Roadha Mihaaru
15 އެންބިއުލާންސް ހޯދަން ބީލަން ހުޅުވާލައިފި

15 އެންބިއުލާންސް ހޯދަން ބީލަން ހުޅުވާލައިފި

06 މެއި 2019

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް އެމްބިއުލާންސް ނެތުމުގެ ދަތިކަން ކުރިމަތިވެފައިވާތީ، ގިނަ އަދަދެއްގެ އެމްބިއުލާންސް ގަންނަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް އެމްބިއުލާންސް ނެތުމުގެ ދަތިކަން ކުރިމަތިވެފައިވާތީ، ގިނަ އަދަދެއްގެ އެމްބިއުލާންސް ގަންނަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ހެލްތު މިނިސްޓްރީގެ ބޭނުމަށް 15 އެމްބިއުލާންސް ސަޕްލައިކޮށް، ޑެލިވަރީކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ބީލަމުގައި ބައިވެރިވާން 1،500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ފިނޭންސް މިނިސްޓްރީން ފައިސާ ބަލައި ގަންނާނެ އެވެ.

އަދި ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000ރ. ހުށަހަޅަން ވެސް ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 12 ވަނަ ދުވަހެވެ.

ރަށްރަށަށް ދިމާވެފައިވާ އެމްބިއުލާންސްގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ އެމްބިއުލާންސް ހޯދަން ބީލަމަށް ހުޅުވައިލި އިރު، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ޕެރެމެޑިކް އެމްބިއުލާންސް ވެސް 2015 އިން ފެށިގެން އަންނަނީ ބޭނުން ކުރަނުންނެވެ. އަދި ބައެއް ސަރަހައްދުތަކުގައި ސީ އެމްބިއުލާންސްގެ ހިދުމަތް ވެސް ދެ އެވެ.

ނަމަވެސް، އެމްބިއުލަންސް ނެތުމާއި އެމްބިއުލާންސް ބޭނުން ނުކުރެވޭ ހާލަތުގައި ހުރުމުން ބަލިމީހުން އުފުލުމުގައި ބޮޑެތި ރަށްރަށަށް ބޮޑެތި ތަކުލީފުތައް އުފުލަން ޖެހިފައިވެ އެވެ.