Roadha Mihaaru
ދަތިކަމެއް ނެތި ކަރާ ލިބޭނެ: ދަނޑުވެރިން

ދަތިކަމެއް ނެތި ކަރާ ލިބޭނެ: ދަނޑުވެރިން

05 މެއި 2019

މިދިޔަ އަހަރު ކަރާގެ އަގު ބޮޑުވި ނަމަވެސް މި އަހަރު ރޯދަމަސް ނިމެންދެން ހެޔޮ އަގެއްގައި ކަރާ ލިބެން ހުންނާނެ ކަމަށް ދަނޑުވެރިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު ކަރާގެ އަގު ބޮޑުވި ނަމަވެސް މި އަހަރު ރޯދަމަސް ނިމެންދެން ހެޔޮ އަގެއްގައި ކަރާ ލިބެން ހުންނާނެ ކަމަށް ދަނޑުވެރިން ބުނެފި އެވެ.

މިދިޔަ އަހަރުގެ ރޯދަމަހާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައިގައި ކަރާ ދަނޑުތައް ވަރަށް ބޮޑަށް ހަލާކުވި އެވެ. އެހެންވެ ކަރާ ކިލޯއެއްގެ އަގު 60ރ. އަށް ވެސް އެރި އެވެ. އެހެން ނަމަވެސް ދަނޑުވެރިން ބުނާ ގޮތުގައި މި އަހަރުގެ ރޯދަ މަހު ކަރާ ލިބުމުގައި އެއްވެސް ދަތިކަމެއް ނޯންނާނެ އެވެ.

ރާއްޖޭގައި އެންމެ ގިނައިން ކަރާ ހައްދާ ރަށް ކަމުގައިވާ އއ. ތޮއްޑޫ ކައުންސިލްގެ ނައިބު ރައީސް ހަސަން އަބްދުﷲ ވިދާޅުވީ، ރޯދަ އަށް ހާއްސަކޮށް ތޮއްޑޫގައި 117 ކަރާ ދަނޑު ހައްދާފައިވާ ކަމަށެވެ.

"ކަރާ ދަނޑުތައް ހައްދަނީ ރޯދަމަހުގެ ކޮންމެ ދުވަހަކުބވެސް ކަރާ ލިބޭނެ ގޮތަށް ބަލައިގެން. އެއްވެސް ވަރަކަށް ކަރާ އަށް މިފަހަރު ދައްޗެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ތޮއްޑޫން 25 ޓަނާއި 35 ޓަނާ ދެމެދުގެ އަދަދަކަށް ކަރާ މާލެ ގެނެ އެވެ.

ކަރާ ހައްދާ ކެލާ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އިސްމާއިލް ވިދާޅުވީ، ގާތްގަނޑަކަށް 50 ދަނޑުވެރިން ރޯދަ މަހަށް ހާއްސަކޮށް ކަރާ ހެއްދި ކަމަށެވެ. ކޮންމެ ހަފްތާއަކު އެއް ފަހަރު ކެލާއިން މާލެއަށް ކަރާ ގެންދާނެ ކަމަށާއި މި އަހަރުގެ ރޯދަ މަހު ކަރާ ވަރަށް ތިޔާގިވާނެ ކަމަށް ދަނޑުވެރިން ފާހަގަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމުކޮށް މާލެއަށް ގެންދަނީ. އެހެން ނަމަވެސް ދިއްދޫ އާއި ވަށަފަރަށް ވެސް ކެލާއިން ކަރާ ގެންގޮސް ހަދާ،" އޭނާ ވިދާޅުވި އެވެ.

މާދަމާ އަކީ ރޯދަމަހުގެ ފުރަތަމަ ދުވަހަށްވާ އިރު ކަރާ ކިލޯއެއް މާރުކޭޓުގައި ލިބެން ހުރީ 30ރ. އަށެވެ. މީގެ ތިން ދުވަސް ކުރިން ކަރާ ކިލޯއެއް 15ރ. އަށް ލިބެން ހުއްޓެވެ.

ކަރާ ހައްދާ ރަށެއް ކަމުގައިވާ ކ. ކާށިދޫ ކައުންސިލް މެންބަރު އިބްރާހިމް ފައިސަލް ވިދާޅުވީ، ރޯދައަށް ހާއްސަކޮށް އެ ރަށުގައި ވެސް އެންމެ ގިނައިން ހެއްދީ ކަރާ ކަމަށެވެ. އެގޮތުން 30 ވަރަކަށް ދަނޑުވެރިން މިއަހަރު ކަރާ ހެއްދި ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ރޯދަ މަހު ކަރާ ލިބުމުގައި ދަތިކަމެއް ނާންނާނެ އެ ރަށުގެ ދަނޑުވެރިން ފާހަގަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަގު އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ.