އެ ޔުނިވަސިޓީން ވަނީ ގްރެޖުއޭޓު ވެފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ހިމެނިވަޑައިގަންނަވަ އެވެ.

ޔުނިވަސިޓީގައި ކޮމިއުނިކޭޝަން ދާއިރާ އިން މާސްޓާސް ކިޔަވަމުން އަންނަ ސޮފާ ޝަފީގު "މިހާރު" އަށް ބުނީ ޔުނިވަސިޓީގައި ކިޔެވުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އެކަމަކު، އެ ލިމްކޮކްވިން ޔުނިވަސިޓީގެ ތެރޭގައި ދިވެހިން ކިޔެވުން ފުރިހަމަ ކުރުމުގައި ދަތިތަކެއް ހުރި ކަމަށް އޭނާ ބުންޏެވެ.

ލިމްކޮކްވިން ޔުނިވަސިޓީގައި މިއަދު ދިވެހި ކިޔަވާ ކުދިންތަކެއް މަޑުކޮށްލައިގެން. --- ފޮޓޯ: މިހާރު/ މުހައްމަދު ޔާމީން

ލިމްކޮކްވިން ޔުނިވަސިޓީގައި މިއަދު ދިވެހި ކިޔަވާ ކުދިންތަކެއް މަޑުކޮށްލައިގެން. --- ފޮޓޯ: މިހާރު/ މުހައްމަދު ޔާމީން

"އެކަމަކު، އަޅުގަނޑު ގަބޫލު ކުރަނީ ސަފީރު މަސައްކަތް ކުރައްވާނެ ކަމަށް އެ ކަންކަން ހައްލުކޮށް ދޭން. އަޅުގަނޑުމެންގެ ޝަކުވާތަކުގެ އަޑުއަހައި ހައްލުކޮށްދޭނެ ވަރުގެ ސަފީރެއް މި އައީ،" މިދިޔަ މަހުގެ 26 ވަނަ ދުވަހު ސަފީރުކަމަށް ވަޑައިގެންނެވި ވިސާމާ ބެހޭ ގޮތުން ސޮފާ ބުންޏެވެ.

ލިމްކޮކްވިން ޔުނިވަސިޓީގައި ތައުލީމު ހާސިލް ކުރާތާ އެއް އަހަރުވެފައިވާ ސޮފާ، މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީ އަށް ތައުރީފްކޮށް ބުނީ މުވައްޒަފުންނާއި ދިވެހިންނާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. މި ގުޅުން ދަމަހައްޓާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ނޫޅޭ ވަރަށް ވުރެ ބޮޑަށް ކަންކަން ހައްލުކޮށް ދިނުމަށް އެމްބަސީގެ އެކިއެކި ބޭފުޅުން އަބަދުވެސް މަސައްކަތް ކުރައްވާ. އެއީ ވަރަށް ހިތްހަމަޖެހޭ ކަމެއް." ސޮފާ ބުންޏެވެ.

ލިމްކޮކްވިން ޔުނިވަސިޓީ އަކީ އެންމެ ބޮޑު ކެމްޕަހެވެ. އެގޮތުން، އެ ޔުނިވަސިޓީގައި 150 ގައުމަކުން 30،000 އަށް ވުރެ ގިނަ މީހުން އަންނަނީ ތައުލީމު ހާސިލް ކުރަމުންނެވެ. ލިމްކޮކްވިން ޔުނިވަސިޓީގެ އެހެން ކެމްޕަސްތައް ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގައި ހުރެ އެވެ. އޭގެ ތެރޭގައި ސައުތު އެފްރިކާ، އިނގިރޭސި ވިލާތް އަދި އޭޝިއާގެ ބައެއް ގައުމުތައް ހިމެނެ އެވެ.